މަސްވެރިންނަށް ހާއްސަ ދެ އެޕްލިކޭޝަނެއް ނެރެފި

އެޕްލިކޭޝަން ތައާރަފުކޮށްފައިވަނީ މަސްވެރިންގެ ދުވަހާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި --- ފޮޓޯ : ރައީސް އޮފީސް

މަސްވެރިންނަށް އެކި ކަހަލަ އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ދެ މޯބައިލް އެޕްލިކޭޝަން، ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އިފްތިތާހުކޮށްފައިވަނީ "ފަހި ހަކަތަ" އަދި "ކެޔޮޅު" ނަމަކަށް ކިޔާ ދެ މޯބައިލް އެޕްލިކޭޝަނެވެ.

ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އެ ދެ އެޕްލިކޭޝަނަކީ މަސްވެރިންނަށް އެކި ކަހަލަ އެހީތައް ލިބިގެންދާނެ އެޕްލިކޭޝަން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަހި ހަކަތަ

ފަހި ހަކަތަ އެޕްލިކޭޝަނަކީ މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ އެޕްލިކޭޝަނެކެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް މިނިސްޓްރީގެ ޕްރޮގްރާމުގައި ބައިވެރިކުރަން ބޭނުންވާ ޝަރުތުހަމަވާ މަސްވެރި އުޅަންދުތައް ރެޖިސްޓްރީ ކުރެވޭނެއެވެ.

ކެޔޮޅު

ކެޔޮޅު އެޕްލިކޭޝަނަކީ އެކި މިނިސްޓްރީގެ ބައެއް ހިދުމަތްތައް މޯބައިލް މެދުވެރިކޮށް ކުރުމާއި މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް އެކުލަވާލާފައިވާ އެޕްލިކޭޝަނެކެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ބައެއް ފޯމު ފުރުމާއި ވަގުތުން އެ ފޯމު މިނިސްޓްރީއަށް ފޮނުވާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

comment ކޮމެންޓް