ސެގް ނޯމިނޭޝަންގެ ކުރީގައި ބޮމްބްޝެލް އާއި ސްކާލެޓް ޖޯހެންސަން

މެރިޖް ސްޓޯރީ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެއް ---

ހޮލީވުޑުގައި ދޭ އެންމެ ވަރުގަދަ އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް ނުވަތަ ސެގް އެވޯޑްސްގެ ނޯމިނޭޝަންތަކުގެ އެންމެ ކުރީގައި ދާދިފަހުން ނެރުނު ޑްރާމާ "ބޮމްބްޝެލް" އާއި މަޝްހޫރު އެކްޓްރެސް ސްކާލެޓް ޖޯހެންސަން ހިމެނިއްޖެ އެވެ.

ސެގް އެވޯޑްސް އިން ވަނީ އަންނަ އަހަރުގެ އެވޯޑުގެ ނޯމިނޭޝަންތައް ރޭގައި އާންމުކޮށްފަ އެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި މި އަހަރު ނެރުނު "ބޮމްބްޝެލް"އަކީ ވަރަށް ބޮޑަށް ހައިރާން ކޮށްލުވާލި މޮޅު އެކްޓިން ފެނިގެން ދިޔަ ޝޯއެއް ކަމަށެވެ.

ބޮމްބްޝެލް އަކީ އެމެރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނިއުސްގައި މަސައްކަތްކުރި މަޝްހޫރު ނޫސްވެރިޔަކާ އެތަނުގެ ބޯޑުގެ މަތީ ފަރާތެއް، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ކޮންޓްރޮވާސީއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ޝާލީޒް ތިރޯން އާއި މާގޯ ރޮބީ އަދި ނިކޯލް ކިޑްމަންގެ އެކްޓިންއަށް ސެގް އެވޯޑްސް އިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

މެރިޖް ސްޓޯރީގައި ސްކާލެޓް ޖޯހެންސަން ---

ސްކާލެޓް މި އަހަރު ފެނިގެން ގޮސްފައިވާ "މެރިޖް ސްޓޯރީ" އާ ގުޅިގެން އޭނާ ވެސް ވަނީ ސެގް އެވޯޑްސްގެ ނޯމިނޭޝަންގެ ލިސްޓުގެ ކުރީގައި ހިމެނިފަ އެވެ.

ވަރިވުމަށް ފަހު އާއިލާއަށް ވެގެންދާ ގޮތް ދައްކައިދޭ ފިލްމެއް ކަމަށްވާ މެރިޖް ސްޓޯރީ ވަނީ ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފަ އެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ގޯލްޑެން ގްލޯބްސްގެ ނޯމިނޭޝަން ރޭހުގައި ވެސް މެރިޖް ސްޓޯރީ ވަނީ ވިދާލައިފަ އެވެ.

މި އަހަރު ނެރުނު ކޮރެއާ ފިލްމު ކަމަށްވާ "ޕެރަސައިޓް"އަށް ވެސް ސެގް އެވޯޑްސްގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

ސެގް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 20ގަ އެވެ.

comment ކޮމެންޓް