ޖީސީސީ ސަމިޓް: އީރާނުގެ ނުފޫޒު ކަނޑުވާލުމުގެ މަޝްވަރާތައް

ޖީސީގެ 40 ވަނަސަމިޓްގައި ނަގާފައިވާ ފޮޓޯ އެއް

ރިޔާޒް (ޑިސެމްބަރު 10): ގަލްފާއި މެދުއިރުމައްޗަށް ކުރިމަތިވަމުންދާ އީރާނުގެ ނުފޫޒާ ކުރިމަތިލުމަށް ގޮވާލައި ގަލްފުގެ އެއްބާރުލުން ދިނުމާބެހޭ ޖަމްއިއްޔާ (ޖީސީސީ) ގެ ސަމިޓް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިފްތިތާހް ކޮށް ދެއްވައިފި އެވެ.

ސަމިޓް އިފްތިތާހް ކުރުމުގެ ގޮތުން ސަލްމާން ރަސްގެފާނު ދެއްވި ހިތާބުގައި އީރާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އީރާނަކީ ގަލްފާއި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ބިރެއްކަމަށް ސިފަކުރެއްވި އެވެ. މިގޮތުން އީރާނުން ޓެރަރިޒަމަށް އެހީތެރިވެ ސަރަހައްދުގެ އަމަން އަމާންކަން ނަގާލުމަށް މަސައްކަތްކޮށް ގައުމުތަކަށް އުދުވާނީ ހަމަލާތައް ދެމުން ގެންދާކަމަށް ތުހުމަތު ކުރެއްވި އެވެ.

އީރާނަށް ބަހުގެ ހަމަލާތައް ދެއްވިނަމަވެސް ސަލްމާން ރަސްގެފާނުގެ ވާހަކަފުޅުގައި އިސްރާއީލުން ފަލަސްތީން، ލުބްނާން، ސޫރިޔާ އަދި އިރާގަށް ދޭ އުދުވާނީ ހަމަލާތަކާއި އެމެރިކާ އިސްރާއީލުގެ އުދުވާނަށް ވާގިވެރިވާ މައްސަލައަށް ބައްލަވާލައްވާފައެއް ނުވެ އެވެ. އަދި ސައޫދީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޔަމަންގެ ރައްޔިތުން މަރުވެ އެމީހުން ބަނޑަށްޖެހި ބަލިތަކުގެ ޝިކާރައަކަށް ވަމުންދާ މައްސަލައަށްވެސް ބައްލަވާލައްވާފައެއް ނުވެ އެވެ.

ރިޔާޒްގައި ފެށި މިސަމިޓްގައި ޖީސީސީ ގެ 6 ގައުމުގެ ތެރެއިން ތިން ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. އެއީ ގަތަރާއި އޮމާން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އެވެ. އެތިން ގައުމުން ބައިވެރިވެވަޑައިގަތީ އެގައުމުތަކުގެ ދެވަނައަށް އެންމެ އިސްވެރިންނެވެ.

ރިޔާޒްގައި ޖީސީސީގެ 40 ވަނަ ސަމިޓް ބާއްވާފައި މިވަނީ ގަތަރާ ސުލްހަ ވުމުގެ މަސައްކަތްތަކެއް ސިއްރިޔާތުގައި ސައޫދީން ކުރިޔަށް ގެންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. ދާދިފަހުން ގަތަރުގެ ހާރިޖީ ވަޒީރު ޝައިޙް މުހައްމަދު ބިން އަބްދުއްރަހްމާން ކުރިން އިއްލާން ނުކުރައްވައި ސައޫދީ އަރަބިޔާއަށް ވަޑައިގެންފައިވާ ކަމަށް ރޮއިޓާސް އިން ބުނެފައިވާއިރު އޭނާވެސް ފަހުންވަނީ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

ސައޫދީ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ގަތަރާ ދެކޮޅަށް ބަހްރައިން އާއި ޔޫއޭއީ އަދި މިސްރާ ގުޅިގެން އެޅި ހިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން ޖީސީސީގެ ގައުމުތައްވަނީ ވަރަށް ބޮޑަށް ބައިބައިވެ ސަރަހައްދީ ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވި ޖީސީސީ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. ގަތަރާ ސުލްހަ ވުމުގެ މަސައްކަތްތަކެއް ސިއްރިޔާތުގައި ކުރިޔަށްދާއިރު މިސަމިޓާ ހަމައަށް އެކަން ކޮޅެއްގައި ނުޖެހުނީ ޔޫއޭއީން އެކަމާ ދެކޮޅުހަދާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު