އައްޑޫ އާ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް އަންނަ އާދިއްތަ ދުވަހު ފަށަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތުގައި ތަރައްގީކުރި އާ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އެކަން "ސަން" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ފަށާނީ އޯޕީޑީއާ ބައެއް ޑައިގްނޯސްޓިކް ޓެސްޓުތަކުގެ ހިދުމަތްތައް ކަމަށެވެ. އެގޮތުން ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްާއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތް ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުންފަދަ ހިދުމަތްތައް ދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާއާހަވާލުކުރީ 2016 ވަަނ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އާ ހޮސްޕިޓަލްއަށް ބޭނުންވާ އެމްއާއުއައި މެޝިން މިދޔަ ޖޫން މަހު ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

comment ކޮމެންޓް