މުއިއްޒެއް ނެތް، އެކަމަކު ވެރިރަށަށް އޮތީ މި ގޮތް؟!

18 އޮކްޓޯބަރ 2016: މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި: މި މައްސަލައަށް އަދިވެސް ހައްލެއް ނާދޭ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ސަރުކާރަށް ފާޑުކިޔައި ހަޖޫ ޖަހަން ބުނެ އުޅެނީ، "މުއިއްޒުވީ" ކަމަށެވެ. އެއީ އޭރު މާލޭގެ ކަންކަން ތަރުތީބު ކުރުމާ ހަވާލުވެގެން ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒަށް ކަންކަން ނުވާކަމުގެ ޝަކުވާއިން އުފެދި، ބޮޑުވެގެން އައި އަތްމަތީ ބަހެކެވެ.

އެކަމަކު އެ ދުވަސް މިހާރު ފާއިތުވެ ހިނގައްޖެ އެވެ. އޭރު ކަންކަމަށް ފާޑުކިޔަން ތިބި މާލޭ ސިޓީ ކައުންސިލަށް ބާރު ލިބި މަގުތަކުގެ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ. އެކަމަކު، އެ ފަހުން އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާ އިރު މަގުތަކުގެ ހާލަތަށް ވަކި ބަދަލެއް ނާދެ އެވެ.

"ދެ މޫސުން ބެދޭ" ވިއްސާރައިގެ އަސަރު މިއަދު ވެސް މާލެއަށް ކޮށްފި އެވެ. ހެނދުނު ހެނދުނާ އޮއްސާލި ބޯވާރެއާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލެ ފެންބޮޑުވި އެވެ. މަގުމަތީގައި ކުނިބުންޏާއި ތެލާއި ފެނުގެ ކޯރުތައް ދަމާލި އެވެ. އެ ފެންގަނޑު މެންދުރުވީ އިރު ވެސް ހިނދޭ ގޮތެއްނުވި އެވެ. ޒަރޫރީ ބޭނުންތަކުގައި ވެސް މީސްމީހުންނަށް ގެއިން ނުނިކުމެވި، "ގޭބަންދު"ވީ އެވެ.

ފެން ހިންދާ ނިޒާމު ބަލިކަށި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި ފެން ހިންދުމަށް ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމްތަކެއް ގާއިމު ކުރި އެވެ. އެ ސިސްޓަމް ފަރުމާ ކޮށްފައި ވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދޭނެ ގޮތަށް ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. މިހާރު ވެސް މާލޭގައި ފެންބޮޑުވެއްޖެ ނަމަ ފެން ހިންދަނީ އެ ސިސްޓަމްތަކުންނެވެ.

އެކަމަކު، ފެންނަ ފެނުމަށް، މާލެއަށް އެކަށީގެންވާ ވަރަށް ޕަމްޕުތަކެއް ގާއިމް ކުރެވިފައި އަދި ނެތީ އެވެ. ފެންބޮޑުވާ ދުވަސްތަކުގައި ކައުންސިލާ ސުވާލު ކުރުމުން އާންމު ގޮތެއްގައި ބުނަނީ ޕަމްޕުތައް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް، ވާރޭ ވެހުނުލެއް މާ ބޮލީ ކަމަށް ކައުންސިލުން ބުނެ އެވެ. އެހެން ކަމަށްވާ ނަމަ އިތުރު ޕަމްޕުތައް އަދި ވެސް މާލެއަށް ބޭނުންވެ އެވެ.

މާލޭގެ ޑްރެއިނޭޖް ޕަމްޕުތައް އިތުރު ކުރަން އުޅޭ ކަމުގެ އިޝާރާތެއް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ފަހުން ވަނީ ދެއްވައިފަ އެވެ. އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އޭނާ ވިދާޅުވީ، އިތުރު ޑްރެއިނޭޖް ޕަމްޕުތައް ގާއިމް ކުރަން ސިޓީ ކައުންސިލުން ރާވާފައިވާ ކަމަށެވެ.

