ހިތާނުކުރި ކުއްޖާ ފިހުނު މައްސަލަ ހޮސްޕިޓަލުން ބަލަނީ

ހުޅުމާލެ ހޮސްޕިޓަލް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ހޮސްޕިޓަލުގައި ހިތާނުކުރި ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ކުރިމަތިފަރާތް ފިހުނު މައްސަލަ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ހިތާނުކުރި ކުއްޖާގެ ކުރިމަތި ފަރާތް ފިހުނު މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.

އެ މައްސަލަ ދިމާވެފައިވަނީ ކުއްޑަކުއްޖާ ގެއަށް ދޫކޮށްލި ފަހުން ކުރިމަތިފަރާތުން ލޭ އަންނާތީ ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. އެކުއްޖާއަށް ފަރުވާ ދިނުމަށް ގެންދިޔުމުން އިމަޖެންސީގައި ތިބި ދެ ޑޮކްޓަރަކު އުނގުޅި ބޭހެއްގެ ސަބަބުން އެކުއްޖާގެ ކުރިމަތިފަރާތް ފިހިގެން ދިޔަކަމަށް ކުރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ އެފަދަ ހާދިސާއެއް ހޮސްޕިޓަލުގައި ހިނގާފައިވާ ކަމަށާއި ކުއްޖާގެ އާއިލާއަށް ގުޅައި ކުއްޖާގެ ހާލަތު ބަލައި މައާފަށް އެދިފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ މައްސަލައާ ގުޅުންހުރި މުވައްޒަފުންގެ ބަޔާން ނަގާފައިވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކުއްޖާގެ ގައި ފިހުނު ތަން ސީރިއަސް ނޫންކަމަށް ވި ނަމަވެސް އެފަދަ ކަމެއް ވެގެން ނުވާނެ ކަމަށެވެ.

އެކުއްޖާގެ އާއިލާއިން ބުނިގޮތުގައި އެކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ދިޔުމުން އެކުއްޖާއަށް އެމާޖެންސީގައި ފަރުވާ ދީފައިވަނީ ހިތާނީ ޑޮކްޓަރުގެ އެއްވެސް ލަފަޔަކާ ނުލައެވެ.

އެ ބޭސް އުނގުޅުމަށްފަހު ދެ ޑޮކްޓަރުން އެތަނުން ނިމުގެން ދިޔަ ކަމަށާއި ފަހުން އެ ދެމީހުން އަނބުރާ އައިސްފައި ނުވާ ކަމަށްވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް