ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތިން ރަށެއްގައި ފެން ބޮޑުވެއްޖެ

މާއުނގޫދޫގައި ފެންބޮޑުވުމުން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ--- ފޮޓޯ: އެމްއެންޑީއެފް

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ބޯ ވާރޭގެ ސަބަބުން ތިން ރަށެއްގައި ފެންބޮޑުވެއްޖެއެވެ.

ފެންބޮޑުވެގެން އުޅެނީ އއ. ރަސްދޫއާއި ށ. މާއުނގޫދޫއާއި ނ. ހޮޅުދޫގައެވެ.

ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ "ސަން" އަށް މިއަދު ވިދާޅުވީ އެރަށަށް ރޭ ދަންވަރު ދޭއް ޖެހިއްސުރެ މިއަދު ހެނދުނު 10 ޖަހަންދެން ވިއްސާރަ ވެހުނު ކަމަަށެވެ. އަދި އެރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފަިއވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ އެމްއެންޑީއެފްއާ ގުޅިގެން އެރަށުގަިއ ޕަމްޕް ޖައްސައި އަދި ކޯރު ކަނޑައިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފެން ބޮޑުވި ހޮޅުދޫއަކީ އާންމުކޮށް ފެންބޮޑުވާ ރަށެކެވެ. މެދު އަޑިކޮށް އޮންނަ އެރަށުގައި މިހާ ފެންބޮޑުވީ ދުވަހެއް ފަހުގެ ތާރީހެއްގައި ނުދެކޭ ކަަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވިއެވެ.

"މިއަދު މެންދުރު 12:30 އިން ފެށިގެން ހަމަ ވާރޭ ވެހެނީ. މިހާރު 25 އަކަށް ގެޔަށް ފެންވަދެއްޖެ ވަރަށް ބޮޑަށް. ދެން މިހާރު އެމްއެންޑީއެފްއާ ގުޅިގެން ޕަމްޕް ޖައްސައިގެން މިއުޅެނީ" ނަސީރު ވިދާޅުވިއެވެ.

ފެންބޮޑުވި ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވަހީދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެރަށަށް ވާރޭ ވެެހެމުންދާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން 20 އަކަށް ގެޔަށް ފެން ކޮޓަރިތަކަށްފެންވަދެ ހިފާތަކެއްޗަށް ގެއްލުން ލިބިފަިއވާ ކަމަށެވެ.

" އެމްއެންޑީއެފްއާ ގުޅިގެން މިހާރު ކޯރު ކަނޑައި ޕަމްޕް ޖައްސައިގެން މިއުޅެނީ" އިބްރާހިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިސާރަކޮށް، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓްްއޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން އިތުރަށް ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރެފިކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ކުރަމުންދިޔަ ވިއްސާރައިގައި މުޅި މާލެ މިހާރު ވަނީ ނުހިނގޭ ވަރަށް ފެންބޮޑުވެފަ އެވެ. މިއަދު މެޓް އޮފީހުން ވަނީ އަށް އަތޮޅަކަށް ޔެލޯއެލާޓްވެސް ނެރެފައެވެ.

އިއްޔެއަކީ، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނަކަތް ފެށުނު ދުވަހެވެ. މުލަ ނަކަތުގައި އާންމުކޮށް ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވެ އެވެ.

comment ކޮމެންޓް