ދަނޑުވެރިކަމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި

ފޮރެސްޓްރީ އެންޑް ކޮކޮނަޓް ރެހިބިލިޓޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެން ފައިސަލް --- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ ދަށުން ހިންގާ އެގްރިކަލްޗާ ޑިވިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވު ނުވަގަޑި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ފޮރެސްޓްރީ އެންޑް ކޮކޮނަޓް ރެހިބިލިޓޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެން ފައިސަލް ވިދާޅުވީ އެސްއެމްއީ ބޭންކު މެދުވެރިކޮށް މިހާތަނަށް 2،225،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

"މިފަހަރު ހުޅުވާލި ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ މައިގަނޑު ހަތަރު ދާއިރާއެއް އިންނާނީ. އެއީ އާ ޓެކްނޮލަޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާއި އެގްރޮ ފޮރެސްޓްރީ، އަދި ދިރޭ ކުދި ޖަނަވާރު ގެންގުޅުމާއި ވެލިޔު އެޑިޝަންގެ މަސައްކަތްތަކަށް،" ފައިސަލް ވިދާޅުވި އެވެ.

މި ލޯނު ޕްރޮގްރާމުގެ ބޭނުމަކީ ދަނޑުވެރިކަން މިހާރު ކުރަމުންދާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ދޫކޮށްފައިވާ ގިނަ ލޯނުތަކަކީ ދަނޑުވެރިކަމަށް އާ ޓެކްނޮލަޖީ ބޭނުން ކުރުމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ލޯނު ކަމަށެވެ.

"އަމާޒަކީ އާ ޓެކްނޮލަޖީތައް ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ގެނެސް އެ މަންފާ އާއި ކުރިއެރުން މި ސިނާއަތުގެ ތެރެއަށް ގެނައުން،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ހޯދުމަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި އެސެސް ކުރެވި އަދި ލޯނު ދޫނުކުރާ އެޕްލިކޭޝަންތައް ވެސް އެބަހުރި ކަމަށެވެ.

"ރަށުފެންވަރުގައި އެކުއާޕޯނިކްސްގެ މަސައްކަތްތައް ކުރުމާ، މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގްރީންހައުސް އެޅުމަށް ބޭނުންވާ ތަކެތި ގަތުމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަން އެގްރިކަލްޗާ މިނިސްޓްރީ އިން ފާހަގަކުރެ އެވެ. އެގޮތުން އަންހެނުންނަށް ހާއްސަކޮށްގެން އަންހެނުން ދަނޑުވެރިކަމުގެ ސިނާއަތަށް ނެރެ، އެ ސިނާއަތާ ގުޅޭ އެންޓްރެފްރެނިއާ ޓްރެއިނިން ދޭން ރާވާފައިވާކަން މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.

comment ކޮމެންޓް