މުއިއްޒުގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން: ފުލުހުން

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ފަށައިފި އެވެ.

ދައުލަތުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 845 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ މައްސަލައިގައި މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާނާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، މުއިއްޒުގެ މައްސަލައިގައި މިހާރު ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިހާރު ކުރަމުން ދަނީ ޕްރީ-އިންވެސްޓިގޭޓިވް މަރުހަލާގައި ކުރާ މަސައްކަތްތަކެވެ. އެގޮތުން ފުލުހުން މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާކަން ވަނީ އެނގިފަ އެވެ.

އޭޖީ އޮފީހުން ބުނެފައި ވަނީ ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ކަމަށްވާ މުއިއްޒު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުމުން އާބިޓްރޭޝަނުގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއުކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންކަމުން އޭޖީއިން ފުލުހުން ގާތުގައި އެދިފައި ވަނީ ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުވާ މައްސަލަ ތަހުގީގުކޮށް ދިނުމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިންވެސް ވަނީ މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ހުށަހަޅަން ފާސްކޮށްފަ އެވެ. އެ ކޮމިޓީގައި މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް ދެކޮޅަށްވެސް އޭނާ ބަޔާން ދެއްވާފައި ނުވާނެ ކަމަށެވެ.

comment ކޮމެންޓް