ފަރަހަނާޒް، ފްރާންސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޑރ. ފަރަހަނާޒް ފައިސަލް، ފްރާންސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ފަރަހަނާޒް ފައިސަލް ފޭސްބުކް

ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފި އެވެ.

ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ފަރަހަނާޒް ވިދާޅުވީ ފްރާންސްގެ ރައީސަށް އެކަމަނާގެ ލެޓާ އޮފް ކްރެޑެންސް އެރުވުމުގެ ޝަރަފު ލިބިވަޑައިގަތީ ޑިސެމްބަރު 10 ވަނަ ދުވަހު ކަމަށެވެ.

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ސަފީރުގެ މަޤާމުގެ އިތުރުން ފަރަހަނާޒް ގެންދަވަނީ އަޔަލެންޑް، ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަޤާމު ވެސް އަދާ ކުރައްވަމުންނެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާފަދަރިކަލުން ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ފްރާންސް، ސްޕެއިން، ނޯވޭ، ސްވީޑެން، ޑެންމާކް އަދި ފިންލެންޑަށް ކަނޑައަޅުއްވާފައި ހުންނެވި ނޮން ރެޒިޑެންޓް ސަފީރުކަންވެސް ކުރެއްވި އެވެ.

އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ޑރ. ފަރަހަނާޒަކީ ރާއްޖޭގައި ޕީއެޗްޑީ ފާހެއް ހާސިލުކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

comment ކޮމެންޓް