ކައިވެންޏަށް ތައްޔާރުތަ؟ ޕާޓީ ބާއްވަންވީ މި ތަންތަނުގައި

ފަރުކޮޅުފުށީގައި އޮތް ކައިވެނީގެ ހަފްލާއެއް ---ފޮޓޯ:ގޯބިގްމޯލްޑިވްސް/އިންސްޓަގްރާމް

މި ދުވަސްވަރަކީ ރާއްޖޭގެ ވެޑިން ސީޒަން އެވެ. ފޮތި ފިހާރަތަކާއި، ކޭކު އަޅާފަރާތްތަކާއި، ހެދުން ފަހާ މީހުންނާއި، މޭކަޕް އާޓިސްޓުން މުޅި މަހަށް ބުކްވެ އޮތީ ފުރިފަ އެވެ. ނަން މަޝްހޫރު އަދި ކިރިޔާވެސް ޖާގަބޮޑު ރެސްޓޯރެންޓެއްނަމަ ވެސް ހާލަކީ ހަމަ މިއެވެ.

ކައިވެނި ޕާޓީއަށް ތައްޔާރުވުމުގައި ވިސްނާލަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން އެންމެ މުހިންމު އެއްކަމަކީ އެ ޕާޓީއަކަށް އެކަށޭނަ ރަނގަޅު ލޮކޭޝަން އެއް ނުވަތަ ތަނެއް އިހްތިޔާރު ކުރުމެވެ. ވެޑިން ޑެކަރޭޝަންގެ ވިޔަފާރީގައި ހަރަކާތްތެރިވެ އުޅޭ ދެތިން ފަރާތަކާއި މި ސުވާލުކޮށްލުމުން ލިބުނީ ދާދި އެއްކަހަލަ ޖަވާބުތަކެކެވެ.

ފަރުކޮޅުފުށި

ފަރުކޮޅުފުއްޓަކީ ފަހަކަށް އައިސް މާލެ ސަަރަހައްދުގައި އެންމެ މަގްބޫލު ވެޑިން ލޮކޭޝަން އެވެ. ޕޫލް އޭރިއާ އަކާއި އެކު، އެންމެ ގިނަވެގެން 570 މީހުންގެ ޖާގަ ހުންނަ ފަރުކޮޅުފުށީ ވެޑިންތަކަށް ދޫކުރުމާއި ބެހޭ މަސައްކަތް ކުރަނީ އެޗްޑީސީއިންނެވެ. މިކަމާއި ބެހޭގޮތުން ހާއްސަ ގަވާއިދެއް އެކުލަވާލެވިފައި އޮންނައިރު، މި ގަވާއިދުގެ ދަށުން މިތަނުގައި ބާއްވާ ވެޑިންއާޢި އެކު، އެއް ރޫމްވެސް ކޮމްޕްލިމެންޓްރީ ގޮތުގައި ލިބެއެވެ. ހަފްލާއަށް މިތަން ބުކްކޮށްލަން ބޭނުންވާނަމަ މަދުވެގެން ދެ ހަފްތާކުރިން އެކަމަށް އެދި، މެއިލްކޮށްލަން ޖެހޭނެއެވެ.

ދަރުބާރުގެ އިންޑޯ

ވެޑިން ޑެކަރޭޝަންގައި ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ ގޯބިގް މޯލްޑިވްސްއާއި، އިކެބާނާ މޯލްޑިވްސް އިން ބުނާގޮތުން އިންޑޯ ވެޑިންއަކަށް މިހާރު އެންމެ ކަމުދާނީ ދަރުބާރުގެ އެވެ. ދޮށިމޭނާ މާލަމާއި ފާށަނާ މާލަމަކީ މިގޮތުން ބަލާއިރު އިންޑޯ ކައިވެނިތަކަށް ހާޢްސަ ދެ މާލަމެވެ. ދަރުބާރުގޭގެ މާލަންތަކަކީ، ޖާގަ ބޮޑު، އަދި ޑޭކަރޭޓަރުންނަށްވެސް މަސައްކަތްކުރުމަށް ފަސޭހަ، ހިތްގައިމު އަދި އޭސީވެސް ކޮށްފައިވާ ތަނެއްކަމުން ޕާޓީއަށް އަންނަ ފަރާތްތަކަށްވެސް ފަސޭހަވާނެ އެވެ.

