ޖުމްލަ 980 ކައުންސިލަރުން، 384 ޖާގަ އަންހެނުންނަށް ހާއްސަ!

އަންހެނުންތަކެއް ހަފްލާއެއްގައި --- ސަންފޮޓޯ/

އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެއާއެކު އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ކަށަވަރު ވެގެން ދާނެ އެވެ.

ލާމަރުކާޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުން ކޮންމެ ރަށު ކައުންސިލެއްގައި މަދުވެގެން ފަސް މެމްބަރުން އިންތިހާބު ކުރަން ޖެހެއެވެ. އަދި 3،000 އަށް ވުރެ މަތީގެ އާބާދީ ރަށްތަކުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަން ޖެއެވެ.

އެގޮތުން ފަސް ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލެއްގައި ދެ އަންހެން ކައުންސިލަރުން އަދި ހަތް ކައުންސިރަލުން ހިމެނޭ ރަށްތަކުގައި ތިން އަންހެން ކައުންސިލަރުން އިންތިހާބު ކުރުން އެ އިސްލާހުތަކުން ވަނީ ލާޒިމްކޮށްފައެވެ.

ރާއްޖޭގައި 3،000 އަށް ވުރެ މަދު އާބާދީ އެއް އޮންނަނީ 165 ރަށުގައެވެ. އެހުރިހާ ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ. އެހެންކަމުން 3000 އަށްވުރެ އާބާދީ މަދު ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 825 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަވާނީ 330 ޖާގަ އެވެ. އެއީ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ދެ އަންހެން ކައުންސިލަރުންގެ ނިސްބަތުންނެވެ.

ސިޓީތައް ނުލާ ރާއްޖޭގައި 3،000 އިން މަތީގެ އާބާދީއެއް އޮންނަނީ، 14 ރަށެއްގައެވެ. އެހެން ކަމުން އެ 14 ރަށަށް ޖުމްލަ 98 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 42 ޖާގަ ހާއްސަވެގެން ދާނީ އަންހެނުންނަށެވެ. އެއީ ކޮންމެ ކައުންސިލަކަށް ތިން އަންހެން ކައުންސިލަރުންގެ ނިސްބަތުންނެވެ.

އާބާދީ 3000 މީހުންނަށްވުރެ ގިނަވެ ހަތް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ރަށްތަކަކީ ގދ.ގައްދޫ، ގދ.ތިނަދޫ ގއ.ވިލިގިނލި، ލ.ގަން، ދ.ކުޑަހުވަދޫ، އދ.މާމިގިލި، ޅ.ހިންނަވަރު، ޅ.ނައިފަރު، ބ.އޭދަފުށި، ރ.ދުވާފަރު، ހދ.ކުޅުދުއްފުށި، ހއ.ހޯރަފުށި، ހއ، ދިއްދޫ، އަދި ހއ. އިހަވަންދޫ އެވެ.

އެއާއެކު، މުޅި ޖުމްލަ ރަށު ކައުސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

ސިޓީތަކުން 12 ޖާގަ އަންހެނުންނަށް

ސިޓީތަކަށް ބަލާއިރު، ރާއްޖޭގެ ތިން ސިޓީން މޭޔަރާއި އެކު ޖުމްލަ 39 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އެގެތެރޭގައި އަންހެނުން އިންތިހާބު ކުރާ އަދަދަކީ، 12 އެވެ.

އެގޮތުން އެންމެ ބޮޑު ސިޓީ މާލެއިން މޭޔަރާއި އެކު ޖުމްލަ 19 ކައުންސިލަރުން އިންތިހާބު ކުރާއިރު، އަންހެނުންގެ އަދަދަކީ، ހައެކެވެ. އައްޑޫ ސިޓީއިން މޭޔަރާއި އެކު 13 ކައުންސިލުން އިންތިހާބު ކުރާނެ އެވެ. އޭގެތެރެއިން އަންހެނުންގެ އަދަަދަކީ، ހަތަރެކެވެ. އަދި ފުވައްމުލަކު ސިޓީއިން މޭޔަރާއި އެކު ހަތް ކައުންސިލަރުން އިންތިހާބު ކުރާއިރު، އަންހެނުންގެ އަދަދަކީ، ތިނެކެވެ.

މިހާރު ގެނެސްފައިވާ އިސްލާހުތަކުންް ކައުންސިލްތަކަށް ހުސް އަންހެނުން އިންތިހާބު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. އެހެން ކަމުން އެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަތޮޅު ކައުންސިލްގެ މެމްބަރުންގެ އަދަދަކީ، 197!

އިސްލާހުތަކުގައިވާ ގޮތުން ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާނީ ވަކިން އެ މަގާމަށް ކުރިމަތިލައިގެނެވެ. އަދި އިންތިހާބު ކުރާ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސްއަކީ އަތޮޅު ކައުންސިލްގެ މެމްބަރެކެވެ.

އިސްލާހުތަކުގައިވާ ގޮތުން ދެން އަތޮޅު ކައުންސިލަކަށް އިންތިހާބު ކުރާނީ އެކެކެވެ. އަތޮޅު ކައުންސިލަރަކު އިންތިހާބު ކުރުމަށް ވޯޓުލާނީ މުޅި އަތޮޅުގެ ރައްޔިތުންނެވެ. އެއާއެކު ސިޓީތައް ނުލާ 18 އަތޮޅަކަށް އަތޮޅު ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ކުރިން އޮތް ގޮތުން އަތޮޅު ކައުންސިލުތަކުގައި ތިއްބަވަނީ ކޮންމެ އިދާރީ ދާއިރާއަކުން އެކެވެ.

އެހެންކަމުން 179 ރަށުގެ ކައުންސިލުގެ ރައީސުންނާއި، އެކު ޖުމްލަ 197 ކައުންސިލަރުން އަތޮޅު ކައުންސިލުގައި ތިއްބަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް 929 މެމްބަރުން އިންތިހާބު ކުރާއިރު، ކައުންސިލް އިންތިހާބު 2020 ގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށެވެ.

comment ކޮމެންޓް