ތައި މަސާޖް ޔުނެސްކޯގެ ތަރިކައިގެ ލިސްޓަށް

ތައި މަސާޖް ޔުނެސްކޯގެ ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމަނާނެ ކަމަށް ބެލެވޭ -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ދުނިޔޭގެ އެތައް ގައުމެއްގައި މަޝްހޫރު ތައި މަސާޖް މި ހަފްތާ ތެރޭ ޔުނެސްކޯގެ ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމެނުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނެސްކޯގެ 'އިންޓޭންޖިބްލް ކަލްޗަރަލް ހެރިޓެޖް' ލިސްޓަށް ތައި މަސާޖު އިތުރު ކުރާނެ ކަމަށް ބެލެވެނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ޖަމްއިއްޔާއިން ކޮލޮމްބިއާގައި ބާއްވާ ބައްދަލުވުމުގަ އެވެ.

މީގެ 2،500 ވަރަކަށް އަހަރު ކުރިން އިންޑިއާގައި އުފެދުނު ތައި މަސާޖްގެ ސިއްރުތައް ތައިލޭންޑަށް ގެންދިޔައީ ޑޮކްޓަރުންނާއި ހާމުރުދުރުން ކަމަށް ބެލެވެ އެވެ. އަދި އޭގެ ފަހުން 19 ވަނަ ގަރުނުގައި ތައި ރަސްގެފާނު ރާމާ ތިން ވަނަ ވެރިކަން ކުރެއްވި އިރު، އެގައުމުގެ އިލްމުވެރިން ވަނީ ބުޑިސްޓު ފައްޅިއެއް ކަމަށްވާ ވަޓް ޕޯގައި ތައި މަސާޖާ ބެހޭ މައުލޫމާތު ކަނޑާނަގާފަ އެވެ.

ވަޓް ޕޯ ފައްޅީގައި ހުންނަ ތައި މަސާޖް ދަސްކޮށްދޭ ސްކޫލު -- ފޮޓޯ: އޭއެފްޕީ

ނަމަވެސް ތައި މަސާޖަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 1962 ވަނަ އަހަރު އެ މަސާޖު ކުރާނެ ގޮތް ދަސްކޮށްދޭނެ ސްކޫލެއް ވަޓް ޕޯގައި ހުޅުވުމުންނެވެ. އެ ސްކޫލުން ވަނީ މިހާތަނަށް 145 ގައުމެއްގައި މަސައްކަތް ކުރާ 200،000އަށް ވުރެ ގިނަ މަސާޖް ތެރަޕިސްޓުން ތަމްރީނުކޮށްފަ އެވެ.

ތައި މަސާޖުގައި އިސްކަން ދެނީ ތަދުވާ ތަންތަނުގައި ލޭ ދައުރުކުރުން ރަނގަޅު ކުރުމަށެވެ. އަދި އެ މަސާޖު ކުރުމުން ބުރަކަށްޓަށް ތަދުވުމާއި ބޮލުގައި ރިއްސުމާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތަކަށް ލުޔެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޔުނެސްކޯގެ 'އިންޓޭންޖިބުލް ކަލްޗަރަލް ހެރިޓެޖް' ނުވަތަ ރޫހާނީ ތަރިކައިގެ ލިސްޓުގައި 2016 ވަނަ އަހަރު ވަނީ އިންޑިއާގެ ގަދީމީ ކަސްރަތެއް ކަމަށްވާ ޔޯގާވެސް ހިމަނާފަ އެވެ.

comment ކޮމެންޓް