ގައުމިއްޔަތުގެ އަސާސްތައް ރައްކައުތެރި ކުރުން

ނޮވެމްބަރު 19، 2017: ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލްތަކުގައި ބޭއްވި ޖާފަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއަކީ މިނިވަންކަމާއި ސިޔާދަތާއި މުސްތަގިއްލުކަން ފުރިހަމަ ގޮތުގައި ލިބިގެންވާ ދައުލަތެކެވެ. ދިވެހި ރައްޔިތުން ވަނީ އެކަން ބައިނަލްއަގުވާމީ އުރުފާއި ގާނޫނުތަކާ އެއްގޮތަށް އިއުލާން ކޮށް އެކަށައަޅައިފައެވެ. ނަމަވެސް އެއީ ހަމައެކަނި ދިވެހި ގައުމުގެ ވުޖޫދުގެ ގާނޫނީ އުންސުރެވެ. ގާނޫނުން ކިތަންމެ ވަރުގަދަޔަކަށް ޔަގީން ކޮށްދިނަސް، އަދި ކިތަންމެ ވަރުގަދަ އަސްކަރިއްޔާއެއްގެ ބާރުގައި ދިފާއު ކުރާން އުޅުނަސް، ގައުމިއްޔަތަކީ އޭގެ ފިކުރީ އަދި މައުނަވީ އަސާސްތަކާއި ބުންޔާދުތަކާއި ޖައުހަރު ރައްކައުތެރި ނުކުރެވި، ދިފާއު ކުރެވޭނެ އެއްޗެއް ނޫނެވެ. ގައުމިއްޔަތު ދިފާއު ކުރުމަށް ޓަކައި ކުރާން ޖެހޭ އެންމެ މުހިއްމު ކަމަކީ، ގައުމިއްޔަތުގެ އަސާސްތައް ކަމުގައި ހިމެނޭ ފިކުރީ އަދި މައުނަވީ އަސާސްތައް ރައްކައުތެރި ކުރެވޭނެ ފިކުރީ ދިފާއީ ފާރުތަކެއް ބިނާ ކުރުމެވެ. ކަނޑިޔަކުން ބަޑިޔަކުން ފިކުރެއް ބަލި ނުކުރެވޭ ފަދައިން، ކަނޑިޔަކުން ބަޑިޔަކުން ފިކުރެއް ދިފާއެއް ވެސް ނުކުރެވޭނެއެވެ.

ދިވެހި ގައުމުގެ ގައުމިއްޔަތުގެ ފިކުރީ އަދި މައުނަވީ އަސާސްތައް ރައްކައުތެރި ކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ފަދަ ގޮތެއްގައެއް ނުހިނގައެވެ. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލާ އިރު، އެއްވެސް ސަރުކާރަކުން މިކަމުގައި ފުރިހަމަ ޒިންމާ އެކަށީގެންވާ ވަރާ ގާތަށް ވެސް އުފުލައިފައެއް ނުވެއެވެ. އަލްއަމީރު މުޙައްމަދު އަމީންގެ ދުވަސްވަރު ރަނގަޅު މިސްރާބަކަށް ބައެއް ކަންކަން ގެންދިޔުމުގެ މަސައްކަތްތަކެއް ފެށުނެވެ. ނަމަވެސް އެއިގެ ފަހުން އައި ސަރުކާރުތަކުން ވަނީ އެ މަސައްކަތްތަކަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއް ކަމަށް ހަދައިފައެވެ. މިހާރު ދިވެހިރާއްޖޭގެ ކަންކަން ދާގޮތުން، ސަރުކާރުން ވިޔަސް އަދި ގައުމުގެ ލީޑަރުން ކަމުގައި ދައުވާ ކުރާ އެހެން ބަޔަކު ވިޔަސް، ގައުމަށް ޓަކައި އަދި އިޚްލާސްތެރިކަމާ އެކު އެ މަސައްކަތް ކޮށްފާނެ ބާވައޭ، މި ސުވާލު އުފެދެއެވެ.

ދިވެހި ގައުމިއްޔަތުގެ ފިކުރީ އަދި މައުނަވީ އަސާސްތައް ރައްކައުތެރި ކުރުމަށް ޓަކައި، އެއީ ކޮން ކަންތައްތަކެއްކަން ފުރިހަމަޔަށް ދެނެގަތުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ހީ ވިޔަސް، ފާއިތު ވެދިޔަ ތަނުގައި ކަންތައް ވެފައި އޮތް ގޮތުން، ފަހުގެ ޖީލުތަކުގެ ކުދީންނަށް އެ ކަންކަމާ ބެހޭގޮތުން ކުރާ އެންމެ ސީދާސާދާ ސުވާލުތަކަށް ވެސް ޖަވާބު ދޭން އުނދަގޫ ވާތަން ފެނެއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ؟ އަޅުގަނޑުމެންގެ ދަރީން ބޮޑެތި ވަނީ ހުޅަނގުގެ ގައުމުތަކުގައި، އެމީހުންގެ ދަރީން ކިޔުމަށް ޓަކައި ލިޔެފައި ހުންނަ ފޮތްތައް ކިޔައިގެންނެވެ. ހުޅަނގާއި އިންޑިޔާގެ ފިލްމުތަކާއި ޑްރާމާތައް ބަލައިގެންނެވެ. ހުޅަނގުގެ ގައުމުތަކުގައި ހަދައިފައި ހުންނަ ވީޑިޔޯ ގޭމުތައް ކުޅެގެންނެވެ. ފަންނުވެރިކަމުގެ އެހެން ދާއިރާތަކަށް ބެލިޔަސް، އަޅުގަނޑުމެންގެ ދަރީންނަށް "ތަބަކަށް ލައިފައި" އަޅުގަނޑުމެން ދެނީ ހުޅަނގުގެ ފަންނުވެރިކަމެވެ. މި ކަންކަން ކުރަމުން ދާ ބައެއް މީހުންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ގައުމިއްޔަތު އެއީ ތާކުންތާކު ނުޖެހޭ އެއްޗެތި ކަމަށް ގަބޫލު ކުރާ މީހުންނެވެ. މިއަދު އާރާއި ބާރާއި މުއްސަނދިކަން އޮތީ ހުޅަނގުގައި ކަމަށް ވުމުން، އެމީހުންގެ ގޮތަށް އުޅުމަކީ މާ މޮޅު ކަމެއް ކަމަށް ގަބޫލު ކުރާ، ސިކުނޑި ދޮވެލެވިފައި ތިބި މީހުންނެވެ. ނަމަވެސް ގިނަ މީހުންނަކީ، މި ކުރެވެނީ ކިހައި ވަރެއްގެ ކަމެއްކަމާއި، އޭގެ ނަތީޖާތައް ނުކުންނާނީ ކޮން ގޮތަކަށް ކަމާމެދު ވިސްނުން ހިންގައިނުލައި އެކަން ކުރާ މީހުންނެވެ.

މި ދަންނަވާ އަސާސްތަކަކީ ދިވެހީންގެ އަމިއްލަ ވަޒަން ކަމުގައިވާ ދިވެހި ބަހާއި، ދިވެހީންގެ އަމިއްލަ ސަގާފަތާއި، މާތް ވެގެންވާ އިސްލާމް ދީނެވެ. މި ތިން އަސާސަކީ އަޅުގަނޑުމެންގެ ލެޔާއި ފުރާނައިން އަގު ދީގެން ރައްކައުތެރި ކުރާން ޖެހޭ އަސާސްތަކެވެ. ދިވެހި ގައުމު ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ މީސްކޮޅު ކިތަންމެ މަދަސް، އަޅުގަނޑުމެންގެ ގައުމިއްޔަތު ކަތިލައި، އަޅުގަނޑުމެން އަޅުވެތި ކުރާން ބޭރުގެ ދުޝްމަނުން މަސައްކަތް ނުކުރާނޭ ކަމުގައި ހީ ކުރުމަކީ ބޮޑު މޮޔަކަމެކެވެ. މިހައިތަނަށް ވަނީ އެކަން ކޮށްފައިކަން ތާރީޚުން އެނގޭން ވެސް އެބައޮތެވެ. އަދި ލޯ ހުޅުވައިގެން ތިބި ބަޔަކަށް، މިއަދުވެސް ބޭރުގެ ފަރާތްތަކުން އެކަމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނާނެއެވެ. ނަމަވެސް މި ކަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަޅުގަނޑުމެންގެ ތެރެއިން އުފެދޭ ދުޝްމަނުންނެވެ. ޚާއިނުންނެވެ. ޣައްދާރުންނެވެ.

ދިވެހި ތާރީޚުން ފެންނަ ފަދައިން، ދިވެހި ގައުމަށް ވުޖޫދީ ނުރައްކަލެއް ކުރިމަތި ވި ކޮންމެ ފަހަރަކު، އެކަމުގައި ޚިޔާނާތްތެރި އަދި ޣަދަރުވެރި ދިވެހީންތަކެއްގެ ބައިވެރިވުން ނެތިއެއްނުދެއެވެ. ނުވަވަނަ ހަސަން ރަސްގެފާނުގެ ވާހަކަޔާއި، ކަޅު މުހައްމަދު ރަސްގެފާނުގެ ވާހަކަޔާއި، ތާޖުއްދީންގެ ޣަދަރުވެރި ދެ ދަރީންގެ ވާހަކަޔާއި، އިނގިރޭސީންގެ "ހިމާޔަތަށް" ރާއްޖެ ވިއްކައިލުމުގައި ބައިވެރި ވި ދިވެހީންނަކީ ބައެއް މިސާލުތަކެވެ.

ގައުމިއްޔަތުގެ ފިކުރީ އަދި މައުނަވީ އަސާސުތައް ރައްކައުތެރި ކުރުމަށް ޓަކައި ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ފިކުރީ ގޮތުން ކުރާން ޖެހޭ މަސައްކަތެވެ. ހިކުމަތްތެރިކަމާ އެކު، ދުލާއި ގަލަމާއި ފޮތާއި ލަފުޒުތަކުން ކުރާން ޖެހޭ މަސައްކަތެވެ. އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ދެން އަންނާން އޮތް ޖީލާއި، އެއިގެ ފަހުން އަންނާނޭ ޖީލުތަކަށް ވެސް، ދިވެހި ގައުމިއްޔަތުގެ ލޯބި ވާރުތަ ކުރުމެވެ. އަޅުގަނޑުމެންގެ މައިކަށީން ނުކުންނަ ކުދީންނަކީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ކާބަފައިންގެ ޝަޚްސިއްޔަތު ދަމަހައްޓާ ބައެއް ކަމުގައި ހެދުމެވެ. ދިވެހިވަންތަކަމާއި، ދިވެހިއްޔަތާއި، ދިވެހި ގައުމިއްޔަތަށް ވަފާތެރި، ތެދުވެރި، ގައުމު ދެކެ ލޯބިވާ ބައެއް ކަމުގައި ހެދުމެވެ. އެހެން މީސްމީހުންގެ ގޮތްތައް ކޮޕީ ކޮށްގެން، އަމިއްލަ ގައުމިއްޔަތު ކުނިގޮނޑަށް އަޅައިލާ ބަޔަކަށް ވިޔަނުދިނުމެވެ. އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރުމަކީ މުޑުވައް ކުރުން ފަދަ ކަމެކެވެ. ރަނގަޅު ގޮވާމެއް ކެނޑޭނީ ރަނގަޅަށް މުޑުވައް ކޮށްގެންނެވެ.

މި ގޮތުން ކުރާން ޖެހޭ ކަންކަން ވަރަށް ގިނައެވެ. ނަމަވެސް އޭގެ ތެރެއިން މިފަހަރު އަޅުގަނޑު އަލި އަޅުވައިލާނީ އެންމެ ކަމަކަށެވެ. އެއީ ދިވެހި ދަރީންނަށް ތައުލީމު ދިނުމުގައި، ދިވެހި ގައުމު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިއްމުކަމެވެ. އިލްމީ ގޮތުން ފުރާފުރިހަމަ ގައުމަކަށް އަޅުގަނޑުމެން ވުމުގެ މުހިއްމުކަމެވެ.

މިހާރުގެ ހާލަތަށް ބައްލަވާށެވެ. ދިވެހި ކުދީން އިބްތިދާއީ އަދި ސާނަވީ ތައުލީމުގެ ދާއިރާގައި ކިޔަވަނީ އެހެން ބައެއްގެ މުގައްރަރުތަކަކަށެވެ. އެހެން ބައެއްގެ ބަހަކުންނެވެ. ހަދަނީ އެހެން ބައެއްގެ އިމްތިހާނެކެވެ. މީގެ އިތުރުން، އިބްތިދާއީ އަދި ސާނަވީ ތައުލީމު ހާސިލު ކުރާ އުމުރުގެ އެތައް ސަތޭކަ ދިވެހި ކުދީންނެއް، ރާއްޖެއިން ބޭރުގައި އެބަ ކިޔަވައެވެ. ދިވެހިވަންތަކަމެއް، މާތް ވެގެންވާ އިސްލާމް ދީނުގެ ތައުލީމެއް ނުދެވި، ހަމައެކަނި ދިވެހީންގެ ނަމުގައި ބޮޑެތި ވާ ބައެއްގެ ގޮތުގައެވެ. އެފަދަ އެތައް ކުދީންނެއް ބޮޑެތި ވަމުން ދަނީ މާތް ވެގެންވާ އިސްލާމް ދީނަށް ވެސް ބީރައްޓެހި ބައެއްގެ ގޮތުގައެވެ. ސާނަވީ ތައުލީމަށް ފަހު، ދިވެހިރާއްޖޭގެ އެންމެ މޮޅު ކުދީން ދަނީ ބޭރުގެ ޔުނިވަރުސިޓީތަކަށެވެ. އޭގެ ތެރެއިން ވެސް އެތައް ކުދީންނެއް މަތީ ތައުލީމު ފުރިހަމަ ކުރަނީ ގައުމީ ފިކުރު ނެތް ބައެއްގެ ގޮތުގައެވެ. އެ ކިޔަވާ ތަނެއްގެ ގޮތާއި ފޮތަށް އީމާންވާ، އަޅުގަނޑުމެންގެ ގައުމިއްޔަތަށް ހަޖޫ ޖަހާ ބައެއްގެ ގޮތުގައެވެ. އެފަދަ އެތައް ކުދީންނެއް އެނބުރި ގައުމަކަށް ނުވެސް އާދެއެވެ. އަންނަ ކުދީންގެ ތެރެއިން ވެސް އެތައް ބަޔަކު ދެން ކެނޑިނޭޅި މަސައްކަތް ކުރަނީ، އެ ކުދީންނަށް ބޭރުގައި އުޅުނު އުޅުމުގެ ތެރެއިން ކަމުދިޔަހައި ކަމެއް، އަޅުގަނޑުމެންގެ ގައުމިއްޔަތަށް ފައިން އަރައިފައި ނަމަވެސް، ރާއްޖެއަށް ތައާރަފު ކުރެވޭތޯއެވެ.

ދަންނަވާން މި އުޅޭ އެއްޗަކީ، ބޭރުގެ ޔުނިވަރުސިޓީތަކަށް ކުދީން ކިޔަވާން ދިޔުމަކީ އޭގެ ޒާތުގައި ގޯހެކޭއެއް ނޫނެވެ. ޚާއްސަކޮށް ބައެއް ދާއިރާތަކުން ރާއްޖެއިން ބޭރުގެ ޔުނިވަރުސިޓީތަކަށް ކުދީން ދިޔުމަކީ ގިނަގުނަ ފައިދާތައް ވެސް ހުރި ކަމެކެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެންގެ ޔުނިވަރުސިޓީތައް ވަރުގަދަ ކުރުމެވެ. ކޮންމެ އަހަރަކު ވެސް މަތީ ތައުލީމުގެ ހަރުފަތަށް ދާ އެންމެ މޮޅު ކުދީންގެ މެޖޯރިޓީއަކީ އަޅުގަނޑުމެންގެ ޔުނިވަރުސިޓީތަކުން ކިޔަވާ ކުދީން ކަމުގައި ހެދުމެވެ. އެއިރުން، އެ ތަންތަނުން ކިޔަވައިދެވޭ އިރު އެ ކުދީންގެ ކިބައިގައި ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ މުހިއްމު މަސައްކަތްތައް ކުރެވޭނެއެވެ. އަމިއްލަ ގައުމާ މެދު ފަޚުރުވެރި ވުމުގެ ޝުއޫރުތައް ވެސް އެކުދީންގެ ހިތްތަކުގައި އާލާ ކުރެވޭނެއެވެ. މި މަސައްކަތް ނުކޮށް، ދިވެހި ގައުމިއްޔަތު ރައްކައުތެރިއެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް