އިސްރާއީލުގައި ތިން ވަނަ ފަހަރަށް އާންމު އިންތިޚާބު ބާއްވަނީ

ނަތަންޔާހޫ އާއި ގަންޓްޒް

ޓެލްއަވީވް (ޑިސެމްބަރު 12) : އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ މައި ދެ ޕާޓީ ވެސް ނާކާމިޔާބު ވުމާ ގުޅިގެން ތިން ވަނަ ފަހަރަށް އިންތިޚާބު ބޭއްވުމަށް ނިންމައިފި އެވެ.

ތިން ވަނަ އިންތިޚާބެއް ބޭއްވުމަށް މަގުފަހި ކުރުމަށް ޓަކައި އިސްރާއީލުގެ ޕާލަމެންޓް އުވާލުމުގެ ގަރާރެއް ފާސްކުރުމަށް ޕާލަމެންޓްގެ 90 ޕަސެންޓް ގޮނޑި ކޮންޓްރޯލްކުރާ މައި ދެޕާޓީ އެއްބަސްވުމާ އެކު މި ކަމާބެހޭ ޖަލްސާއެއް ޕާލަމެންޓްގައި ބާއްވައި އެގަރާރު ފާސްކޮށް ޕާލަމެންޓް އުވާލުމަށް ވަނީ ނިންމާފަ އެވެ. މިއީ ބަރުލަމާނީ ނިިޒާމަށް ވެރިކަންކުރާ އިސްރާއީލުގައި އަހަރެއްގެ ތެރޭގައި ބާއްވާ ތިން ވަނަ އާންމު އިންތިޚާބެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނެކަމަށް ބެލެވިފައި ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހު އެވެ.

މިއީ އެއްއަހަރު ތެރޭގައި އިސްރާއީލުގައި ބާއްވާ ތިން ވަނަ އިންތިޚާބު ކަމަށްވާ އިރު ފުރަތަމަ އިންތިޚާބު ބޭއްވީ މި އަހަރުގެ މާޗު މަހު އެވެ. ދެވަނަ އިންތިޚާބު ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި ދެ އިންތިޚާބުގައި ވެސް އިސްރާއީލުގެ ބޮޑު ދެޕާޓީ ކަމަށްވާ ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ވެސް އަދި އިދިކޮޅު ލިޑަރު ބެނީ ގަންޓްސްގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އެހެންކަމުން ދެފަހަރު ވެސް އެދެބޭފުޅުންވަނީ ސަރުކާރު އެކުލަވާލުމުގައި ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. މީގެއިތުރުން ދެބޭފުޅުން ހިއްސާ ކުރައްވާގޮތަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމުގައި ވެސް ގަންޓްސް އާއި ނަތަންޔާހޫ ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.

މިއީ އިސްރާއީލުގައި އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރައްވާފައިވާ އަދި މިހާރު ވެސް ވެރިކަމުގައި ހުންނެވި ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ވަގުތުކަމަށް އެޕާޓީގެ އިސް ބައެއް ވެރިން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް މި ހާލަތުގައި އެކަން ކުރައްވަން ނަތަންހާޔޫ ފަސްޖެހިވަޑައިގަންނަވަނީ މިއީ ކޮރަޕްޝަންގެ މައްސަލާގައި ނަތަންޔާހޫއާ ދެކޮޅަށް ކޯޓުގައި ދައުވާތަކެއް ކުރިއަށްދާ ދަނޑިވަޅަކަށްވާތީ ސިޔާސީ ނުފޫޒު ބޭނުންކުރައްވައިގެން އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް