އިބޫއާ މެދު ފިޔަވަޅު ނާޅާ އޮތީ ޝަކުވާއެއް ނުލިބޭތީ: ރައީސް އޮފީސް

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ: އޭނާގެ ޝަކުވާއެއް ރައީސް އޮފީހަށް ހުށަހަޅާފައި ނުވާކަމަށް އެ އޮފީހުން ބުނޭ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)އާ މެދު ފިޔަވަޅު ނާޅާ އޮތީ އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ހުށަހެޅިފައި ނުވާތީކަމަށް އެ އޮފީހުން ބުނެފި އެވެ.

އިބޫއަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް "ސީހޯމް ސަފަޔާ" ބޯޓު ނައްތާލުމަށް ބަޔާކާ ހަވާލު ކުރި މައްސަލަ އެެވެ.

ރައީސް އޮފީހުންގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، އާންމު އުސޫލުގެ މަތިން މީހަކާ މެދު ފިޔަވަޅު އަޅަނީ އެމީހެއްގެ ޝަކުވާ ރައީސް އޮފީހަށް ހުށަހެޅުމުން އެ ޝަކުވާއެއް ބެލުމަށް ފަހު ކަމަށެވެ. ނުވަތަ ކަމާ ބެހޭ މުއައްސަސާއަކުން އެ މީީހެއްގެ މައްސަލައެއް ބަލާ ކަން އެންގުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ޝަކުވާއެއް އަދި މައްސަލައެއް ރައީސް އޮފީހަށް ހުށަހެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިބޫއާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާއަކުން އެެއްވެސް މައްސަލައެއް ބަަލަމުންދާ ކަމެއް ރައީސް އޮފީހަށް އަންގާފައި ނެތް،" ހޫދު ވިދާޅުވި އެވެ.

ހޫދު އެގޮތަށް ވިދާޅުވި އިރު، މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ، ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލްގެ މެނޭޖްމަންޓުން ކަންތައް ކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހަށާއި ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވުމަށްވެސް އެ ކޮމިޓީން ނިންމި އެވެ.

ބޯޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނާއި އޮޑިޓް އޮފީހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިބޫއާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، މީގެ ކުރިން ރައީސް އޮފީހުން ވަނީ އެފަދަ މައްސަލަތަކުގައި ބައެއް ފަރާތްތައް ސަސްޕެންޑްކޮށްފަ އެވެ.

އެގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި މޯލްޑިވް ގެސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްވެސް ސަސްޕެންޑް ކުރި އެވެ. މަހްލޫފުގެ ސަސްޕެންޝަން ފަހުން އުވާލި އިރު، ޝަޒައިލް ސަސްޕެންޝަންގައި ހުންނަތާ މިހާރު ދެމަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައިވެސް އިސްކޮށް އުޅުއްވި އިބޫ ވަނީ އޭނާއަށް ކުރާ ތުހުމަތުތައް މީގެ ކުރިން ދޮގު ކުރައްވާފަ އެވެ.

ބޯޓު ތިލަފުށީ ފަޅުން ނެގުމަށް ޕާކްވަން ކުންފުންޏާއެކު އެއްވަސްވުން ހެދީ، ޕާކްވަންއަށް އޭގެ މިލުކުވެރިކަންވެސް ލިބޭ ގޮތަށެވެ. އަދި އެކުންފުންޏަކީ، ބިޑް ކުރި ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ކުންފުންޏެއްކަން ވެސް ހާމަވެފައިވެ އެވެ.

އެހެން ނަމަވެސް، ފިނޭންސުން ބުނެފައި ވަނީ ބޯޓް ނައްތާލުމަށް ނޫނީ މިލްކުވެރިކަން ބަދަލު ކުރަން އެއްވެސް ހުއްދައެއް ދީފައި ނޯންނާނެ ކަމަށެވެ.

ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލް އިން މަކަރާ ހީލަތް ހެދި ކަމަށް ބުނެ، ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދުމަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ނަމަވެސް އިބޫ ވިދާޅުވި ގޮތުގައި ޖީއެމްއައިޒެޑްއެލް އިން މި މައްސަލައިގައި ދޭން ޖެހޭނެ އެއްވެސް ބަދަލެއް ނޯންނާނެ އެވެ.

comment ކޮމެންޓް