ޓެކުހުގެ އާމްދަނީ 17.7 ޕަސެންޓް އިތުރުވެއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްވި ނޮވެމްބަރު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.7 އިންސައްތަ އިތުރުވެއްޖެ އެވެ.

މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު 1.15 ބިލިއަން ރުފިޔާ އާމްދަނީއެއް އެ އިދާރާއިން ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 977 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ޕޭމަންޓްތަކެއް ލިބުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.

ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 651.6 މިލިއަން ރުފިޔާ މީރާއިން ވަނީ ބަލައިގެންފައެވެ.

އާމްދަނީގެ ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.6 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 73.1 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.

މިދިޔަ މަހު މީރާއަށް ޑޮލަރުގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑޮލަރުގެ ގޮތުގައި ބަލައިގެންފައިވަނީ 39.1 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް