22 ނޮވެމްބަރ 2011 އާ ގުޅޭ

ދޮރުކައިރީ މަގުގެ ދެ ފަރާތް ބަލަމުންދިޔަ ޔޫހާ ކާރުގައި އިން ޒައުލްއަށް ފެނުނެވެ. އޭނަގެ ރަޙުމަތްތެރިން ގާތު ދަނީއޭ ބުނެ ކާރުން ފޭބިއެވެ. ޒައުލް ފެނުމާއިއެކު ޔޫހާގެ މޫނު މައްޗަށް އާދަޔާއި ހިލާފު އުފާވެރިކަމެއް ވެރިވެގެންދިޔަކަން އެނގެއެވެ. ޒައުލްވެސް ހިނިތުން ވެލިއެވެ. އޭނަ އާއި އެންމެ ފުރަތަމަ ބައްދަލުވި ދުވަހަށްވުރެ ވެސް ޔޫހާގެ ރީތިކަން އިތުރު ވެއްޖެހެން ޒައުލްއަށް ހީވިއެވެ. އެ އަޖައިބެއްފަދަ ރީތިކަން ޒައުލްގެ ހިތުގެ ހިނގުން އަވަސް ކުރުވަނީ ކީއްވެކަމެއް ނޭނގެއެވެ. ނޭނގޭ އިޝާރާތެއް އެހިތަށް ކުރާހެން ހީވާކަހަލައެވެ. ރޫހަށް ދިރުން ލިބިގެންދާހެން ވެސް ހީވެއެވެ. ހޫރުފަދަ ޝާއްބަކަމެއް އެއަންހެން ކުއްޖާގެ ވެއެވެ. ހީލުމުން އެފެންނަ ކުދި މުތީތަށް ތަރިތައް ފަދައިން ވިދަން ފަށައެވެ. އަދި ބިންގަޑު އުފަލުން ތެޅިގަންނަހެން އޭނައަށް ހީވެއެވެ. އަމިއްލަ ނަފްސާ ރީތި ހުސްވީހޭ އަހާލަން މަޖުބޫރުކުރުވަނީ ޝޯހުވީވަރުންނެވެ. އިސް އުފުލާލައިފިނަމަ ފަލަކުވެސް ލަދުން އިސްޖެހޭނެކަން ގައިމެވެ. އެކަމަކު އެއިޙްސާސްތައް ފާޅު ކުރާކަށް ޒައުލް ބޭނުމެއް ނޫނެވެ. ޒައުލް ދެކެނުގޮތުގައި އެއީ ވަގުތީ އިޙްސާސްތަކެކެވެ.

"އަތުގަ ތިއޮތީ ކީއްކުރާ ފޮތެއް؟" ޒައުލް ޔޫހާ އާއި އަރާ ހަމަވުމާއިއެކު އޭނަގެ އަތުގައި އޮތް ފޮތް ފެނުމުން އަހާލިއެވެ.
"ޝްޝްޝް...ކޮންތާކަށް ދާނީ؟" ޔޫހާ ތުންފަތުގައި އިނގިލި ޖައްސާލަމުން އަޑުމަޑުކުރުމަށް ބުނަމުން ބޭރު ދޮރު ލައްޕާލިއެވެ. އަދި ޒައުލް އާއި ގާތްވެލަމުން ވާހަކަދެއްކިއެވެ.
"ކޮންތާކަށް ޔޫހާ ދާން ބޭނުމީ، ރެސްޓޯރެންޓަކަށްތަ؟" ޒައުލް އަހާލިއެވެ.
"ނޫން، އަހަރެން ކާކަށް ބޭނުމެއްނޫން، އަދި ކޮފީއެއްވެސް ބޯކަށް ބޭނުމެއްނޫން...ހިނގާ މިދިމާއިން ތޮށިގަނޑު ކައިރިއަށް ނުކުންނަން" ޔޫހާ ޖެހިގެން އޮތް ހިމަ ގޯޅިއަކަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
"އޯކޭ..." ޖީބަށްޖަހާލެވިފައިވާ ދެއަތާއިއެކު ކޮނޑުއަރުވާލަމުން ޒައުލް ބުނެލިއެވެ. ޔޫހާ އާއި ޒައުލް އެކުގައި ހިނގަމުން ދިޔައެވެ. ދެ މީހުންވެސް މަޑުކުރަމުންދިޔައީ އަނެކަކު އެއްޗެއް ބުނާނެ އިރަކަށެވެ. އެންމެ ފަހުން ޔޫހާ ވާހަކަދެއްކިއެވެ.
"ދައްތައަކަށް ނޭގޭނެ އަހަރެން ޒައުލް އާއި ބައްދަލު ކުރާކަމެއް، އަހަންނަށް ބުނަން ނުކެރިގެން މިއުޅެނީ، އަނެއްކާ ރޭގަނޑު އެހާ ގިނައިން ބޭރަށް ދާކަށް ދައްތަ ހިތްހަމައެއް ނުޖެހޭނެ، އަހަންނަށް ވަރަށް އިތުބާރު ކުރާކަން އެނގޭ، ދެރަވޭ ދޮގު ހަދަން ޖެހޭތީ..." ޔޫހާ ބުނަމުންދިޔައެވެ.
"އެހެންވެ ދޯ ފޮތް ހިފައިގެން ތިއައީ، ޓިއުޝަނަށް ދާންށޭ ކިޔާފަތަ ތިއައީ" ޒައުލް ފާޑަކަށް ހިނިއައިސްފައި އަހާލިއެވެ.
"ނޫން... ރައްޓެހި ކުއްޖަކާއިއެކު ލައިބްރަރީއަށް ދާން މިނުކުތީ" ޔޫހާ ޒައުލްއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއާއިއެކު ޒައުލް ހީލިއަޑުއިވުނެވެ.

ޔޫހާ ހިތްހަމަޖޭ ހިސާބަކަށް ދެވުމާއިއެކު އޭނަ ތޮށިގަނޑުމަތީ އިށީނުމަށް ހިޔާލުދިނެވެ. ޒައުލްގެ އެއްވެސް ހިޔާލު ތަފާތުވުމެއްނެތެވެ. އޭނަ ޔޫހާ ބޭނުންވާގޮތަށް ކަންތައްތައް ކުރިއެވެ. އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ޔޫހާ ކޮންމެވެސް ކަމަކާ ވިސްނަމުންދާކަހަލައެވެ. އަތުގައި އޮތް ފޮތުގެ ކަނާކުޅެލަ ކުޅެލާ އިނެވެ. ޒައުލް ތޮށިގަނޑުގައި ދެއަތްތިލަ ޖައްސާލަމުން އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލާލިއެވެ. ރޭގަނޑެއްކަމަކު ފިނި ވައިރޯޅިއެއްހާ ހިސާބުވެސް ޖެހިނުލައެވެ. ފަޒާގައިވަނީ ދިލައާތްވެކެވެ. ހޫނު ގަދަ ދުވަސްކޮޅަކީއެވެ. އެހެން އިންއިރު އިރުއިރުކޮޅާ ޔޫހާ އޭނައަށް ބަލާލާކަން ފާހަގަ ކުރެވެއެވެ.

"ކީއްވެ ތިވަރަށް ތިބަލަނީ؟" އިރުކޮޅަކު ޔޫހާގެ ހަރަކާތްތަކަށް ސިއްރު ނަޒަރެއްދީގެން އިނުމަށްފަހު ޒައުލް ބުނެލިއެވެ.
"ނުބަލަން..." ޔޫހާ ލަދުން އިސްޖަހާލިއެވެ. ޒައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"ތިހެން މާގިނައިން ޔޫހާ ބަލަނިކޮށް އަހަރެން ދެކެ ލޯބިވެވިދާނެ... ނޫނީ އަހަންނަށް ޔޫހާދެކެ ލޯބިވެވިދާނެ" ޒައުލް ބުނި ޖުމްލައިން ޔޫހާގެ ކޯތާފަތަށް އަރާފައިވާ ޖަންބުކުލަ ގަދަވެގެން ދިޔަތަން އޭނައަށް ފެނުނެވެ.
"ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެދާނެތަ" ޔޫހާ ކުރީ ސުވާލެކެވެ.
"ހެ ހެ ހެ ހެ... އެހެން ކިހިނެއްވާނީ" ޒައުލްގެ ވާހަކަދެއްކުމުގައި އެއްވެސް ވަރެއްގެ ސީރިއަސް ކަމެއްނެތެވެ.
"އަހަރުމެންގެ މެދުގަ މިވަނީ ރަޙުމަތްތެރިކަންތަ؟" ޔޫހާ އަހާލިއެވެ.
"ހޫމް، ދެން އެހެން ކޮންކަމެއް..." ޒައުލް ބުނެލިއެވެ.
"ދެން އޯކޭ، އެވާހަކަ ބަހައްޓާ... މިފަހަރު ތިއައީ އަނެއްކާވެސް ފުރާގޮތަށްތަ؟" ޔޫހާ މަޢުލޫ ބަދަލުކޮއްލަން ބޭނުންވިކަން ޒައުލްއަށް އެނގުނެވެ.
"ނުދާންވީތަ؟" ޒައުލް ބުނެލިއެވެ.
"އެހެނެއްނޫން، އަހަރެން މީ ކާކު ޒައުލް ހުއްޓުވަން، ހިތަށް އެރީ ނިއުއިޔާ އަންނަން ގިނަދުވަހެއް ނެތޭ، ޒައުލް މާލޭގަ ހުރެއްޖެނަމަ އެރޭ ހިނގާލަން ދާންކަމަށް" ޔޫހާ ބުނެލިއެވެ. އެއަށް ވަކިއެއްޗެއް ޒައުލް ނުބުންޏެވެ.

އެރޭގެ ދިހައެއް ޖަހަންވާއިރަށް ޔޫހާ ގެއަށްދިއުމަށް ހިނގައިގަތީ ޒައުލްއާއިއެކުއެވެ. ވަކި ހިސާބަކަށް ދިޔަތަނާހެން ޒައުލް ޔޫހާގެ އަތުގައި ހިފާލިއެވެ. އެއަތްތިލައިގެ އިނގިލިތަކުގެތެރެއަށް ޒައުލްގެ އިނގިލިތަށް މަހާލިއެވެ. ޒައުލް ޔޫހާގެ އިޙްސާސްތައް ދެނެގަންނަން ބޭނުންވެފައިހުރި ގޮތަކަށް އޭނައަށް ބަލަމުންދިޔައެވެ. ނަމަވެސް ޔޫހާ އިސްއުފުލާ ބަލައެއް ނުލިއެވެ. އެދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެކަކުވެސް އެއްޗެއް ބުނަންބޭނުން ނުވާކަހަލައެވެ. ޔޫހާ އުޅޭގެ ހުރިމަގަށް އެޅުމާއިއެކު އޭނަ ޒައުލްގެ އަތުގެތެރެއިން އަތްދަމައިގަތެވެ. ޒައުލްއަށް ޔޫހާގެ އެހަރަކާތް ނަގައިގަނެވުނެވެ. އޭނަ ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން ޔޫހާ އާއިއެކު ކުރިއަށްދިޔައެވެ.

އެރޭ ޔޫހާ ވަކިވެގެންދިޔައީ އަދި ފެންނާނަންތޯވެސް އެހުމެއްނެތިއެވެ. އޭނަ ކުރި ސުވާލުގެ ޖަވާބު ހޯދުމެއްވެސް ނެތިއެވެ. އެފަދަ ކުދިކުދި ކަންތައްތައް ޒައުލްއަށް އުނދަގޫކުރިއެވެ. އޭނަވެސް އެރޭ ރަޙުމަތްތެރިންނާއި ބައްދަލު ކުރުމެއްނެތި ދިޔައީ ގެއަށެވެ. މާމަ ލާއިގާއަށް ޒައުލް ފެނުމުން ޝަކުވާކޮއްލިއެވެ. މާލެ އަތުވެއްޖެނަމަ ގެއިން ބޭރުގައި މާގިނަ ވަގުތު ހޭދަކުރާކަމުގައި ބުނަމުންނެވެ. އަދި މަންސޫރަށް އެހީވުމުގައި ޒައުލް ނޫޅޭތީވެސް މެއެވެ.

"މާފުކުރައްވާ މާމާ، ގިނަ ދުވަސްތަކަކަށްފަހު ރަޙުމަތްތެރިއަކާއި ބައްދަލުވުމުން ވަގުތުދިޔަގޮތް ނޭގުނީ، ދެން އެހެނެއްނުވާނެ... އެކަމަކު، އަޅުގަނޑު އެއްކޮށް ކިޔަވާ ނިމިގެން ނޫނީ ބައްޕަގެ ވިޔަފާރީގެ ތެރެއަށް ވަންނާކަށް ގަސްދެއް ނުކުރަން" ޒައުލް ލާއިގާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

ޔޫހާ އާއި ޒައުލް ބައްދަލު ކުރަމުންގެންދިޔައީ ދެމީހުންގެ އާއިލާއަށްވެސް ނޭގިއެވެ. ޔޫހާ ކޮންމެ ދުވަހަކުހެން ޒައުލްގެ ހަބަރު ބަލާލާނެއެވެ. އޭނައަށް ވާޖިބު ވެފައިވާކަމެއްހެންނެވެ. ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން އެކަމާވެސް ޖޯކުޖަހާ ހަދާނެއެވެ. ޒައުލް އާއި ޔޫހާގެ ގުޅުން ބަދަހިވަމުންދިޔަ ވަރަކަށް ރަޙުމަތްތެރިންގެ މެދުގައި ޔޫހާއަށް ކިޔެމުންދިޔަ އަގުވެސް ބޮޑުވަމުންދިޔައެވެ. ޒައުލްއަށް ދޭންވާ އަދަދު އިތުރުވުމާއިއެކު ރަޙުމަތްތެރިން އެގުޅުން ގެންދަންވި ހިސާބުވެސް ކަނޑައަޅަން ފަށައިފިއެވެ. ގިނަ ދުވަހެއްނުވެ ޒައުލް ޔޫހާގެ ގާތުގައި ރައްޓެހިވުމަށް އެހިއެވެ.

"އަހަރެން ހީކުރީ ޒައުލް ދުވަހަކުވެސް ނާހާނެކަމަށް" ސްކޫލް ނިމިގެން ގެއަށް ދިއުމަށް ހިނގަމުންދިޔަ ޔޫހާ ބުނެލިއެވެ.
"މިހާރު މިއެހީނު، އަހަންނާ ރައްޓެހިވާނަންތަ؟" ޒައުލް އަނެއްކާވެސް އަހާލިއެވެ.
"ހޫމް..." ޔޫހާ އެއްބަސްވިއެވެ.

ޔޫހާގެ ކިޔެވުމުގެ ފަހުއަހަރެވެ. ޒައުލް އާއި ގުޅުމުގެ ފުރުޞަތު ލިބުމުން އޭނަހުރީ އުފަލުންކަން ޒައުލްއަށް އެނގެއެވެ. އެހެނީ އޭނަގެ ކޮންމެ އިޝާރާތެއް އެކަމަށް ހެކިދެމުންދާކެމެވެ. އާއަހަރަށް ފަހު ޒައުލް އަނެއްކާވެސް ފުރައިގެން ދިޔައީއެވެ. އޭރުވެސް ޔޫހާއަށް ހަގީގަތްވަނީ އޮޅުވާލެވިފައެވެ. މިފަހަރު ޒައުލްއަށް އާދެވުނީ އަށް މަސް ފަހުންނެވެ. އޭރު ޒައުލް އާއި ޔޫހާ ދިމާވިތާ އެއް އަހަރުވަނީ އެވެ. ޒައުލް ކަންތައްކުރީ ކުރިންވެސް ކަންތައްކުރި ގޮތަށެވެ. މާލެ އާދެވުމުން ޔޫހާއަށް ގުޅާލިއެވެ. އޭރު ޔޫހާ ކިޔަވާ ނިމިގެން ސަރުކާރުގެ ރަނގަޅު ވަޒީފާއަކަށްވަތްތާ ގިނަދުވަހެއް ނުވެއެވެ. މިފަހަރުވެސް ޔޫހާ އެއްވެސް ޝަކުވާއެއުކުރުމެއްނެތި ބޭނުންވީ ޒައުލް އާއި ބައްދަލުކުރުމަށެވެ.

"ކިހިނެއްތަ؟" ޔޫހާ ޒައުލް ފެނުމުން އަހާލިއެވެ.
" ރަނގަޅު، ކޮން އޮފީހަކަށް ވަނީ" ޒައުލް އަހާލިއެވެ.
"ފޮރިން މިނިސްޓްރީއަށް...ދެތިން ތަނަށް ސިޓީލައިގެން އެންމެ ފުރަތަމަ ލިބުނީ އެތަނުން" ޔޫހާ އޮޅުންފިލުވާދިނެވެ.
"ޔޫހާ ކިހިނެއްތަ؟ އަހަންނާ ރައްޓެހިވިގޮތައްތަ ތިހުރީ" ޒައުލް ޔަގީން ކޮއްލިއެވެ.
"އާން...އަހަންނަށް އެނގޭ ޒައުލް އެނބުރި އަންނާނެކަން، އަހަންނަށް ގުޅާނެކަން" ޔޫހާ ލުއިހިނިތުންވުމަކާއިއެކު ބުނެލިއެވެ.
"އަހަރެންގެ ހިތް ދަސްކުރަން އެހާ ފަސޭހަތަ؟" ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"ނޫން، ވަކި އެހެނެއްނޫން...އަމިއްލަ ހިތަށް އަހަރެން އިތުބާރުކުރަމޭ..." ޔޫހާ މިފަހަރުވެސް ހިނިތުންވެލިއެވެ. އެ ތޫނުފިލި ދެ ލޮލުގައިވަނީ ކޮންފަދަ ޖާދޫއެއްކަމެއް ނޭގެއެވެ. ހިނދުކޮޅަކަށްވިޔަސް ޒައުލް އެލޮލުގެ ޖާދޫގައި ޖެހޭކަން އެއީ އޭނަ ހައިރާންވާކަމެކެވެ.
"އަހަރެންގެ ރަޙުމަތްތެރިން މިފަހަރުވެސް އެހި، ޔޫހާ ފެންނާނީ ކޮންދުވަހަކުންތޯ... އަހަންނަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނު... ދެން ކޮންއިރަކުންތަ ޔޫހާ އެމީހުންނާއި ބައްދަލު ކުރާނީ" ޒައުލް ދެރަވެލާފައިބުނެލި އެވެ.
"އަދި ކުރާނަން، އެކަމަކު ތަންކޮޅެއް ފަހުން... ތަންކޮޅެއް ގިނަދުވަހު މާލޭގަ މަޑުކޮއްނުލެވޭނެތަ" ޔޫހާ އަހާލިއެވެ.
"ދެން ފުރަން އޮތީ އަންނަ އަހަރުގެ ކުރީކޮޅު... އަންނައަހަރު ފެށެންވެސް އަދި އެބައޮތް ގާތްގަނޑަކަށް ތިން މަސް ދުވަސް" ޒައުލް އެހެން ބުނެލިއިރު ހީވަނީ ތިން މަސްދުވަހަކީ އޭނައަށްވަރަށް ގިނަ މުއްދަތެއް ހެންނެވެ. ޔޫހާގެ އެރީތި މޫނުން ހާސްކަން ޒައުލްއަށް ފެނުނެވެ. އެހެންނަމަވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އަނެއްކާވެސް ހިނިތުންވެލިއެވެ.
"އެހެންވީމަ ޖެނުއަރީ ނޫނީ ފެބްރުއަރީ ހިސާބުގަ ދޯ ފުރާނީ މިފަހަރުވެސް، ބޯޓު ދަތުރުކުރާ މީހަކަށް ވަރަށް ފައިސާ ލިބޭތަ؟" ޔޫހާ ސުވާލުކޮއްލިއެވެ.
"އާން... އެހެންވެތާ ދާން މިޖެހެނީ، އަނެއްކާ އެހަރަ ބޮޑެތި ކަނޑުތަކުގައި ދަތުރުކޮއްލާއިރު ކިހާ މަޖާވާނެ..." ޒައުލް ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.
"އެކަމަކު... ތިހެން އަބަދު ދަތުރުކުރަންޏާ ލައިފެއް ނުފެށޭނެއެއްނު... ޒައުލް މިކޮޅުގަ ހުރެގެން ކުރާކަހަލަ ވަޒީފާއެއް ހޯދަންވީނު" ޔޫހާ ހިޔާލު ފާޅުކުރިއެވެ.
"ލައިފެއް ފެށޭވަރަށް ފައިސާކޮޅެއް އެއްވީމަ މިކަން ހުއްޓާލާނަން، އަހަންނަށްވެސް އެނގޭ މީ އުމުރުދުވަހަށް ކުރެވޭވަރުކަމެއް ނޫންކަން..." ޒައުލްގެ ވާހަކަތަށް ވަރަށްވެސް އޮމާނެވެ. ފަށުވިއެވެ. ޔޫހާ އޭނަގެ ވާހަކަތައް އަޑުއަހަމުންދަނީ ފޫހިކަމެއްނެތިކަން ގައިމެވެ.
ބޮޑު ޗުއްޓީ ގާތްވަމުން އައިއިރު ޔޫހާގެ މަންމަ އެއަހަރުގެ ބޮޑު ޗުއްޓީއަށް ރަށަށް އައުމަށްވަނީ އެދިފަކަމަށް ޒައުލްގެ ގާތު ޔޫހާ ބުންޏެވެ. އެހެންނަމަވެސް ޒައުލްގެ ރަޙުމަތްތެރިން އެދުނީ އާއަހަރު ފާހަގަ ކުރުމަށް އެމީހުންނާއިއެކު ޒައުލް ދާއިރު ޔޫހާވެސް ގެނައުމަށެވެ. ޒައުލްދެކެ ޔޫހާ ލޯބިވާކަން ޔަގީންކުރެވޭނީ އޭރުންކަމުގައި އެމީހުން ބުންޏެވެ.

"އައްދޭ، ތީ އެއްވެސް ކަމެއްނޫނެއްނު" ޒައުލް އޭނަގެ ރައްޓެހިންގެ ކުރިމަތީ ބޮޑާވެލިއެވެ.
"ބޯޓު ދަތުރުކުރަން އަނެއްކާވެސް ފުރަންޖެހުމުގެ ކުރިން މިފަހަރު ތިކަންވާނެ ކުރަން، އެހެންނޫނީ ޒައުލްއަށް އެކަން ނުވިކަމަށް އަހަރުމެން ނިންމާނީ...ދޯ..." ޖިނާ ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ. އަދި އެންމެން އެއްފަހަރާ ހޭންފެށިއެވެ.
"ޔޫހާ އަހަރެންދެކެ ލޯބިވަންޏާ މިފަހަރު ނުދާނެ ރަށަކަށް" ޒައުލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ވުޑްއެޕަލް ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި ޒައުލް އާއި ޔޫހާ ތިއްބެވެ.
"ޒައުލް، އަންޑަސްޓޭންޑް ވެބަލަ، މިދިޔަ އަހަރުވެސް އަހަރެން ނުދަން ރަށަކަށް، މިފަހަރު މަންމަ ވަރަށް ބޭނުންވެގެންނޭ އެބުނީ އައިސްދޭށޭ...އަހަރެންގެ އާއިލާއަކީ އެއީނު...ލޯތްބާ އަހަރެންގެ އާއިލާ އާއި އަޅާނުކިޔަބަލަ" ޔޫހާ ވިސްނާދޭން ބޭނުންވެއެވެ.
"އަހަރެން ކިތަންމެ ކުޑަ ދުވަސްކޮޅެއް ޗުއްޓީއަށް ލިބުނަސް މިއަންނަނީ ޔޫހާ އާއި ބައްދަލު ކުރަން، އެކަމަކު ޔޫހާ ތިއުޅެނީ ފުރަންވެގެން، އަހަރެން ކިހާ އެކަނިވާނެ... ހުރިހާ ރަޙުމަތްތެރިން ވެސް އުޅޭނީ އެމީހުން ރައްޓެހިވެގެން އުޅޭ ކުދިން ގޮވައިގެން، އަނެއްކާ މިފަހަރު އާ އަހަރު ފެށޭ ރޭ ސަފާރީ ދުއްވާލުންވެސް އެބައޮތް... އަހަރެން ޔޫހާ ގޮވައިގެން ދާން ބޭނުން... ޕްލީސް ޑޯންޓު ގޯ... އައިލް މިސް ޔޫ..." ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން އަސަރާއިއެކު ބުނެލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު