ކަނޑުވި ބަޔަކު މާލެގެނެސް ފަރުވާދެނީ

މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުމަތީ ހާލުގައި ޖެހިފައިތިބި ހަތަރު މީހަކު މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެެ.

އައިޖީއެމްއެޗުން ބުނީ މިއަދު ހެނދުނު 11:30 ހާއިރު ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އެމީހުންގެ ހާލު ސްޓޭބަލް ކަމަށެވެ. އޭގެ ތެރޭ ހިމެނެނީ ތިން ބިދޭސީ އަކާއި ދިވެއްސަކު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ މިއަދު ހެނދުނު 10:30 ހާއިރު އެނބޫދޫ ފަޅު ފިނޮޅު ކައިރީ އޮންނަ އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މި މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުން އެތަނަށް ގޮސް ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހަކު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ދޯނީގައި ތިބީ ހަތަރު މީހުންނަކީ، ދިވެއްސަކާއި ތިން ބަންގަލަދޭޝް މީހުން ކަމަށް ފުލުހުން ބުންޏެވެ. މާލެ ގެނައީ ބަންލަދޭޝްގެ ދެ މީހުންނެވެ.

ދޯނީގައި ތިބި އަނެއް ދެމީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ދޯނީގައި ތިބި އަނެއް ދެމީހުންނާއި ފުލުހުން ގުޅިގެން އެ ދޯނި މިހާރު ވަނީ އެނބޫދޫފިނޮޅުކައިރީ ހިއްކަން ފަށާފައިވާ ސަރަހައްދަކަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުދަތުރުކުރާ އިރު މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި ކޮންހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މޫސުންގޯސްވެ ކަނޑުގަދަވަނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ކ. އަތޮޅުން ލ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ.

comment ކޮމެންޓް