އޮޑިޓުން ފެންމަތިވީ އެމްޕީއެލްގެ އެތައް ހިޔާނާތެއް!

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮށްފައިވާ އެތައް މިލިއަން ރުފިޔާގެ ހަރަދުތަކުގައި ހިޔާނާތައް ތުހުމަތުވާ ބޮޑެތި ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކަންކަން ތަހުގީގު ކުރަން އޮޑިޓާ ޖެނެރަލް އެދިވަޑައިގެންފި އެވެ.

އޮޑިޓް އޮފީހުން އެކުލަވާލައި މި ހަފްތާ އާންމުކުރި، 2015-2017 ވަނައަހަރުގެ "އެމްޕީއެލްގެ ޕްރޮކިއުމަންޓާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް"ގައިވާ ގޮތުގައި ހާމަކަން ބޮޑުގޮތެއްގައި ވާދަވެރި ބީލަމެއްގެ ތެރެއިން ގަނެވިދާނެ ތަކެތިވެސް އެމްޕީއެލްއިން ގަތީ ވާދަވެރި ބީލަމަކަށް ނުގޮސް، ސީދާ ވަކި ބައެއްގެ އަތުން އަގު ހޯދައިގެން އެވެ. އެގޮތުން ގަނެފައިވާ ތަކެތީގެ ތެރޭގައި ޕިކަޕާއި، ލޮރީ، ދޯނި އަދި ދިދަ ފަދަ ތަކެތި ހިމެނެ އެވެ.

އެ އޮޑިޓްގައި ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވާދަވެރި ބީލަމަކަށް ދެވެން އޮތް ނަމަވެސް، އެކަން ނުކޮށް ވަކި ބައެއްގެ އަތުން އަގު ހޯދައިގެން ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ހިދުމަތުގެ އަގު 86.1 މިލިއަން ރުފިޔާއަށް އަރަ އެވެ. އޮޑިޓްގައި ފާހަގަ ކުރި ގޮތުގައި އޭގެ ތެރެއިން 69.2 މިލިއަން ރުފިޔާގެ ތަކެތި ކުންފުންޏަށް ގަނެ ހިދުމަތް ހޯދާފައި ވަނީ ކުންފުނީގެ ބޯޑުން އެޕްރޫވަލް ދީގެން އެވެ. އަދި އޭގެ ތެރެއިން، 15.2 މިލިއަން ރުފިޔާގެ ތަކެތި ހޯދީ، އިމަޖެންސީ ހާލަތުގައި ކަމަށް ބުނެފައިވީ ނަމަވެސް، އެ ހަރަދުތައް ބަލައި ދިރާސާކުރި އިރު އެފަދަ، ހާލަތެއް ނެތް ކަމަށް އޮޑިޓަރުންނަށް ހާމަވި ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމްޕީއެލްއިން އަމަލު ކުރަމުން އައި، "ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި ސްޓްރެޓެޖީ އާއި ގަވާއިދު"ގެ ދަށުން ކުއްލި ހާލަތްތަކުގައި ގަންނަން ޖެހޭ ތަކެތި އަދި ހިދުމަތް ފިޔަވައި، 25،000 ރުފިޔާއަށް ވުރެ މަތީ އަގުގެ ތަކެތި ގަނެ، ހިދުމަތް ހޯދަން ވާނީ އަންދާސީ ހިސާބަށް ހުޅުވާލައިގެން އެވެ.

އޮޑިޓް ރިޕޯޓްގައި ތުހުމަތު ކުރަނީ، އެމްޕީއެލްއިން ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް ކޮށްފައިވާ 86.1 މިލިއަން ރުފިޔާގެ ހަރަދު އާންމުކޮށް ހުޅުވާލައިގެން ކޮށްފައި ނުވަނީ، އާންމު ބީލަމުގެ އުސޫލުން އިއުލާންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތްތައް ނުހޯދައި ފަރުޖެއްސުމުގެ ގޮތުން، ގަސްތުގައި ވަކި ފަރާތްތަކަށް އެ މަސައްކަތްތައް ހަވާލުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެހެން ކަމުން، އެ މައްސަލަ، އޭސީސީއިން ތަހުގީގު ކޮށްދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ ރިޕޯޓްގައި އެދިވަޑައިގެންފަ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ "އިމަޖެންސީ ހާލަތެއް" ކަމަށް ބުނެ 1.08 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވަކި ކުންފުންޏެއްގެ އަތުން، 18 އޭސީއެއް ކުންފުންޏަށް ގަނެފައިވުމެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ، އެ އޭސީތައް ގަނެފައި ވަނީ މާކެޓްގައި އޭސީ ވިއްކުމަށް ހަރަކާތްތެރިވާ ކުންފުންޏެއްގެ އަތުން ނޫން ކަމަށެވެ. އެހެންވުމުގެ ސަބަބުން، މާކެޓް އަގުތަކާ އަޅާބަލާއިރު، އެ އޭސީތައް ގަނެފައި ވަނީ، 428،065 ރުފިޔާ އަގުބޮޑުކޮށް ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮޑިޓްގައިވެ އެވެ. އަދި މިހާ އަގުބޮޑުކޮށް ޕްރޮކިއުމަންޓް އުސޫލުތަކުގެ ބޭރުން އޭސީތައް ގަތް މައްސަލަ، އޭސީސީއިން ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްޕީއެލްއިން ޕޭމަންޓް ގާތަކެއް ގަތުމަށް އިންޑިއާގެ ކުންފުންޏަކާ އެކު 2016 ގައި އެމްޕީއެލްއިން ހެދި އެއްބަސްވުމެއްގެ ދަށުން އިންޑިއާ ކުންފުނީގެ ރާއްޖެ އެޖެންޓަށް ވަނީ އިތުރަށް 169،728 ރުފިޔާ ދައްކައިފަ އެވެ. އެގޮތަށް ދިމާވީ، ޑޮލަރު ރޭޓަކީ 17 ރުފިޔާގެ ރޭޓުން ބަލައިގެން ފައިސާ ދައްކާފައިވުމާއި ސަޕްލައި ނުކުރާ ގަލަށް ވެސް އެ ކުންފުނީގެ ލޯކަލް އެޖެންޓަށް ފައިސާ ދީފައިވުމެވެ. އެހެންވެ، އެ ފައިސާ އަނބުރާ އެމްޕީއެލްއަށް ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އެމްޕީއެލްއިން ބައެއް މަސައްކަތްތައް ކުރުވާފައި ވަނީ، މަސައްކަތުގެ އެއްބަސްވުން ނުހަދާ ކަން ވެސް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އެގޮތުން 164.80 މިލިއަން ރުފިޔާގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރީ އެއްބަސްވުމެއް ނެތި ކަމަށް އޮޑިޓްގައިވެ އެވެ.

އެމްޕީއެލްގެ ޕްރޮކިއުމަންޓްގެ އިސްވެރިޔަކާ ގުޅުން އޮންނަ ކުންފުންޏަކުން 2016 އަދި 2017 ގައި 3.08 މިލިއަން ރުފިޔާގެ މުދާ އެމްޕީއެލްއަށް ގަނެފައިވާ މައްސަލަ ވެސް ހާއްސަ އޮޑިޓް ރިޕޯޓްގައި ފެންމަތިކުރި އެވެ. އެގޮތުން އެ ވެރިޔާ އިސްކޮށް ހަރަކާތްތެރިވާ ކުލަބެއްގެ ހިންގާ ބޯޑްގައި ހިމެނޭ ތިން މެންބަރަކު ހިއްސާވާ ކުންފުނިތަކަކުން އެމްޕީއެލްއަށް މުދާ ގަތުމުގެ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން އުޅުނީ، އެ ކުންފުނިތަކާ މަސްލަހަތު އޮތް އެމްޕީއެލްގެ ވެރިޔާކަން ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ، އެމްޕީއެލްއިން އަމަލުކުރާ ޕްރޮކިއުމަންޓް ގަވާއިދުތަކުގައިވާ ގޮތުން، އެ ކުންފުނީގެ މުވައްޒަފެއްގެ މަސްލަހަތު އޮންނަ މީހަކަށް ނިސްބަތްވާ ކުންފުންޏަކުން ތަކެތި ގަނެ، ހިދުމަތެއް ހޯދައިގެން ނުވާނެ އެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ ވިޔަފާރިތަކާ ގުޅޭ މައުލޫމާތު މުވައްޒަފުން ލިޔެކިޔުމުން ހާމަކުރަން ވެސް ޖެހެ އެވެ. އެހެން ނަމަވެސް، ޕްރޮކިއުމަންޓްގެ އިސްވެރިޔަކު މަސްލަހަތު އޮންނަ ކުންފުންޏަކުން 3.08 މިލިއަން ރުފިޔާގެ ތަކެތި ގަތް އިރު، އެ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަން ވެސް ވަނީ އޮޑިޓްގައި ފާހަގަކޮށްފަ އެވެ. އެ ކުންފުނިތަކުން އެމްޕީއެލްއަށް ތަކެތި ގަތުމަކީ، ވަކި ބަޔަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަމަކަށް ވާތީ، އޭސީސީއިން އެކަން ތަހުގީގު ކުރަން ވަނީ އޮޑިޓްގައި ލަފާދީފަ އެވެ.

މީގެ އިތުރުން ވެސް ހެވީ ވެހިކަލްތަކާއި ދޯނި ފަދަ ބޮޑެތި ވެހިކަލްތައް ގަތުމުގައި ވެސް އެމްޕީއެލްއިން އަމަލުކޮށްފައި ހުރީ ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަކަށް ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރެ އެވެ. އިކުއިޕްމަންޓް ގަންނަ އިރު، ޓެކްނިކަލް އިރުޝާދު ހޯދާފައި ނެތުމުން ވެސް ކުންފުންޏަށް ގެއްލުންވެ، ބައެއް މެޝިނަރީ ވަނީ ބޭކާރުވެސް ވެފައި ކަމަށް އޮޑިޓްގައިވެ އެވެ. އަދި ޑޮލަރު ގަތުމުގެ މުއާމަލާތްތައް ވެސް ހިންގީ ކުންފުންޏަށް ގެއްލުންވާ ގޮތަށްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް