ރާއްޖޭގެ އާދޭސް: 500 މިލިއަން ޑޮލަރުގެ އެހީ ހޯދައިދީ

ކޮޕް 25 ގައި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : އެންވަޔަރަންމެންޓް މިނިސްޓްރީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަދުވެގެން 500 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު، ކޮޕް 25ގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެއްބަސްވެފައިވާ ޕެރިސް އެގްރީމެންޓަށް އެންމެ މާނަހުރި ގޮތަކަށް އަމަލުކުރުމަށްޓަކައި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ބޭނުންވާނެ ކަމަށެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައަށް ކުރާ ހަރަދުތައް އިތުރުކުރުން މުހިއްމު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓުމެންޓް އިތުރުކުރުމަށް ފެއިލްވެއްޖެ ނަމަ ތިމާވެށީގެ ސަބަބުން އެންމެ ނާޒުކު ހާލަތެއްގައި އޮތް ސަރަހައްދުތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ތިމާވެށްޓާ ގުޅޭގޮތުން އެހީތެރިކަން ލިބިފައިވަނީ ލޯނުގެ ގޮތުގައި ކަމަށެވެ. އެހެން، ނަމަވެސް އޭގެ ބަދަލު ޑޯނަރުންގެ އެހީ ބޭނުންވާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން، ދުނިޔެ ހޫނުވުމާ ގުޅިގެން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ފަންޑަށް ދޭން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރުގެ ޓާގެޓަށް އަވަހަށް ވާސިލުވުން މުހިއްމު ކަމަށެވެ. އަަދި އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ކުރަން ޖެހޭ ކަންތައް ދެނެގަންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް