ކާމިޔާބު ގިނަ ފިލްމުތަކަކާއެކު ޑިޒްނީއަށް މިއަހަރު އެކަނިވެސް މިހާތަނަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ބޮކްސް އޮފީހުގައި މިއަހަރަކީ ޑިޒްނީ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން މިހާތަނަށް އެ ސްޓޫޑިއޯއަށް ލިބިފައިވާ ނުވާ ވަރަށް ގިނަ އާމްދަނީ އެއް ވަނީ ލިބިފައެވެ.
މިއަހަރު މިހާތަނަށް އެ ކުންފުނިން ނެރުނު ފިލްމުތަކުގެ އާމްދަނީ 10 ބިލިއަނަށްވުރެ މަތި ވާއިރު ޑިޒްނީއަކީ މުޅި ބޮކްސް އޮފީހުގައިވެސް ވެރިކަން ކުރަމުންދާ ސްޓޫޑިއޯ އެވެ.
ޑިޒްނީއިން ވަނީ މިއަހަރު ބޮޑެތި ބަޖެޓުގެ ގިނަ ފިލްމުތަކެއް އަޅުވާފައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީ އެއް ހޯދައިދީފައިވަނީ އެވެންޖާސްގެ އެންމެ ފަހުގެ ފިލްމު "އެންޑްގޭމް" އެވެ.
އެވެންޖާސްގެ އެންޑްގޭމް ވަނީ 2.79 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ. އެއީ މިހާރު އަޅުވާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއްވެސް ހޯދާފައިވާ ފިލްމެވެ. އެންޑްގޭމް އެ މަގާމު ހޯދާފައިވަނީ 10 އަހަރުވަންދެއް އެ މަގާމުގައި އޮތް "އެވެޓާ" ވައްޓާލުމަށްފަހުގައެވެ.
ޑިޒްނީއިން މިއަހަރު ނެރުނު ފިލްމުތައް ކަމަށްވާ "ލަޔަން ކިންގް" އާއި "ކެޕްޓަން މާވެލް" އާއި "ޓޯއި ސްޓޯރީ 4" އަދި "އެލާޑީން" ހުރިހާ ފިލްމެއްވެސް ވަނީ ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.
އެކުންފުންޏަށް 10 ބިލިއަނަށް ވާސިލު ވެވުނީ މިދިޔަ މަހުގެ ފަހުކޮޅުގައި އެޅުވި "ފްރޯޒެން 2" އާ އެކުގައެވެ. އެ ފިލްމުވެސް މިހާރު ވަނީ އެއް ބިލިއަނާ ގާތްކޮށްފައެވެ.