ދަރުބާރުގެ ބިއްލޫރިމާލަމާއި، ބަގީޗާ

އެއާއިއެކު، "ގާޑަން ތީމް" އަކީ ދިވެހިންގެ މެދުގައި މަގްބޫލް ވެޑިން ތީމަކަށްވާއިރު، މިވަގުތު އެންމެ މިކަމަށް ހުރި އެންމެ ފުރިހަމަ ތަނަކީ ދަރުބާރުގޭގެ ބިއްލޫރި މާލަމާއި ބަގީޗާ ސަރަހައްދެވެ. ދުވާލާއި ރޭގަނޑުވެސް މިތަނުގައި ޕާޓީތައް ބާއްވައެވެ. ދަރުބާރުގޭގެ އެއްވެސް މާލަމެއް ބުކް ކުރަން ބޭނުންވާނަމަ އޭގެ ތިންމަސްކުރިން ތަނުގެ އެވެއިލިބިލިޓީ ޔަގީންކުރަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ގޯބިގް އިން ބުނެއެވެ.

ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް

ރޫފް ޓޮޕް ލޮކޭޝަންއެއްގައި ވެޑިން ބާއްވާނަމަ އެންމެ ރީތި އެއްތަނަކީ މިއީއެވެ. ދުވާލާއި ރޭގަނޑުގެ ވެޑިންތަކަށްވެސް މިއީ ހަމަ އެހާމެ ރީތި ތަނަކަށްވާއިރު އެކި ތީމްތަކަށް ޑެކަރޭޓްކުރުމަށްވެސް ސޯލްޓްއަކީ ފަސޭހަ އަދި ކަމުދާ ލޮކޭޝަނެކެވެ. ރެސްޓޯރެންޓެއްކަމުން ސޯލްޓްގައި ޕާޓީ ބާއްވާނަމަ ކޭޓަރިންވެސް ހަމަޖެހިފައި އޮންނާނީ ސީދާ އެތަނުންނެވެ. އެހެން ތަންތަނާއި ޚިލާފަށް ސޯލްޓްގެ ޖާގަ ތަންކޮޅެއް ކުޑަވުމުން ފަހަރެއްގައި މާ ބައިވަރު މެހެމާނުން އަންނަނަމަ މިއީ އެންމެ ރަނގަޅު ތަން ކަމުގައި ނުވެދާނެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލް

ހަމައެއާއިއެކު، ޗަމްޕާ ސެންޓްރަލް ހޮޓެލްއަކީވެސް އިންޑޯ އަދި ރޫފްޓޮޕް ރެސްޓޯރެންޓް ބައި ހުންނައިރު، މިއީވެސް ފޮޓޯއަށް ރީތި، އަދި ޑެކަރޭޓަރުންގެވެސް މަގްބޫލް އެއް ލޮކޭޝަނެވެ. އިކެބާނާ މޯލްޑިވްސް އިން ބުނާގޮތުން އެކި ކަހަލަ ތީމްތަކަށްވެސް މިތަނަކީ ކަމުދާ ތަނަކަށްވާއިރު ތަފާތުު، މިއީ ކަމުދާނެ ލޮކޭޝަނަކަށްވާނެ އެވެ.

މި ނޫނަސް، ކައިވެނީގެ ޕާޓީއަކަށް ލޮކޭޝަނެއް އިޚްތިޔާރު ކުރުމުގައ އެމީހެއްގެ ބަޖެޓަށާއި، ބާއްވަން ބޭނުންވާ ތީމަށާއި، އަދި މެހެމާނުންގެ އަދަދަށް ވިސްނާ ތަފާތު ތަނެއް ނެގިދާނެ އެވެ. މިގޮތުން ރަސްފަންނާއި ސަލްޓަން ޕާކަކީވެސް މިހާރު ލިބެންހުރި ރަނގަޅު ދެ ލޮކޭޝަންއެވެ.

comment ކޮމެންޓް