މިޔަންމާއިން ގަތުލްއާންމު ނުހިންގާ ކަމަށް އައިސީޖޭގައި ސޫޗީ ވިދާޅުވެއްޖެ

އަންގް ސަން ސޫޗީ ވަނީ އައިސީޖޭއަށް ވަޑައިގެން މިޔަންމާ ދިފާއު ކުރައްވާފަ -- ފޮޓޯ: އޭޕީ

ދަ ހޭގް (ޑިސެމްބަރު 11): މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމެއް ހިންގި ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލާގައި އެގައުމުގެ ސްޓޭޓް ކައުންސެލާ އަދި ފޮރިން މިނިސްޓަރު އަންގް ސަން ސޫޗީ އެގައުމު ދިފާއު ކުރައްވައިފި އެވެ.

މިދިޔަ މަހު އައިސީޖޭއަށް މިޔަންމާގެ މައްސަލަ ހުށަހެޅީ ގެމްބިއާއިންނެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ތާއިދާ އެކު ހުށަހެޅި އެމައްސަލާގައިވާ ގޮތުން މިޔަންމާއިން ވަނީ ރޮހިންގާ މީހުން ދިރިއުޅޭ ރާހިން ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މަރާ، ރޭޕްކޮށް، ބޮޑެތި ގެއްލުންތައް ދީފަ އެވެ. ނަމަވެސް ސޫޗީ ވަނީ މިއަދު އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އައިސީޖޭގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ސޫޗީ ވިދާޅުވި ގޮތުގައި ރާހިން ސްޓޭޓުގައި ހިނގާ ދިޔަ ކަންތައްތަކާ ބެހޭ ގޮތުން ގެމްބިއާއިން ވާހަކަ ދައްކާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށެވެ.

ސޫޗީ ވިދާޅުވި ގޮތުގައި އޮގަސްޓު 2017އިގައި މިޔަންމާގެ ސިފައިން ރާހީން ސްޓޭޓަށް ދާން ޖެހުނީ ރޮހިންގާ "ހަނގުރާމަވެރިންނާއި" ހަތިޔާރު އެޅި ޖަމާއަތްތަކުން ދޭ ހަމަލާތަކާ ގުޅިގެންނެވެ.

ސޫޗީގެ ހިތާބުގައި އޭނާ ވަނީ އަސްކަރިއްޔާއިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމާއި އެއް ހެލިކަޕްޓަރު ހަމަލާގައި އާއްމު ރައްޔިތުން މަރުވިކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިޔަންމާއިން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށާއި އެތަހުގީގު ނިންމަން އެގައުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ސޫޗީ ވިދާޅުވި އެވެ. އަދި ގަތުލްއާންމު ހިންގަން ބޭނުންވާ ގައުމަކުން އަސްކަރިއްޔާ ތަހުގީގު ކުރާނެތޯ ސުވާލު އުފައްދަވާފަ އެވެ.

"ގަތުލްއާންމެއް ހިންގަން ބޭނުންވާ ދައުލަތުގެ ބަޔަކު އެގައުމުގައި ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ސިފައިންނާއި އޮފިސަރުން ތަހުގީގުކޮށް، އެމީހުންނާ ދެކޮޅަށް ދައުވާކޮށް، އަދަބުދޭނެތޯ؟،" ސޫޗީ އެއްސެވި އެވެ.

ގެމްބިއާއިން އެމައްސަލަ ހުށަހަޅާފައި ވަނީ މިޔަންމާއިން ވެސް ސޮއި ކޮށްފައިވާ، އދ.ގެ ޖެނޮސައިޑް ކޮންވެންޝަންއާ އެގައުމުން ހިލާފުވިކަމަށް ބުނެ އެވެ. އެ މުއާހަދާގައި ސޮއިކުރި ގައުމުތަކުން ވަނީ ގަތުލުއާންމުތައް ހުއްޓުވުމަށާއި ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ދޭނެކަމަށް އެއްބަސްވެފަ އެވެ. އަދި ގެމްބިއާއިން ވަނީ މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމާއި އެހެނިހެން ޖަރީމާތައް ހިންގުން ހުއްޓުވުމަށް އައިސީޖޭއިން އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބަބުން ގާތްގަނޑަކަށް 750،000 ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

ނަމަވެސް ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އަދި އަސްކަރިއްޔާގެ ވެރިކަމުގެ ގޭބަންދުގައި 15 އަހަރު ހޭދަ ކުރައްވާފައިވާ ސޫޗީ އެ ޖަރީމާތައް ދިފާއު ކުރުމުން ގިނަ ބަޔެއްގެ ނުރުހުން ވަނީ އެކަމަނާއަށް އަމާޒުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް