ބޯގަންވިލްއިން ވޯޓު ދިނީ ޕީއެންޖީގެ ބާރުގެ ދަށުން މިނިވަންވުމަށް

ބޯގަންވިލްގެ ރައްޔިތުން ވޯޓު ދިނީ ޕީއެންޖީގެ ބާރުގެ ދަށުން މިނިވަންވާން -- ފޮޓޯ: އޭޕީ

ބޯގަންވިލް (ޑިސެމްބަރު 11): ޕަޕުއާ ނިއު ގިނީގެ ޕްރޮވިންސެއްގެ ގޮތުގައި މިހާރު އޮންނަ ބޯގަންވިލް، އެގައުމުގެ ބާރުގެ ދަށުން މިނިވަން ވުމަށް ވޯޓު ދީފި އެވެ.

ބޯގަންވިލްގެ ރައްޔިތުން އެފަދައިން ނިންމީ މިދިޔަ މަހުގެ 23އިން މިމަހުގެ ހަތެކާ ހަމަޔަށް އެރަށްތަކުގައި ބޭއްވި ވޯޓެއްގަ އެވެ. އެވޯޓުގައި ވަނީ ބޯގަންވިލް މިނިވަން ގައުމަކަށްވުމަށް ނުވަތަ ޕީއެންޖީގެ ބައެއްގެ ގޮތުގައި އޮވެ، އަމިއްލަ ވެރިކަމުގެ ބާރުތައް އިތުރު ކުރުމަށް ހިޔާރު ކުރުމަށް އެދިފަ އެވެ.

ބޯގަންވިލް ރަށްތަކުގެ އާބާދީ 300،000އަށް އަރާ އިރު އޭގެ ތެރެއިން 206،731 މީހުން ވޯޓު ލާން ރެޖިސްޓާ ކުރި އެވެ. އަދި ވޯޓުގައި ބައިވެރިވި 181,000 މީހުންގެ ތެރެއިން 98 ޕަސެންޓު މީހުން ބޭނުންވީ ބޯގަންވިލް މިނިވަންވާށެވެ.

ބޯގަންވިލްގައި އެވޯޓު ބޭއްވި ނަމަވެސް، އެސަރަހައްދަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން އެންމެ ފަހު ގޮތެއް ނިންމާނީ ޕީއެންޖީގެ ޕާލިމެންޓުންނެވެ.

ޕީއެންޖީން އެވޯޓު ބާއްވަން އެއްބަސްވީ، ބޯގަންވިލްގެ މިނިވަން ކަމަށް ތާއިދު ކުރާ ފަރާތްތަކާއި ޕީއެންޖީގެ ސަލާމަތީ ފައުޖުތަކާ ދެމެދު 1988އިން 1998އަށް ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހުގަ އެވެ. އޭރު ބޯގަންވިލްގައި އަމިއްލަ ސަރުކާރެއް އެކުލަވާލުމަށް ހެދި އެއްބަސްވުމުގައި، އެސަރަހައްދުގެ މިނިވަން ކަމާ ބެހޭ ވޯޓެއް ނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް