މާލެއާއެކު މެދު ރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މާލެ ފެންބޮޑުވެފައި: މާލެއާއެކު އަށް އަތޮޅަކަށް ޔެލޯ އެލާޓްގެ ވަގުތު ވަނީ ދިގުކޮށްފައި --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

މާލެ ސިޓީ ހިމެނޭ ގޮތަށް މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓްގެ ވަގުތު ތިން ގަޑިއިރަށް އިތުރުކޮށްފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ، މާލެ އަތޮޅު ހިމެނޭ ގޮތަށް އަށް އަތޮޅަކަށް މެންދުރު 12:15 އިން ފެށިގެން 3:15 އަށް ޔެލޯ އެލާޓް ނެރެފަ އެވެ.

ޔެލޯ އެލާޓް ނެރުނު އަށް އަތޮޅު:

  • ކ. އަތޮޅު
  • އއ. އަތޮޅު
  • އދ. އަތޮޅު
  • ވ. އަތޮޅު
  • ފ. އަތޮޅު
  • ދ. އަތޮޅު
  • ތ. އަތޮޅު
  • ލ. އަތޮޅު

މެދު ރާއްޖެތެރޭގެ އަށް އަތޮޅަކަށް ޔެލޯ އެލާޓްގެ ވަގުތު އިތުރު ކުރި އިރު، މިއަދު ހެނދުނުވެސް އެ ސަރަހައްދަށް މެޓުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިސާރަކޮށް، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާވެ އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރެފަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ކުރަމުންދިޔަ ވިއްސާރައިގައި މުޅި މާލެ މިހާރު ވަނީ ނުހިނގޭ ވަރަށް ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފް އިން މިހާރު މާލޭގެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މޫސުން ލަފާކުރާ ގޮތް:

  • އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ.
  • ވައ ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ.
  • ކަނޑު ގަދަވާނެ. ރާޅުގެ އުސްމިން 5-7 ފޫޓް. ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވޭ.

ކުރިއަށް އޮތް ދުވަސްތަކަކީ، ވިއްސާރަ ދުވަސްތަކަށްވުމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އިއްޔެއަކީ، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނަކަތް ފެށުނު ދުވަހެވެ. މުލަ ނަކަތުގައި އާންމުކޮށް ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވެ އެވެ.

comment ކޮމެންޓް