ހިޔާނާތް ވެގެން އަލްޖީރިއާގެ ކުރީގެ ދެ ބޮޑުވަޒީރުން ޖަލަށްލާން ހުކުމްކޮށްފި

އަލްޖީރިއާގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ އަހުމަދު އުޔާހިޔާ (ވ) އާއި އަބްދުލްމާލިކް ސެލާލް ދިގު މުއްދަތަކަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: ރޮއިޓާސް

އަލްޖިއާޒް (ޑިސެމްބަރު 10): އަލްޖީރިއާގެ ކުރީގެ ދެ ބޮޑުވަޒީރެއްގެ މައްޗަށް ކޮރަޕްޝަނާ ގުޅުން ހުރި ދައުވާތަކެއް ސާބިތުވެ، ދެ ބޭފުޅުން ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާގެ ވެރިކަމުގައި ބޮޑުވަޒީރުކަން ކުރެއްވި އަހުމަދު އުޔާހިޔާ އާއި އަބްދުލްމާލިކް ސިލާލްގެ މައްޗަށް ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްތެރިވުމުގެ ދައުވާކޮށްފަ އެވެ. އަދި މިއަދު އެގައުމުގެ ކޯޓަކުން ވަނީ އުޔާހިޔާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށް، 16،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އަދި ސިލާލް 12 އަހަރަށް ޖަލަށްލާން ހުކުމްކޮށް، 8،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އުޔާހިޔާ އާއި ސިލާލް ވަނީ އެ ދެ މީހުންގެ މައްޗަށްކޮށްފައިވާ ދައުވާތައް ދޮގުކުރައްވާފަ އެވެ. އޭގެ ތެރެއިން އުޔާހިޔާ ވަނީ 1995 އާއި މިއަހަރުގެ މާޗް މަހާ ދޭތެރޭ ހަތަރު ފަހަރަކު ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. އަދި ސިލާލް ވަނީ 2014އިން 2017އަށް ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

އެއީ 1962 ވަނަ އަހަރު އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ބޮޑުވަޒީރެއްގެ މައްޗަށް ދައުވާއެއް ސާބިތުވެ، ޖަލަށްލާން ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

އަލްޖީރިއާގައި 1999 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ބޫތަފްލީގާގެ ސަރުކާރާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހު ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވާފަ އެވެ. އެ މުޒާހަރާތައް ފެށީ އޭނާ ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމުންނެވެ. އަދި އޭގެ ފަހުން އެ ސަރުކާރުގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

comment ކޮމެންޓް