މާފުށީން ގެއްލުނު ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށށިން މިއަދު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖަކު ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ.

މިއަދު ހަވީރުން ފެށިގެން ގެއްލިގެން އުޅުނު ކުއްޖާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން ދިޔަ އިރު، ފުލުހުން މިރޭ ބުނީ އެކުއްޖާ ފެނިފައިވާ ކަމަށެވެ.

ރަށު ކައުންސިލާ ހަވާލައިދީ ފުލުހުން ބުނީ އެކުއްޖާ ފެނިއްޖެ ކަމަށާއި އެކުއްޖާ މިހާރު އޮތީ މާފުށީ ހެލްތު ސެންޓަރުގައި ކަމަށެވެ.

މާފުށި ކައުންސިލުގެ ރައީސް އުސްމާން ރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ ހަވީރުއްސުރެ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނުނީ އެރަށުގައި ގުދަނެއްގެ ގޮތުގައި ކުރިން ބޭނުންކުރި ގަރާޖެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ކަމަށެވެ.

އަދި އެކުއްޖާއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށާއި އޭނާގެ ހާލުވެސް ރަނގަޅުކަމަށް އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވި ގޮތުގައި މިއަދު އަސުރު ނަމާދު ވަގުތަށްފަހު އެކުއްޖާ މަންމާއެކު ހިނގި ދެބަސްވުމަކަށްފަހު ހިތްހަމަނުޖެހި، ގެއިން ނުކުމެގެން ދިޔައީއެވެ. އަދި އިރުއޮއްސުނު އިރުވެސް އެކުއްޖާ ގެއަށް އެނބުރި ނައުމުން އޭނާ ގެއްލުނީކަމަށް ގަބޫލުކޮށް ކައުންސިލަށާއި ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރި ކަމަށް އުސްމާން ވިދާޅުވިއެވެ.

comment ކޮމެންޓް