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ދުވަހު އަސްލަމް ވިދާޅުވީ، މާލޭގެ ސްޓޯމް ވޯޓާ، ނުވަތަ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދޭ ފެން ޖަމާ ކުރާނެ ތަންތަން ހޯދުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ. މާލޭގެ މަގުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ކުރި އިރު ފެން ހިންދުމާ ގުޅޭ ގޮތުން ވިސްނާފައި ނުވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މާލޭގައި ޖާގައެއް ނެތް. އެހެން ފެން ހިންދަން، ހުސް ޖާގައެއް މާލެއަކު ނެތް. އެހެންވީމަ އޮހޭ ހުރިހާ ފެނެއް މި ޖެހެނީ ބޭރު ކުރަން. އޭތި އަމިއްލަ ޒާތުގައި ފްލޯ އައުޓްވާ ގޮތަކަށް ނޫން ފަހުން މާލެ ހިއްކައި މި ކަންކަން ކޮށްފައި ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޑްރެއިނޭޖުގެ މައްސަލައަށް ހައްލެއް ހޯދަން އާޓިފިޝަލް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

މަގުތައް ލެވަލްއެއް ނޫން، އެއްވަރު ކުރަން ޖެހޭ

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލޭގައި، ހާއްސަކޮށް މާފަންނުގައި ފެންބޮޑުވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ބައެއް ސަރަހައްދުތައް ބިން އުސްކޮށް ތަރައްގީކޮށްފައިވުން ކަމަށެވެ.

"ރަސްފަންނު ހެދި އިރު ވެސް އެއޮތީ ތަންކޮޅެއް މައްޗަށް ހިއްލާލެވިފައި. އެހެންވުމުން ވެސް ހަމަ ތަގަރިއެއްހެން މާލޭގެ އެތެރެއަށް ފެން ވަންނަ ގޮތް މިވަނީ އަނެއްކޮޅުން ރިންގްރޯޑް ވެސް އެއޮތީ އުސްކޮށް، އެހެންވީމާ ހަމަ ދެ ފަރާތުން ފެން އައިސް ބެދެނީ ހަމަ މިތާ. އެހެންވުމުގެ ސަބަބުން މާފަންނު ކޮޅުގައި ހަމަ އޮބި ނޯވޭ. ހަމަ ކިރިއާ ވެހެލާއިރަށް މިކަންތައްތައް ޖެހޭ،" ޝިފާ ވިދާޅުވި އެވެ.

އެ ދުވަހު ޝިފާ ވިދާޅުވީ އެ މައްސަލައަށް ހައްލެއް ލިބޭނީ މާލޭގެ މަގުތައް އަލުން ބަލުން ހަދައިގެން ކަމަށެވެ. އޭގެ ހައެއްކަ މަސް ފަހުން މިހާރު މަގުތައް އަލުން ހަދަން ސަރުކާރުން މިހާރު ބަޖެޓުކޮށްފަ އެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 79 މިލިއަން ރުފިޔާ އެވެ.

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތައް ރަނގަޅު ކުރަން ކައުންސިލުން މަސައްކަތް ރާވާފައިވާ ގޮތުގެ ހުލާސާއެއް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ގައުމީ ތަރައްގީގެ ކޮމިޓީގައި ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަގުތައް އެއްވަރަކަށް ހެދުމުގެ މަސައްކަތް އޮތީ ރޭވިފައެވެ.

"ސިޓީ ކައުންްސިލުން މަސައްކަތްތަކެއް ރާވައިގެން ކުރަން ގަސްތު ކުރައްވައިގެން ކުރިއަށް ގެންދަނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ވެސް ހިމެނޭ ގޮތަށް މާލޭގެ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް. ދެން އޭގެ ތެރޭގައި އަންނާނެ ބައެއް މަގުތައް ރީސާފޭސް ކުރުމާ، ޕާކިން އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ޑޭޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެފައި ވަނީ މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއް އަލުން ހަދަން ޖެހޭ ކަމަށެވެ. ބަދަލު ކުރަން ނުޖެހޭ ދެ މަގަކީ ކުރީގެ ސަރުކާރުގައި ތަރައްގީ ކުރި އިއްޒުއްދީން މަގާއި މާލޭ ރިންގްރޯޑެވެ.

މަގުތަކުގައި ފެންބޮޑުވުން ހުއްޓުވުމަށް ބަރާބަރަށް ކާނުގަނޑު ސާފު ކުރުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. މިހާރު ސިޓީ ކައުންސިލުން ގަވައިދުން އެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ވިއްސާރަވުމުގެ ސަބަބުން ޖަންޝަންތައް ފުރިގެން އަަރާ މައްސަލައަކީވެސް އާންމު މައްލައެކެވެ. ޖަންކްޝަންތައް ފުރިގެން އަރަން ދިމާވަނީ ދިޔަދޮވި ޖަންކްޝަނާ ގުޅުވާފައި ހުރުމުން ކަމަށް މީގެ ކުރިން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެފައިވެއެވެ.

މިވަގުތު ޝަމާއު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން، މިއަދުގެ ފެންބޮޑުވުމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ލިބޭ ގޮތްވެފައި ނުވެއެވެ. މޭޔަރު ޝިފާއަށް ގުޅުމުން ފޯނު ނަންގަވާފައި ނުވެއެވެ.

comment ކޮމެންޓް