ހައްގުތަކުގެ ދުވަހު އިދިކޮޅުން ކަނު ބަނދެގެން އދ. އޮފީސްކުރިމަތީ މުޒާހަރާކޮށްފި

އިދިކޮޅުން ބޭއްވި ހިމޭން އިހުތިޖާޖް --- ފޮޓޯ/ ޕީޕީއެމް

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހު، އިދިކޮޅު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން ކަނު ބަނދެގެން މާލޭގައި ހުންނަށް އދ. އޮފީސް ކުރިމަތީ މުޒާހަރާކޮށްފި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ރައީސް ޔާމީން ގެންދަވަނީ ޖަލު ތަންފީޒު ކުރައްވަމުން އެވެ. އިދިކޮޅުން ވަނީ އެއީ ސިޔާސީ ހުކުމެއް ކަމަށާއި އެހުކުމް ބަލައި ނުގަންނަ ކަމަށް ބުނަމުން އެވެ.

ބޮޑު ތަކުރުފާނުގައި މަގުގައި ހުންނަށް ހ. އާގޭގައި ހިންގަމުން އަންނަ އދ. ގެ އޮފީސް ކުރިމަތީ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުުން މިއަދު މެންދުރު މުޒާހަރާ ކުރިއިރު، ތިބީ ކަޅު ކުލައިގެ ފޮތިތަކުން ކަނު ބަނދެ، ބޯޑުތަކެއް ހިފައިގެނެވެ. ބޯޑުތަކުގައި އިނގިރޭސީ ބަހުން ލިޔެފައި ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރުއީ ދާއިރާއަށައި ފުލުހުންގެ މުއައްސަސާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އެއްވެ، އުޅުމުގެ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރުމަށް އެ ބޯޑުތަކުގައި ވަނީ ލިިޔެފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު، "ސަން" އަށް ވިދާޅުވީ، އެއީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން، ކަންބޮޑުވުންތައް ބައިނަލްއަގުވާމީ މުޖުމައުއަށް ހާމަ ކުރުުމުގެ ގޮތުން ބޭއްވި ހިމޭން މުޒާހަރާއެއް ކަމަށެވެ.

"ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވީ ނުހައްގުން ކުރި އަނިޔާވެރި ހުކުމަކުން. އެމަނިކުފާނުގެ އިންސާނީ ހައްގުތައް މިވަނީ ގެއްލިފައި. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާ ބާއްވާ މުޒާހަރާތަކަށް ހުރަސް އަޅާ އެ މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަމުންދަނީ. އެކަން އަޑު އިއްވުމަށް ބޭއްވި އެއްވުމެއް މިއީ،" ހީނާ ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް މާލޭގައި ބާއްވާ މުޒާހަރާތަކުގައި ފުލުހުން ދަނީ ބައެއް މީހުން ހައްޔަރު ކުރަމުންނެވެ. ނަމަވެސް ފަހުން އެމީހުން ދޫކޮށްލަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރުމަކީ، މަނާކަމެވެ. އޭރުގެ އިދިކޮޅު އެއްވުންތައް ހުއްޓުވަން އަމާޒުކޮށް ގެނައި އެ އިސްލާހުން އޭރުގެ އިދިކޮޅުގައި ތިބި މިހާރުގެ ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އޭރު ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު ވެރިކަން ލިބުމަށްފަހު، އެ އިސްލާހު ބަދަލު ކުރުމުގެ ވިސްނުމެއް މިސަރުކާރުގައި ނެތެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސަބިތުވީ، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވި އެމްއެމްޕީއާރުސީގެ އެއް މިލިއަން ރުފިޔާގެ އަސްލު އޮޅުވާލުމުގެ މައްސަލަ ސާބިތުވެގެން އެވެ.

comment ކޮމެންޓް