މިއަދު ހެނދުނުގެ ވަގުތުގައި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބޯކޮށް އޮއްސާލި ވާރެޔާ އެކު ހިނދުކޮޅެއް ތެރޭ މުޅި މާލޭގައި ފެންބޮޑުކޮށްލައިފި އެވެ.
ރޭވެސް މޫސުން ވަރަށް ރީއްޗަށް އޮތުމަށް ފަހު، މިއަދު ހެނދުނު ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވީ، ސަރުކާރުގެ އޮފީސްތައް ހުޅުވޭ ވަގުތު ކަމަށްވާ، ހެނދުނު 8:00 އެހާކަންހާއިރު އެވެ. އެވަގުތުން ފެށިގެން، ހުއްޓާނުލާ އަދިވެސް ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު މާލޭގެ ހުރިހާ ސަރަހައްދެއްގައިހެން ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.
މާލޭގެ މަގުތަކުގައި ހިނގާ ބިގާވެ، އުޅެން އުނދަގޫވާ ވަރަށް ވަނީ މިހާރު ފެންގަނޑު ބޮޑުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ތަބިކަށްޓަށް ވުރެ މައްޗަށް ފެންގަނޑު ވަނީ ބޮޑުވެފަ އެވެ. އެއާ އެކު، ސިފައިން މިހާރު އަންނަނީ، މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުން އެވެ.
ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާވާތީ، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު 7:20 އެހާކަން ހާއިރު ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށް މޫސުމަށް ސަމާލުވުމަށް އަންގާ، ޔެލޯ އެލާޓް ނެރެފަ އެވެ.
އެމްއެންޑީއެފްއިން ބުނީ ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް ކައިރީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސަސްއިން ބުނެފައި ވަނީ ކޯޓުގެ އަޑުއެހުންތަކަށް ގެންނަން ޖެހޭ ގައިދީން ކޯޓަށް ހާޒިރުނުކުރެވިފައިވާ ކަމަށެވެ. އެހެންވެ ބައެއް އަޑުއެހުންތައް މިއަދު ވަނީ ކެންސަލްވެސް ވެފަ އެވެ. އެހެން ވެސް ބައެއް ހިދުމަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިއީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ލަފާކުރާ ގޮތް:
- މޫސުން: އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ.
- ވައި: އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ.
- ކަނޑު: ގަދަވާނެ.
- ރާޅުގެ އުސްމިން: 5-7 ފޫޓް. ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވޭ.
އިއްޔެއަކީ، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނަކަތް ފެށުނު ދުވަހެވެ. މުލަ ނަކަތުގައި އާންމުކޮށް ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވެ އެވެ.