ރޮކްސެޓްގެ ލަވަކިޔުންތެރިޔާ މަރުވެއްޖެ

ރޮކްސެޓް ބޭންޑުގެ މެމްބަރުން މަރީ ފްރެޑްރިކްސަން (ކ) އަދި ޕާރ ގެސެލް (ވ) ---

އަށްޑިހައިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސްވީޑަންގެ ޕޮޕް ރޮކް ބޭންޑު "ރޮކްސެޓް"ގެ ލަވަކިޔުންތެރިޔާ މަރީ ފްރެޑްރިކްސަން، އެތައް އަހަރެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 61 އަހަރުގައި މަރުވެއްޖެއެވެ.

ސްވިޑިޝް ޕޮޕްސްޓާ މަރީ މަރުވީ މިއަދުގެ ވަގުތެއްގައިކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ހިޓުވި ފިލްމު "ޕްރިޓީ ވުމަން"ގެ ލަވަ "އިޓް މަސްޓް ހެވް ބީން ލަވް" އަދި "ލިސްން ޓު ޔޯ ހާޓް" ފަދަ ލަވަތަކުން ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ރޮކްސެޓް ބޭންޑުގެ މަރީ މިއަދު މަރުވީ ކެންސަރު ބަލީގައި 17 އަހަރު ދުވަސް ހޭދަކުރުމަށްފަހުއެވެ.

ރޮކްސެޓްގައި މަރީއާ އެކު މަސައްކަތްކުރި ޕާރ ގެސެލް ބުނި ގޮތުގައި، މަރީއަކީ މިދިޔަ 40 އަހަރު ދުވަހު އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި އޭނާ ވަކިކީ އެތައް ހަނދާނެއް ދޫކޮށްފައި ކަމަށެވެ.

މަރީގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އޭނާއަށް އެނގުނީ 2002 ވަނަ އަހަރުއެވެ. އެ ޓިއުމަރުގެ ސަބަބުން އޭނާގެ ކަނައަތު ލޮލުގެ ފެނުން ގެއްލުނެވެ. ނަމަވެސް ތިން އަހަރު ދުވަހު ފަރުވާ ނެގުމަށްފަހު އޭނާ އަނެއްކާވެސް ރޮކްސެޓްގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

އެގޮތުން 2006 ވަނަ އަހަރުން ފެށިގެން 2016 އާ ހަމައަށް ރޮކްސެޓް ބޭންޑާއެކު އޭނާ ޓުއާކުރިއެވެ. ނަމަވެސް ޓިއުމަރު އަނެއްކާވެސް އެނބުރި އައުމުން އޭނާ ރިޓަޔާކުރަން ޖެހުނެވެ.

މަރީގެ ރޮކްސެޓަކީ ވަރަށް ބޮޑެތި ކާމިޔާބީ ހޯދާފައިވާ ބޭންޑެކެވެ. އެގޮތުން އެ ބޭންޑުގެ ރިކޯޑުތަކުގެ 75 މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެެވެ.

comment ކޮމެންޓް