ކުރިއަށް އޮތް ތިން ދުވަސް ވިއްސާރަ، ހަފްތާ ބަންދުގައި ވިއްސާރަ ގަދަވާނެ

މާލެ ފެންބޮޑުވެފައި: ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ހަފްތް ބަންދުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެވެ.

މާލޭ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ، މިއަދު ހެނދުނު 7:15 އިން 11:15 އަށް މެދު ރާއްޖެތެރޭ އަތޮޅުތައް، ކ-ދ އަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރެފަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

"އުތުރާ މެދު ރާއްޖެތެރެ، އަދި ދެކުނަށްވެސް ކުރިއަށް އިތް ތިން ދުވަހު ވިއްސާރަ ވުމުގެ ފުރުސަތު އެބައޮތް. މިމަހު 13، 14 ،15 [ހުކުރު، ހޮނިހިރު އަދި އާދިއްތަ] މި ތިން ދުވަހުގައި ވެސް ބައެއް ރަށްތަކަށް ބޯކޮށް ވެހުން އެކަށީގެންވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހީސާބަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑި އިރު، އެންމެ ގަދައަށް ވާރޭ ވެހިފައި ވަނީ، މ. މުލިއަށެވެ. އެގޮތުން އެރަށަށް 84.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ވޭތުވެދިޔަ 24 ގަޑިިއިރު ތެރޭ ވާރޭ ރިކޯޑް ކުރެވިފައިވާ ރަށްތަށް --- ތަފާސްހިސާބު/ މެޓް އޮފީސް

ކުރިއަށް އޮތް ދުވަސްތަކަކީ، ވިއްސާރަ ދުވަސްތަކަށްވުމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ކުރަމުންދިޔަ ވިއްސާރައިގައި މުޅި މާލެ މިހާރު ވަނީ ނުހިނގޭ ވަރަށް ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފް އިން މިހާރު މާލޭގެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މޫސުން ލަފާކުރާ ގޮތް:

  • މޫސުން: އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ.
  • ވައި: އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ.
  • ކަނޑު: ގަދަވާނެ.
  • ރާޅުގެ އުސްމިން: 5-7 ފޫޓް. ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވޭ.

އިއްޔެއަކީ، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނަކަތް ފެށުނު ދުވަހެވެ. މުލަ ނަކަތުގައި އާންމުކޮށް ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވެ އެވެ.

comment ކޮމެންޓް