ފަނޑިޔާރުކަން ލިބުމުން ސުއޫދު ޓުވިޓާއާ ދުރަށް!

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުއޫދު އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޓުވިޓާއާ ދުރަށް ވަޑައިގެންފި އެވެ.

ސުއޫދު އަމިއްލަ ނަމުގައި ބޭނުންކުރައްވަމުން ގެންދެވި ޓުވިޓާ އެކައުންޓު ގާތްގަނޑަކަށް 47 ހާހެއްހާ މީހުން ފޮލޯ ކުރަމުން ދިޔައެވެ. އެ އެކައުންޓް ލޮކް ކުރުމަށްފަހު، އެ އެކައުންޓުގެ ނަން މިހާރު ވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ނަމަށް ބަދަލުކޮށްފައެވެ.

ލޯ އިންސްޓިޓިއުޓް އަކީ ސުއޫދުގެ ހިއްސާ އޮތް ސުއޫދު އެންޑް އަންވަރު ލޯ ފާމްގެ ދަށުން 2004 ވަނަ އަހަރު ހިންގަން ފެށި އިންސްޓިޓިއުޓެކެވެ. ސުއޫދު ވަނީ ލޯ ފާމްގެ ހިއްސާ ދޫކޮށްލައްވައިފައެވެ. އަދި އެ ލޯ ފާމްގެ މައި ހިއްސާދާރުން ބަދަލުވެ، ލޯ ފާމްގެ ނަން ވެސް ވަނީ ބަދަލުކޮށްފައެވެ.

މީގެ ކުރިން ޓްވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ސުއޫދު ޓުވިޓާއާ ދުރަށް ވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ އެކު އެވެ. އޭނާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ސުއޫދު ފާހަގަވަނީ ޓުވިޓާ މެދުވެރިކޮށް ޝަރުއީ ދާއިރާގެ ކަންކަމާ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ވެސް ހިޔާލު ފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނާގޮތުން ފަނޑިޔާރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ކޮށްގެން ނުވާނެ އެވެ.

ފަނޑިޔާރުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އިލްމީ މަސައްކަތްތައް ފިޔަވައި، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުމަކީ މަނާކަމެކެވެ.

ފަނޑިޔާރުންނަށް އެއްވެސް ފަރާތަކަށް ގާނޫނީ ލަފައެއް ވެސް ނުދެވޭނެއެވެ. އަދި ސިޔާސީ ހިޔާލު ފާޅުކުރުމަކީ ވެސް މަނާކަމެކެވެ.

ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ކުރިން ސުއޫދު ހުންނެވީ ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރައީސްގެ މަގާމުގަ އެވެ.

މަރު ކޮމިޝަނުގައި ހުންނެވި އިރުވެސް ސުއޫދު ގެންދެވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު ވެސް ޓުވިޓާ މެދުވެރިކޮށް އާންމު ކުރައްވަމުންނެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރެއްގެ ގޮތުގައި ސުއޫދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއެކު، އޭނާ ވަނީ މަރު ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ.

ސުއޫދަކީ އޮސްޓްރޭލިއާގެ ކުއީންސްއައިލެންޑް ޔުނިވާސިޓީއިން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ބެޗްލާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

އަޒްމިރަލްދާވެސް ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ލިޓިކާ ލޯ އެސޯސިއޭޓްގެ ޕާޓްނަރެއްގެ ގޮތުގައެވެ. ނަމަވެސް އަޒްމިރަލްދާވެސް ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތީ ހިއްސާ ދޫކޮށްލެއްވުމަށްފަހުއެވެ.

ފަނޑިޔާރު ޝުޖޫން ވެސް މީގެ ކުރިން ޓުވިޓާގައި އުޅުއްވިއެވެ. ނަމަވެސް މިހާރު ޝުޖޫން ވެސް ވަނީ އެކައުންޓް ޑީއެކްޓިވޭޓް ކޮށްލައްވައި ޓުވިޓާއާ ދުރަށް ޖެހިވަޑައިގެންފައެވެ.

comment ކޮމެންޓް