13 އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި

ކޯޓުން ބޭރުން، "ކައިވެނިކޮށް" ބަލިވެއިނދެ މިފަހުން ވިހޭ، 13 އަހަރުގެ އަންހެން ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާއާ ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުންކަމަށް ބެލެވޭ އާއިލާއަކުން އެ އާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމުކޮށްގެން ގެންގުޅެމުންދާ ކަމާއި، އަދި އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދީ އަދި ސްކޫލަށް ނުފޮނުވާ އެކުދިންނަށް އިހުމާލުވާކަމަށް ހުށަހެޅި ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ހަ ކުދިންގެ މައިންބަފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 47 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކުރީ މިއަދު ހަވީރު 4:30 ހާއިރު ކަމަށް ބުންޏެވެ.

ކޯޓުން ބޭރުން ކައިވެނިކޮށް ތުއްތު ކުއްޖަކު ވިހެއި 13 އަހަރުގެ އަންހެން ކުއްޖާ އަދި އޭނާ ވިހެއި ދަރިފުޅާއި އެ އާއިލާގެ އިތުރު ކުދިންތަކެއް ހިމެނޭގޮތަށް ޖުމްލަ ހަތް ކުޑަކުދިން، މި މަހުގެ ދެވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ކުދިންނާ މެދު އިހުމާލުވެފައިވާ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނެޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.

އެކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއީލް ހައްމާދުވެސް (26 އަހަރު) ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ހައްމާދު ދޫކޮށްލުމާ އެކު ފުލުހުން އޭނާ ހައްޔަރު ކުރީ، ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައެވެ.

ޖެންޑާ މިނިސްޓްރީއާއި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދީނީ ގޮތުން ހަރުކަށިފިކުރުގެ އާއިލާއަކަށް ނިސްބަތްވާ އެ އަންހެން ކުއްޖާ އާއި އެ އާއިލާގެ އެހެން ކުދިން ތައުލީމުންނާއި ސިއްހީ ފަރުވާއިން މަހުރޫމްކުރާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 6 ޖޫން 2018ގައި ކަމަށެވެ.

comment ކޮމެންޓް