އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

އަޒްކީލް ޒަބްދުތަށި އެއްކޮށް ހުސްކޮށްލާފައި ދާން ހިނގައިގަތުމުން ގަންދީޝާގެ ތުންފަތަށް ނުލަފާ ހިންޏެއްވެރިވިއެވެ. ފަސްވަރަކަށް މިނިޓް ނުވަނީސް އެންމެނަށް ސިހި ދުއްވައިގަނެވުނީ ބޭރުތެރެއިން އަޑުގަދަވެގެންނެވެ. ގަންދީޝާ ޔަގީންކުރީ އަޒްކީލްއަށް ކަމެއްވެގެން އެންމެން ހަޅޭއްލަވައިގަތީ ކަމުގައެވެ. ދޮރު ހުޅުވާލާފައި ބަލައިލިއިރު އަދި ވީ އެހެނެއް ނޫނެވެ.

"ﷲއަކްބަރު ﷲ އަކްބަރު...." އަޒްކީލްއާއި އޭނަގެ އެކުވެރިން ކޮންމެވެސް ކަމަކާ އުފަލުން ހަޅޭއްލަވާފައި އެންމެ ފަހުން ތަކްބީރުވެސް ކީއެވެ. ގަންދީޝާ ހައިރާންވިއެވެ. އޭނަ ޔަގީންކުރީ ޒަހަރު އެޅީ ރިހިކުލައިގެ ތަށްޓަށް ކަމަށެވެ. ތަށީގައި ރަތްކުލަ ހުރި ގޮޅީގައި ހުރި ޒަބްދު އޭނަ އެޅީ އަޒްކީލްގެ ތަށްޓަށެވެ. މިވީގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ. ގަންދީޝާ ކައިރިވެފައި ސުވާލުކުރިއެެވެ. އަޒްކީލް ބުނީ ބަޣާވާތް ކުރަން އުޅުނު ރަށަކަށް ލަޝްކަރު ފޮނުވައިގެން ކާމިޔާބުވުމުން އުފާކުރަނީކަމުގައެވެ. ގަންދީޝާގެ މޫނަށް އެތައް ކުލައެއް ވެރިވިއެވެ. މާޔޫސްވިއެވެ. ދެން އަވަސްވެގަތީ އަނބުރާ ގަނޑުވަރަށް ދިޔުމަށެވެ. ދިޔުމުން ލިބުނު ޚަބަރަކުން ބިރުވެރިކަމުގެ ސާލެއް ގައިގާ އޮޅާލާ ބާރުކޮށްލެވުނުހެން ހީވިއެވެ.

ކަން ހިނގިގޮތް ބަލައިލަން ބަދިގޭ ބަޔަށް ނުވަންނަނީސް ދާރިން މަރުވެގެން އުޅޭ ޚަބަރު ލިބުނެވެ.

އަޒްކީލްގެ ފިރިހެންކޮއްކޮ ދާރިން އަކީ ގަންދީޝާ އެންމެ ގަޔާވާ ކުއްޖާއެވެ. ބަސްމަދު ކިޔަމަންތެރި ޒުވާނެކެވެ. އޭނަ ހެދިހާގޮތަކަށް ކިޔަމަންވެ އުޅޭތީ އެކުއްޖާއަށް ގެއްލުމެއްވާކަށް ގަންދީޝާވެސް ނޭދެއެވެ. ކޮންމެގޮތެއް ވިޔަސް އޭނައަށް އޮޅިގެން ޒަހަރު ލެވުނީ ދެން ހުރި ތަށްޓަށެވެ. މަރުވީ މަރުވާން ޖެހޭ ފަރާތެއް ނޫނެވެ. އަޖަލު ހަމަވީ ދާރިންގެ ކަމުން ކުށެއްނެތް ފުރާނައެއް ދުއްވައިލެވުނީއެވެ.

ދާރިންގެ މަރާއެކު މުޅި ރަށުގައި ހިތާމަ ފާޅުކުރުން ދިގުދެމިގެން ދިޔައެވެ. ޚާއްސަކޮށް ރަސްގެފާނު އަޒްކީލްގެ ލޮލުން ކަރުނަ ނުހިކުނެވެ. ކޮއްކޮގެ މަރުގެ ހަގީގަތް ހޯދަން އޭނަވަނީ ކާރމަންއަށް އަމުރުކޮށްފައެވެ. ބައްޔެއްނެތި ކުއްލިގޮތަކަށް ދާރިން މަރުވުމުން އެކަމާ އެންމެ ފުރަތަމަ ޝައްކުކުރީ ސެފްރަންއެވެ. ވިހަވުމުގެ ހުރިހާ އަސަރުތައް ފެނުމުން އޭނަ އަޒްކީލްއަށް އެކަން އެންގިއެވެ. ދާރިން މަރައިލި ބަޔަކު ސިއްރުން ހޯދުމަށް އެދުނެވެ. ކުށްވެރިންނަށް ނޭންގުމުން ގާތިލު ހޯދަން ފަސޭހަވާނެއެވެ.

***

ގަންދީޝާ އާއި ޒުއްނޫރީން ބައްދަލުކުރީ ރަށްބޭރުގައިވާ ޖަންގަލިތެރެއިންނެވެ. ނޭގުމުގެ ތެރޭ ދާރިން ނިމިގެން ދިޔުމަށްފަހު އަޒްކީލް އެހާ ހިމޭނުން ހުރުމަކީ ބޯމަތިވަމުން އަންނަ ތޫފާނެއްގެ ނިޝާނެވެ. އެތޫފާން އެމީހުން ފަނާކޮށްލުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެކަމަކު ދެވަނަފަހަރަށް ޒަހަރު ދޭން އުޅުމަކީ މޮޔަކަމެކެވެ. ޒުއްނޫރީން ކާރލީން ގެނެސްގެން މަޝްވަރާ ކުރިއެވެ. ކާރމަންއާއި މިރިއަމްގެ ދަރިފުޅުގެ ސިއްރު ކާރލީންއަށް ކިޔާ ދިނެވެ. ކެންޝިންގެ ބައްޕައަކީ ސެފްރަންއެއް ނޫނެވެ. ކާރމަންއެވެ. ރަސްކަން ލިބެންޖެހޭނީ ކާރމަންއަށް ކަމަށް ބުނެ ވީހާވެސް އަވަހަށް އަޒްކީލް ނައްތައިލަން ކާރލީންއަށް ލަފާދިނެވެ.

"ދަރިފުޅަކީ މިހާރު ތި ގަބީލާގެ ވެރިޔާ. ފަހަތުގައި ބޮޑު ވަރުގަދަ ލަޝްކަރެއް އެބައޮތް. ބެންތިކް ޖިންނީނަށްވުރެ ހުރިހާ ގޮތަކުން އިފްރީތުން ކުޅަދާނަވާނެ. ވީއިރު އެހެން މީހުންނަށް ނޭގޭގޮތަށް ސިއްރުން އަޒްކީލް ނައްތާލަންވީ...." ޒުއްނޫރީންގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ގަންދީޝާވެސް ބޯ ޖަހައިލިއެވެ.

"ތި ހަގީގަތް އެނގުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް ސެފްރަންއާއި މިރިއަމް އެކީ އުޅޭތަން ދެކެން ބޭނުމެއްނޫން..."ކާރލީން އަނދައިގަތެވެ.

"އެންމެ ކުރިން އަޒްކީލް ގަތުލުކޮށްލާ. އޭގެ ފަހުން މަންމަމެން މަޝްވަރާކޮށްފައި އެހެން ކަންތައް ނިންމާނީ..." ޒުއްނޫރީން ބުނެލިއެވެ. އެންމެފަހުން އޭނަގެ ހުވަފެންތައް ފުރިހަމަވާން އުޅެނީއެވެ. އޭނައާއި ކައިވެނިކުރިކަމަށްޓަކާ ބޭ އިންސާފުން ކާރމަންގެ ބައްޕަގެ ވަލީއަހުދުކަން ނިގުޅައިގެން ދަރިފުޅަށް ވާރިސްކަން ގެއްލުނީއެވެ. ވީިއިރު ދަރިފުޅަށް އިންސާފު ހޯދައިދޭން މަސައްކަތްކުރުމަކީ އަނިޔާއެއް ހެއްޔެެވެ؟

***

އާރްޔާއަށް ދާރިން ނިޔާވިކަން އެނގުނެވެ. މޫނު ދުށުމުގެ ނަސީބެއް ނުލިބުނެވެ. ދާރިންގެ ކުއްލި މަރުގެ ސަބަބެއް އެއްވެސް ޖިންނިއަކަށް ނޭގުނަސް އާރްޔާ ޔަގީންކުރީ އެކަމުގައި ގަންދީޝާއާއި ޒުއްނޫރީންގެ އަތެއް ވާކަމުގައެވެ. ރަސްގެފާނު މަރައިލަން ތަދުބީރުކުރާ ބަޔަކު އަޒްކީލްގެ ކޮއްކޮމެންނާއި ދަރިފަސްކޮޅުވެސް ނައްތައިލަން މަސައްކަތްކުރާނެއެވެ. އާރްޔާގެ ހިތުގައި ގަންދީޝާއަށްޓަކާ ވި ނަފްރަތު އިތުރުވިއެވެ.

ޚާދިމާއިން ތިބޭބައިގައި އޭނަ އުޅޭ ކުޑަކޮޓަރީގައި ނުނިދިފައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްއިރު ދޭތެރެއަކުން އިންސާނީ ނޫން އަޑުތައް އިވިލައެވެ. އެތައް އަހަރެއްވީއިރުވެސް ކުއްލިއަކަށް އިވިލާ އަޑުތަކާއި ކުއްލިއަކަށް އައްޔަށްވުރެ ބާރަށް ދަތުރުކޮށްލާ ޖިންނީންނަކަށް އާދައެއް ނުވިއެވެ.

"އައި ސްވިއާ އަތުޖެހުނުއިރަކުން އައިލް ކިލް ދެޓް ގަންދީޝާ ފުރޭތަ. މިހެން ކިޔަސް އަދި އެކްޝަން ނުނަގާ ހުއްޓާ ދެން އިވޭނީ އެހެން މަރެއްގެ ޚަބަރު..ނޫން އައި ޝުޑް ޑޫ ސަމް ތިން......" އާރްޔާ ތެދުވެ ބިއްލޫރި ފާރުން ބޭރަށް ބަލަންފެށިއެވެ.

ފަތިސް ނަމާދުކުރުމަށްފަހު އޭނަ ދުޢާކުރިއެވެ. އިރުއަރަންދެން ގުރުއާން ކިޔެވިއެވެ. އެއަށްފަހު ޖިންނިންގެ ތާރީޚީ ފޮތެއް ބަލަން އިނދެފައި ދެން ނުކުތީ އޭނަގެ މަސައްކަތަށެވެ. ލައިބްރަރީއިން އޭނަ ގެނެސްފައި ހުރި ތަފާތު ވައްތަރުގެ ފޮތްތައް ހަރުގަނޑު ފުރެންދެން ޖަހާފައި ހުރެއެވެ. މުނިފޫހިފިލުވަން ގުރުއާން ތަފުސީރުގެ އިތުރުން ތާރީޚާއި ބޭސްވެރިކަންފަދަ ކަންތައް އޭނަ އުނގެނި ދަސްކުރިއެވެ. ތަފާތު ބާވަތުގެ އިލްމު އޭނަ އުނގެނުނެވެ.

އާރްޔާ މަސައްކަތް ނިންމާލާފައި އާދައިގެ މަތިން ގަނޑުވަރުން ނުކުތީ ހިނގާލުމަށެވެ. ދެތިން ގޯޅިއަކުން އެޅިތަނާ މިހިސާބުގައި އުޅޭ އިލޮށްޓެއްކަހަލަ ޖިންނިކުއްޖާއާއި ދިމާވިއެވެ. އޭނަ ފެނުމުން ސިންގާއެއްހެން އަނގަ ހަދާތީ އެކުއްޖާދެކެ އާރްޔާ އަބަދު ރުޅިއާދެއެވެ. ޖިންނި ކުދިންގެ ތެރެއިންވެސް "އީވިލް" ޖިންނިއެކެވެ. އެކުއްޖާ އިނީ ބިންމަތީގައި އިށީދެލައިގެން ކަށިތައް ކާާށެވެ.

"އަގް...ތީވެސް ދެން ކައިއުޅޭ އެއްޗެހިތަ؟ އައްޗީޑި........" އާރްޔާ ނޭފަތުގައި އަތްއެޅިއެެވެ. ހަގީގަތަކީ ގިނަ ޖިންނިން ކައިރިވެއްޖެއްޔާ ތަފާތު ވަސް ދުވާކަމެވެ. ބައެއްފަހަރު ފަޓާސް ގޮވީމަ ދުވާކަހަލަ ވަހެކެވެ. ނޫނީ ޕެޓްރޯލްފަދަ ވަސްވެސް ދުވައެވެ. ބައެއް ޖިންނިންގައިން ފަރުހަކިވަސް ކަހަލަ ވަހެއް ދުވައެވެ. އާއްމުކޮށް މާރިދުންގެ ގައިގައެވެ. ޝާހީ ގަނޑުވަރުގައި ގޮމަކަސްތޫރިއާއި މާވަހަރުފަދަ އެއްޗެހި ގެންގުޅޭވަރުން ތަނުގައި ދުވަނީ މީރުވަހެވެ.

އެކުއްޖާއަށް އާރްޔާ ކީ އެއްޗެއް ނޭގުނެވެ.

"ބޭނުމީތަ؟" އެކުއްޖާ ހިތްހެޔޮކަމާއެކު މަސްނުފިލާ އޮތް ކަށިކޮޅެއް ދިއްކޮށްލިއެވެ.

މިއަދު އެކުއްޖާގެ ދެލޮލުން އާރްޔާއަށް ފެނުނީ އެކުވެރިކަމެވެ. އަނގައިން ހުތުރު ވަަައްތަރެއް ނުޖައްސައެވެ. ދިގު އިސްތަށިގަނޑު ހާވާލައިގެން އިންއިރު އުނުގައި ވާ ބާ ފޮތިކޮޅުގައި އެތައް ބާގަނޑެއް ހެދިފައި ހުއްޓެވެ. ޖިންނީންގެ ތެރޭގައި ޝާހީ އާއިލާތައް ވާފަދައިން ނިކަމެތިކޮށް އުޅޭ ބަޔަކުވެސް އުޅެނީއެވެ. އެކުއްޖާއާއިމެދު ހަމްދަރުދީވާ ގޮތްވެފައި މަންމަ ކޮބައިތޯ އަހައިލެވުނެވެ.

" މަންމަ ބަލި..."

"އައިމް ސޮރީ. ނަން ބުނެބަލަ..." އާރްޔާ އެހިއެވެ. ސަފަރު ކައްދަގެ ދަރިއެކޭ ކުރިން ހިތަށް އެރިޔަސް ކުއްޖާގެ ފަގީރުކަމާއި ނިކަމެތިކަން އާރްޔާގެ ހިތުގައި ހަމްދަރުދީ އާލާވެގަތެވެ. ޖިންނިކުއްޖަކަށްވިޔަސް މާތް ﷲ ހެއްދެވި މަޚުލޫގެކެވެ. އެކުއްޖާ އެއްޗެކޭ ނުބުނެ ކަށިގަނޑު ލޮވެލަން ފެށީ ބަނޑުހައިކަން އިންތިހާއަށް ގޮސްފައިވާފަދައިންނެވެ.

"މިތާ މަޑުކޮށްލައްޗޭ . އެބަ އަންނަން ވިއްސަކަށް މިނިޓްވާނީ................" އާރްޔާ އައިކޮޅަށް ހިނގައިގަތެވެ.

ގަޑިއެއްހާއިރު ފަހުން އާރްޔާ އައިއިރުވެސް އެކުއްޖާ އިންތިޒާރުގައި އިނެވެ. އެހާ ލަސްވިޔަސް އާރްޔާ އަންނާނެކަމުގެ ޔަގީންކަމުގައި އެއިނީއެވެ. އާރްޔާ މާފަށް އެދުނެވެ. ކާނާ އަޅާފައި ހުރި ދޮލަގެއް ލިބުމުން ލިބުނު އުފަލުގައި ލޯ ދިއްލުމާއެކު ދެވަނަ ސިކުންތިކޮޅުގައި ދުންކަށްޓެއްހެން ގޮސް ލޯ ކުރިމަތިން ގެއްލިއްޖެއެވެ. އާރްޔާ އަޅާނުލާ ހިނގަމުންގޮސް ހޮހަޅުތައް ހުންނަ ހިސާބަށް ނުކުމެވިއްޖެއެވެ. އެ ހޮހަޅުތައް އަނދިރިނަމަވެސް ބައްތިއަކުން އަލިކޮށްލުމުން ކޮންމެވެސް ވަރަކަށް ހެކަ އަޅައެވެ. އެތަނުގެ ފިނިކަމާއެކު އަނދިރިކަން އަދި ދުރަށް ދާވަރަކަށް ފުުންވެ ކަނޑުވެދާނެކަން ހިތަށް އަރާފައި އެރުމަކީ ކުޅަދާނަކަމެއް ނޫނެވެ.

އެދިމާލުގައި ވިސްނުމެއްގެ ތެރޭގައި ހުއްޓާ ހިލަމެއް ވެފައި ބަލައިލިއިރު ޖިންނި ކުއްޖާ ގާތުގައި ހުރެފައި ރަކިގޮތަކަށް ހީލިއެވެ.

"ކޮންތަނަކަށްދާން؟ " އޭނަ ސުވާލުކުރިއެވެ.

"ބެންތިކް އައިލެންޑަށް ދާން ބޭނުން. އެހީވެދީފާނަން؟ " ޖިންނި ކުއްޖާގެ ސުވާލުން އާރްޔާއަށް ޔަގީންވީ މިއީ "ޕޯޓަލް" އެއްކަމެވެ. ޖިންނިން އެތައް އަލި އަހަރެއްގެ ދުރުގައިވާ ތަންތަނަށް ދަތުރުކުރަން ޚާއްސަ މަގުތަކެއް ވާއިރު މިއީ ބެންތިކް އައިލެންޑަށް ދާން އޮތް މަގެއްކަން އޭނަ ދެނެގަތެވެ.

އެކުއްޖާ ބޯ ޖަހައިލިއެވެ. އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތްކޮށްލާފައި ކުރިއަށް ހިނގައިގަތުމާއެކު އާރްޔާވެސް ފެންގަނޑަށް ފައިތިލަ ލިއެވެ. އެއާއެކު ފައި ތޮރުފައިލާފަަދަ ފިނިކަމެއް އިހުސާސްކުރެވި ފައި ދަމައިގަނެވުނެވެ. އޭނަ މިތަނަށް އެރނިއްޔާ މަރުވާނެއެވެ. އޭނައާއި ޖިންނީންގެ ޖިސްމު ހާސްބައިތަފާތެވެ. ނަމަވެސް ސެފްރަންގެ މަތިން ހަދާންވުމާއެކު އޭނަ އެޖިންނި ކުއްޖާއާއި ދިމާލަށް އަތް ދިއްކޮށްލީ އެހީތެރިވާށޭ ބުނާފަދަ ނަޒަރަކުން ބަލައިލަމުންނެވެ.

"ލޯ މަރައިލާ.." ޖިންނި ކުއްޖާ އެދުނެވެ.

އާރްޔާގެ އަތުގައި އެއްޗެއް ބީހުމުން ހޫނުވެ ދިލަ ނެގިކަމުގެ އިހުސާސް ކުރެވުނެވެ. ދެން ވާނުވާ ރޭކާލީއިރު އޭނައަށް ހުރެވުނީ ގޮޑުދޮށުގެ އައްސޭރިފަށުގައެވެ. މަތިން އުޑު ފެނުމާއެކު ހާމަ ވައިގެ ތެރެއަށް ނޭވާލެވުނެވެ. ކުރިމަތީގައި މިއޮތީ ގަނޑުފެނުން ފުރިފައިވާ އާކްޓިކްއެވެ.

"އަލްހަމްދުލިﷲ..އެތައް އަހަރެއްފަހުން ސަން ސްކައި. އޯޝަން...އޮޕެން އެއާ...................." ފިނިފިނި ވައިރޯޅިތައް އޭނަގެ ތެތް ހަށިގަނޑުގައި ބީހެންފެށުމުން ހީކަރުވަންފެށިއިރު ތޫފާނަކަށް ހުށަހެޅިފައިވާ ފަތެއްހެން ރޫރޫ އަޅައެވެ.

"ޝެހެޒާދާ ސެފްރަން.....ގެ...ގަނޑުވަރު...ގެންގޮސްދީ..." އާރްޔާގެ ތުންފަތަށް ނޫކުލަ އަރަންފެށިއެވެ. ފިނިވެގެންގޮސް މީހާ ގަނޑުވެ އައްސިވެއްޖެއެވެ. ހެޔަށްވެސް ގޮތެއްވާން އުޅުނެވެ.

ޖިންނި ކުއްޖާ އާރްޔާ އުފުލާލައިގެން އެބުނާ ގެއާއި ހަމަޔަށް ގެންގޮސްދިނެވެ. ހަށިފާރަވެރިންނަށް ޖިންނިކުއްޖާގެ އަތްމަތީ ޚަބަރު ހުސްވެފައި އޮތް ކުއްޖަކު އޮތްތަން ފެނި އަަވަހަށް އެތެރެއަށް ވެއްދިއެވެ. ނޯކަރުންގެ ބައިގާ އުޅުނު ސޯރާ ރިފްކާ އަދި ޕަރީއަށް އެތައް ޒަަމާނެއް ފަހުން އާރްޔާ ފެނުމުންވެސް އެއީ ކާކުކަން ދެނެގަނެވުނެވެ. އެކުދިންނަށް އާރްޔާއަށް ފިނިވެ ގަނޑުވަމުންދާ މަންޒަރު ފެނި ހޫނުކޮށްދޭން އުޅެގަތެވެ. ބައިގަޑިއެއްހާއިރު ފަހުން މޫނުމަތީގައިވާ ހުދުކަން ކެނޑި އެ މޫނުން ފިޔާތޮށިކުލަ ފާއްދާލައިފިއެވެ. ލަސްލަހުން އެސްފިޔަތައް ހުޅުވައިލުމާއެކު ސޯރާމެން ފެނިފައި އާރްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ހޫނު ޝަރުބަތު ތަށްޓެއް ބޯލީމަ އަރާމުވާނެ. ކުޑަކޮށް ތެދުވެލާންވީނު.." ރިފްކާ އާރްޔާގެ ބޯދަށަށް އަތްލައްވާފައި ނެގިއެވެ.

"ސެފްރަން..... ހާލުރަގަޅުތަ؟ " އާރްޔާ އެހިއެވެ.

"ޝިކާރަކުރަން ގޮއްސަވީ. ޝެހަޒާދާގެ ދަރިފުޅު ކެންޝިންވެސް ހާދަ ލޯބިއޭ. ކިރިޔާވެސް މި ގަނޑުވަރު ފަޅުފިލަނީ އެކުއްޖާފުޅު ހުރީމަ..އެކަމަކު އާރްޔާ ނެތުމުގެ ފަޅުކަން އަދިވެސް ނުކެނޑޭ. އެއްވެސް ރޫހެއް ދިރުމެއްނެތް. ވަރަށް ހަދާންވޭ. އަހަރެމެން ރޮއިރޮއި ހަލާކުވި. އެކަމަކު މިހާރު އުފަލުން ހިތް ފުރިއްޖެ.........." ފަހަރަކު ކުއްޖަކު އާރްޔާގެ ގައިގާ ބައްދައިލަމުން އުފާފައުޅުކުރިއެވެ.

"އަދި އުފާނުކުރޭ. އަހަންނަށް ލިބޭނެ ސަޒާއެއް އެނގެނީއެއްނޫން. މަހާރާނީ ގަންދީޝާގެ ޚާދިމާއަކަށް ހުރެފައި ފިލައިގެން މިއައީ.އަހަރެން ބޭނުން ސެފްރަންއާއި ވާހަކަދައްކަން. އިޓްސް އިމްޕޯޓެންޓް. ރިއަލީ އިމްޕޯޓެންޓް..." އާރްޔާ ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. "ސެފްރަން ގަނޑުވަރުގައި ނޫޅޭކަން ވަރަށް ދެރަ. ވީއިރު އަހަރެން އެބަޖެހޭ ޒޭބްއާއި ބައްދަލުކުރަން ދާން...."

އާރްޔާގެ މޭގެ ތެރޭގައިވާ ވިންދު އަވަސްވެ ހުއްޓިދާނެހެން ހީވިއެވެ.

އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް އަޒްކީލްއާއި ސެފްރަންއަށް އިންޒާރުދޭން ބޭނުންވިއެވެ. އަޖަލުގެ ވަގުތު ޖެހުމުން ފަޅިސިކުންތުކޮޅެއްވެސް ލަސްވުމެއް ނެތެވެ. ނަމަވެސް އޭނައަށް ގަންދީޝާމެންގެ މަކަރުވެރި ރޭވުން އެނގިހުރެ ސެފްރަންއާއި އަޒްކީލް މަރުގެ އުނގުތެރެއަށް ވެއްޓެން ދޫކޮށެއް ނުލެވޭނެއެވެ. ވެފައިހުރި ވަރުބަލިކަމާއި ފިނިކަން ހަދާން ނައްތާލާފައި އޭނަ ކުރިން ލާން ގެންގުޅުނު ޖެކެޓެއް ނެގިއެވެ. އޭނަގެ ސާމާނު އަދިވެސް އެކުދިން އެބަގެންގުޅެއެވެ. ކުރަހާން ގެންގުޅުނު އެއްޗެހިވެސް އެބަހުއްޓެވެ. އާރްޔާ އެކުދިންނަށް ބަލާލާފައި ހިނިތުންވެލަމުން ފަހަރަކު ކުއްޖެއްގެ ގައިގާ ބައްދައިލިއެވެ. އަނގައިން ބުނުމަކާއި ނުލައިވެސް އޭނަގެ އެ އަމަލުން ޝުކުރުވެރިވީކަން އަންގައިދިނެވެ.

"މިހާ ފަސޭހައިން އެ ވިޗްގެ ފަރާތުން ސަލާމަތްވެވުނީ ކިހިނެއް؟ ކަމް ޓު ތިންކް އޮފް އިޓް، އައި ހެވެންޓް ސީން ދެޓް ވިޗް ގަންދީޝާ ޓުޑޭ. ވެއާ ޑިޑް ޝީ ގޯ؟ އޭނަގެ ޕާޓްނާ އިން ކްރައިމް ގާތަށް ދިޔައީ ކަމަށްވާނީ. ވިޗްއާއި ފުރޭތަ ގުޅިގެން ކަންތަކެއް ހިންގާލުމުގެ ކުރިން އަހަރެން އެދެ މީހުން ބަލިކޮށްލާނަން..." އާރްޔާ ކުޑަކޮށް ހީލިއެވެ.


***

ސެފްރަން މި ފާއިތުވެ ދިޔަ އަހަރުތެރޭގައި ޔަޒްދަންޔާރު ދިރިއުޅުނު ސަރަހައްދަށް އެތައް ފަހަރު ދަތުރުކުރިއެވެ. ޔަޒްދަންޔާރު ނުފެނި އެތައް އަހަރެއް ވުމުން އޭނަ މަރުވީކަމުގައި ނިންމިއެވެ. އެކަމާ ހިތާމަކުރާއިރު އޭނަގެ ހިތަށް އެންމެ ތަދުކުރުވާ ހަނދާންތައްވަނީ އާރްޔާއާއި ގުޅިފައެވެ. ރުއާނާގެ ޚަބަރެއްވެސް އެފަހުން ވީއެއް ނޫނެވެ. އެގަނޑުވަރާއި ޕަރީންގެ ފެންވަރާ ކޯރަށް އެކުދިން އައުން ހުއްޓެން މެދުވެރިވީ ސަބަބެއް ސެފްރަންއަަކަށް ނޭގުނެވެ.


***

ބެންތިކް އައިލެންޑްގެ އައްސޭރިފަށުގައި ހުންނަ ގަނޑުވަރު ބޯ ދުންފިނީގެ ތެރެއަށް ގެނބިފައިވިކަމުގައި ވިޔަސް އެތަނުގެ ރީތިކަން ފެންނަނީ ވިލާތަކުގެ ތެރެއިން ހަނދު ފާއްދާލާފަދައިން ޖާދުވީކޮށެވެ. އަޒްކީލްއާއި ޒޭބް އަދި ކުދިންކޮޅު މެންދުރު ކެއުމަށް އިންސާފުކުރަން ސުފުރާގައި ތިބިއިރު އެންމެންގެ މޫނުމަތިން އުފާވެރިކަން ފައުޅުވެއެވެ. އަޒްކީލް ރަސްގެފާނުކަމަށް ވިޔަސް އޭނަގެ އުޅުން ހުންނަލެއް ސާދާކަމާއި ބޮޑާކަމެއް ނެތުމުން އެންމެންގެ ލޯބި ހޯދާފައިވިއެވެ.

"އައްސަލާމް އަލައިކުމް..." ގަންދީޝާ ސަލާމް ގޮވާލާފައި ވަނެވެ.

"މަންމަ އަވަހަށް އިށީންނަވާ ދެންމެ ކާން މިފެށީ..." އަޒްކީލް އަދަބު އަދާކުރުމުގެ ގޮތުން ތެދުވުނެވެ. ގަންދީޝާ އިށީދެފައި ބާބެކިއު ކުކުޅުފަޔެއް ނެގިއެވެ. ކޮންމެވެސް މީހަކު ގޮވައިލިހެން ހީވެފައި އެންމެ ކުރިން ދޮރު ހުޅުވައިލީ ގަންދީޝާއެވެ.

"މަންމަ އައިއިރު ސެފެރުއާއި އާދު އަދި ކާއިން މިތަނާއި ދިމާލަށް ދަތުރުކުރާތަން ފެނުނު. އަޒްކީލް ދައުވަތުދިނީތަ؟ " ގަންދީޝާ އަހައިލިއެވެ.

"ނޫން. ފަސްމިނިޓް. އަޅުގަނޑު އެބައަންނަން.." ސެފްރަން މެން މިކަހަލަ ގަޑިއެއްގައި މިތަނަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެންކަން އެނގިގެން އަޒްކީލް އަވަަަހަށް ދާން ހިނގައިގަތެވެ. ގަސްތަކާއި އަރާ ހަމަވިތަނާ ނުކުތް ޖިންނި ބައިގަަނޑެއް އޭނަ ވަށާލާފައި ހަމަލާދިނެވެ. އިފުރީތުންގެ ބައި ގަނޑެކެވެ. އަޒްކީލްއަކީ ކުރީގައި ލަޝްކަރުގެ އިސް ކޮމާންޑަރުކަމުން އެެންމެނާއި ކުރިމަތިލުމުގެ ގާބިލުކަން މުލައްދަނޑީގައި ހުއްޓެވެ. ބިސްމިﷲ ކިޔާފައި ދިން ހަމަލާގައި ފުރަތަމަވެސް ދެއިފުރީތުން ގެ ދުވަސް ދުއްވައިލިއެވެ. ކާމިޔާބު ލިބެމުންދަނިކޮށް ރުވާލި ތީރެއްފަދައިން އައި ވިހަ ޚަންޖަރެއް އޭނަ ގެ މޭ ފޫ އަޅުވާލާފައި އަނެއްފަރާތުން ނުކުތެވެ. ޚަންޖަރުގެ މޮށްގަނޑުގައި ހިފާ ދަމައިގަތްނަމަވެސް ވިހައިގެ އަސަރުކުރާކަށް މާ ގިނަ އިރެއް ނުނެގިއެވެ. އަޒްކީލްއަށް އޭނަގެ ގާތިލުގެ ސޫރަ ގަސްތަކުގެ ތެރެއިން ރީއްޗަށް ފެނުނެވެ. ތުންފަތުގައި ވި ޝައިތާނީ ހިނިތުންވުމެކެވެ.

***

ސެފްރަންއާއި އެކުވެރިންނަށް އެހިސާބަށް އާދެވުނުއިރު އަޒްކީލްގެ ހަޔާތުގެ ބައްތި އަބަދަށްޓަކާ ނިވިގެން ދަނީއެވެ. ގަދަ ފެހިކުލައިގެ ލޮލުގެ ނޫރު ކެނޑެމުން ދަނީއެވެ. ހަށިގަނޑުގައި ހުރި ޒަޚަމްއިން ކަޅު ކުލައިގެ ލެޔެއް އަންނަމުންދާއިރު ވަށައިގެންވާ ދާއިރާ ކަޅުކުލައަށް ބަދަލުވަމުން ދިޔައެވެ.

"ކާކު...ކިހިނެއް....." ސެފްރަންއަށް ވާހަކަވެސް ނުދެއްކުނެވެ. ލޮލުން ކަރުނަ އޮހެމުންދާ ހާލުގައި އަޒްކީލްގެ ބޯ ނަގާ އުނގުގައި ބޭއްވިއިރު އާދުއާއި ކާއިންއަށްވެސް ރޮވެންފެށިއެެވެ.

(ނުނިމޭ...)

https://sun.mv/128581

comment ކޮމެންޓް