ރާއްޖޭގެ އެކްސްޕޯޓް 11 ޕަސެންޓް ދަށަށް ގޮސް، އާމްދަނީ އަށް އަސަރުކޮށްފި

މުދާ ހިފައިން ރާއްޖެ އައި ބޯޓެއް ރާއްޖޭގެ ސަރަހައްދުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިދިޔަ ނޮވެމްބަރު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވި ނަމަވެސް، އެކްސްޕޯޓު ކުރި މިންވަރު ދަށްވުމާއެކު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އާމްދަނީ ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހު އެތެރެކުރި މުދަލުގެ އަގު 4.3 ބިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވާ މުދަލުގެ އަގަކީ 4.2 ބިލިއަން ރުފިޔާ އެވެ.

ހުސްވި ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ، ފްރާންސް އަދި ސިންގަޕޫރުންނެވެ.

ނޮވެމްބަރު މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވި ނަމަވެސް، އެކްސްޕޯޓު ކުރި މުދަލުގެ އަގު 11 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު 405 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި 454 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.

އެއާއެކު އިމްޕޯޓް-އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އެއް ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް-އެކްސްޕޯޓުން 265 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ނޮވެމްބަރު މަހު ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރި ފަސް ގައުމަކީ ތައިލެންޑް، ފަރަންސޭސިވިލާތް، ޖަރުމަންވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

އެ ގައުމުތަކަށް މިދިޔަ މަހުވެސް، ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ، ފިނިކުރި ކަޅުބިލަމަހެވެ. އެގޮތުން 71 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަ މަސް ރާއްޖެއިން ބޭރުކުރި އިރު އެއީ، އެކްސްޕޯޓްގެ 32 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބޭރު ކުރީ ރީދޫ އުރަހަ ކަންނެއްޏެވެ. އެއީ އެކްސްޕޯޓްގެ 13 ޕަސެންޓް ކަމަށްވާއިރު، އެ ބާވަތުގެ 29 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ.

comment ކޮމެންޓް