ސެޕްޓެމްބަރު 1: މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ

ކ.ހިންމަފުށީ ހިއްގައިމު މާހައުލެއްގައި އަންހެނަކު އިލޮށި މަށަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަސް ގައުމީ ގޮތުން ފާހަގަކުރާ މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފިއެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގައުމީ ފެންވަރުގައި މަމަ ކާފަ ދުވަހެއް ފާހަގަކުރަނީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް އަންނަން އޮތް ކީލުތަކަށް ފޯރުކޮށްދީ، އެމީހުންނަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމަކީ މުހިއްމުކަމެއްކަން ހާމަކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގައި އުޅޭ ހުރިހާ ގިންތިއަކާއި ފަންތިއެއްގެ މީހުންވެސް ބައިވެރިކޮށްގެން، އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމައު ހެދުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

މިފަދަ ދުވަސްތައް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ މިނިސްޓްރީ އިން ބުނީ ސްކޫލުތަކާއި ކޮލެޖް، ޔުނިވަރސިޓީތަކުގައި ގައުމީ އަދި ބައިނަލްއަގުވާމީ އެހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ގައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިހުތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމައެއެއް ބިނާކުރުން ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ރަށްރަށުގެ ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ކޮންމެ އަހަރަކު "މާމާ ކާފަ" ދުވަހެއް ފާހަގަކުރަން ނިންމާފައިވާ ކަން ޖެންޑާ މިނިސްޓްރީ އިން އިއުލާނު ކުރީ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭން އާންމުކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައެވެ.

comment ކޮމެންޓް