ޕާމަނަންޓް ސެކްރެޓަރީންނާއި އިސް ޒިންމާދާރުވެރިންނަށް އިންޑިއާގައި ތަމްރީންތަކެއް

ޕާމަނަންޓް ސެކްރެޓަރީންނާއި އިސް ޒިންމާދާރުވެރިންނަށް އިންޑިއާގައި--- ފޮޓޯ: ސީއެސްސީ

އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ގާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ޕަރމަނަންޓް ސެކްރެޓަރީންނާއި އިސްޒިންމާދާރުވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ރާއްޖޭގެ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީ އަދި މަސޫރީ ގައި ކުރިއަށްދާ " ޓްރެއިނިންގ ޕްރޮގްރާމް ފޯރ ޕަރމަނަންޓް ސެކްރެޓަރީސް އެންޑް ސެކްރެޓަރީ ޖެނެރަލްސް އޮފް މޯލްޑިވިސް" ގައި 14 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ)އިން ބުނީ އެ ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިގުތިސާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. އެ އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ.

އޭގެ އިތުރުން އެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން އިންޑިއާގެ އިގްތިސާދީ ކުރިއެރުން އަދި މުއްސަނދި އުމްރާނީ ތަރައްގީ އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ގޮތުން ބައިވެރިންނަށް އިންޑިއާގެ މަޝްހޫރު ސިޓީތަކަށާއި ބިނާތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

comment ކޮމެންޓް