ޑްރަގް ވިޔަފާރީގެ ދެ ބޮޑުން ހައްޔަރުކޮށްފި

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ--- ފޮޓޯ ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫތު އިންޓެލިޖެންސްއަށް ލިބުމުން އިއްޔެ ރޭ ހިންގި އޮޕަރޭޝަންއެއްގައި 44 އަދި 47 އަހަރުގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެހީންކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގަިއ އެމީހުން ހައްޔަރުކޮށް ކޯޓް އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 33 ދަޅާއި ދެ ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާވެސް އެގެއިން ފެނުނުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން ތަހުގީގް ކުރަމުންދާކަމަށެވެ.

ފުލުހުން މިއަހަރު ކުރީކޮޅު ބުނީ ސެކިއުރިޓީ ވަރުގަދަކޮށްގެން، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ބައެއް ގެތައް މާލޭގައި މިހާރު ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ގެތަކަށް ފުލުހުން ވަނުމަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުންނަ ކަމަށާއި ނަމަވެސް މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގާއިރު އެ ފަދަ ތަންތަން ހަލާކުކޮށްލައިގެން ނަމަވެސް ވަންނާނެކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އޮކްޓޫބަރުމަހު ދިވެހީންގެ ބަޔަކު ބައިވެރިވެގެން، އީރާންގެ "އަލްޝަބާން" ކިޔާ ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްވެސް ފެންމަތިވިއެވެ. އޭގެ އިތުރުން ހަމަ އެ މަހު ބްރެޒިލްއިން ރާއްޖެ އައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތިވެސް އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް