ފުރުސަތު ދިން ނަމަ ޓޫރިޒަމާ އެއްވަރަށް މަސްވެރިކަން ކުރިއެރީސް: ރައީސް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ރައީސް އޮފީސް

އަމިއްލަ ފަރާތްތަކަށް ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވާލި ގޮތަށް، މަސްވެރިކަމުގެ ސިނާއަތަށްވެސް އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލެވުނު ނަމަ މިއަދު އެ ސިނާއަތު އޮންނާނީ ޓޫރިޒަމާ އެއްވަރެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިގްތިސޯދީ ސިނާއަތްތަކުގައި އިންވެސްޓުކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމުގެ ފައިދާ ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.

އެގޮތުން އެމަނިކުފާނު މިސާލަކަށް ނެންގެވީ އިއްޔެ ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހުޅުވި ދަޅުމަސް ބަންދުކުރާ ކާރުހާނާއެވެ.

"ދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ދުވަސްވަރު މަސްވެރިކަމުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލިނަމަ، އިއްޔެ އެންސިސްއިން އެ ގާއިމުކުރިފަދަ، 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް އެކަންޏެއް ނޫން، އެއަށްވުރެ މާ ބޮޑެތި ކިތަންމެ އިންވެސްޓްމެންޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަން ހުރީސް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 70ގެ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމަށް އިންވެސްޓުކުރުމުގެ ފުރުސަތު ދިން ނަމަ މިއަދު ސިނާއަތް އޮންނާނީ ފަތުރުވެރިކަމާ އެއްހަމައެއްގައި، ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތަރައްގީވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހީންގެ އިގުތިސޯދީ ތަރިކައެއް ކަމަށެވެ. އެހެންނަމަވެސް މަސްވެރިކަމުގެ ފައިދާ ރަނގަޅަށް ދިވެހީންނަށް ނުލިބޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ރައޔްިތުންނަށް ފައިދާވާނެ ގޮތްތަކެއް ކަނޑައަޅާއި ހޯދައިދިނުންކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރުމުގެ މަގު އަމިއްލަ ވިޔަފާރިވެރިންނަށް ވީހާވެސް ބޮޑަކަށް ހުޅުވައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ..

"ސަރުކާރުގެ ދައުރަކަށް ވާނީ، ސިޔާސަތުތައް ކަނޑައެޅުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުން. އަދި ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަސްވެރިކަން ކުރިއެރުވުމަށް ތަފާތު ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ.

comment ކޮމެންޓް