ހޯމް މިނިސްޓްރީގެ ޕީއެސްގެ މައްޗަށް ކުށް ސާބިތެއް ނުވި، ސަސްޕެންޝަން އުވާލައިފި

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑްކޮށްފި އިބްރާހިމް ހަމީދު (ވ)--

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އިބްރާހިމް ހަމީދަށް ކުރެވުނު ތުހުމަތުތައް މައްޗަށް ކުށް ސާބިތެއް ނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާއަށް ނެރެފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހަމީދުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސިވިލް ސާވިސް ކޮމިޝަނުން ބެލި ކަމަށާއި އެހެން ނަަމަވެސް އެ ތުހުމަތުތަކުގައި އެކަށީގެންވާ ހެކި ނެތް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހަމީދުގެ ސަސްޕެންޝަން މިދިޔަ ބުރަސްފަތި ދުވަހުން ފެށިގެން އުވާލައިފައިވާ ކަމަށެވެ.

ހަމީދު މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ހުންނެވީ ސަސްޕެންޝަންގަ އެވެ.

ހަމީދަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސިވިލް ސާވިސްއިން ހާމައެއް ނުކުރި އެވެ.

ހަމީދު ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެއްވީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

މީގެ ކުރިން މަގާމުގެ ނުފޫޒް ބޭނުންކުރިކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު އަބްދުﷲގެ މައްސަލަ ބަލައި އެ ދެ ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

comment ކޮމެންޓް