ސައޫދީ ސިފައިން އެމެރިކާގައި އަމަލީ ތަމްރީންތައް ހެދުން މަނާކޮށްފި

އެމެރިކާގައި އަސްކަރީ ޕައިލެޓްކަން ކިޔަވަމުންދާ ސައޫދީ ބައެއް ސިފައިން

ވޮޝިންޓަން (ޑިސެމްބަރު 11) : އެމެރިކާގެ އެކިތަންތަނުގައި އަސްކަރީ ތައުލީމާއި ތަމްރީން ތަކުގައި ހަރަކާތްތެރިވާ ސައޫދީ ސިފައިންނާއި ދަރިވަރުން ހަތިޔާރު ބޭނުންކޮށްގެން ނުވަތަ އެނޫން ގޮތަކަށްވެސް އަމަލީ ތަޖްރިބާތައް ކުރުން މަނާކޮށްފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ އެމެރިކާގައި އަސްކަރީ ތައުލީމާއި ތަމްރީންތަކުގައި ހަރަކާތްތެރިވާ ސައޫދީ ސިފައިންނާއި ދަރިވަރުން އަމަލީ ތަޖްރިބާތައް ކުރުން ވަގުތީގޮތުން މަނާކޮށްފައިވާނެ ކަމަށާ ނަމަވެސް ހާލަތަށް ބެލުމަށްފަހު ފަހުން އެ ނިންމުން މުރާޖަޢާ ކުރާނެކަމަށެވެ. ޕެންޓަގަން އިން އެގޮތަށް ނިންމީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ނޭވަލް އެއާ ސްޓޭޝަންގައި އަސްކަރީ ތަމްރީން ތަކެއްހަދަމުންދިޔަ ސައޫދީ ސިފައިންގެ މީހެއް ކަމަށްވާ މުހައްމަދު ސައީދުއްޝިމްރާނީ މިދިޔަ ހުކުރުދުވަހު ބަޑިން ހަމަލާތަކެއްދީ އެމެރިކާގެ ތިން މީހުން މަރާލައި 12 މީހުން ޒަޚަމްކޮށްލި ޙާދިސާއާ ގުޅިގެންނެވެ.

ޝިމްރާނީ އެކަން ކުރީ ފްލޮރިޑާގެ ނޭވަލް އެއާ ސްޓޭޝަން ގެ ކްލާސްރޫމެއްގެ ތެރޭގައެވެ. އެމެރިކާގެ އަސްކަރީ ފެކަލްޓީތަކާއި އަސްކަރީ ބޭސްތަކުގައާއި އެކަޑަމީ ތަކުގައި ސައޫދީ ސިފައިންގެ 850 މީހުން އެކިބާވަތުގެ އަސްކަރީ ތައުލީމާއި ތަމްރީންތައް ފުރިހަމަ ކުރަމުން ގެންދެއެވެ. އޭގެތެރޭގައި އެއާފޯސް ޕައިލެޓްކަމުގެ ތަމްރީން ހަދާ 300 އެއްހާ ސައޫދީ ސިފައިންވެސް ހިމެނެއެވެ. އެމެރިކާގެ މިނިންމުމުގައި އެހުރިހާ ފަރާތްތަކެއް ޝާމިލްވާއިރު އަސްކަރީ ޕައިލެޓްކަން ކިޔަވާ ސައޫދީ 300 ސިފައިންނަށްވެސް އެކަމުގެ އަމަލީ ތަމްރީންތައް މިވަގުތު ނުހެދޭނެއެވެ.

ޝިމްރާނީ ދިން ބަޑީގެ ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާއިން ކަނޑައަޅާފައިވީނަމަވެސް އެއީ އޭނާ އެކަހެރި ގޮތެއްގައި ހިންގި އަމަލެއްކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުންވަނީ ނިންމާފައެވެ. އެ ޙާދިސާގެ ތަހްގީގްތަކަށް އެމެރިކާއަށް އެއްބާރުލުން ދިނުމަށް ސައޫދީ އަމަނާބެހޭ ފަރާތްތަކަށް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އަމުރު ކުރައްވާފައެވެ. އަދި ޝިމްރާނީ އަކީ ސައޫދީ ސަރުކާރުވެސް އަދި ސައޫދީ ރައްޔިތުންވެސް ތަމްޘީލްކުރާ މީހެއް ނޫންކަމަށްވެސް ސައޫދީ ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އަސްކަރީ ފެކަލްޓީތަކާއި އަސްކަރީ ބޭސްތަކުގައި އެކަޑަމީ ތަކުގައި ސައޫދީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް ތަމްރީންތައް ހަދައި އަސްކަރީ ތައުލީމު ހާސިލްކުރަމުން ގެންދާއިރު އެއީ އެތަންތަނަށް ބޮޑު އާމްދަނީ އެއް ލިބޭކަމެކެވެ. ބަޑީގެ ހަމަލާތައް އަމާޒުވި ފްލޮރިޑާގެ ޕެންސަކޯލާގައި ހުންނަ އަސްކަރީ ބޭހަކީވެސް ސައޫދީ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ކިޔަވައި އަދި ތަމްރީން ހަދާ މަރުކަޒެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް