އިލްމީ ދިރާާސާކުރަން ގައުމީ ރިސާޗް ކައުންސިލެއް އުފައްދަނީ

އެމްއެންޔޫއިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ތެވެލި ދިރާސާ ކޮންފަރެންސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލްމީ ދިރާާސާކުރަން ނެޝެނަލް ރިސާޗް ކައުންސިލްގެ ނަމުގައި ކައުންސިލްއެއް އުފައްދަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމީ ބިލްގައި ލާޒިމްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގަ އެވެ.

އެ ބިލްގައިވާގޮތުން އެ ބިލް ގާނޫނަކަށްވެ ފާސްކޮށް ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި އެ ކައުންސިލް އުފައްދަން ޖެހޭނެ އެވެ.

އެ ކައުންސިލްގައި ފަސް މެމްބަރުންނާއެކު ކަނޑައެޅޭ ކޮމެޓީތަކުން ކޮންމެ ކޮމެޓީއަކުން ދެ މެމްބަރުން ކައުންސިލްގައި ތިބެން ޖެހެ އެވެ.

އެ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރިސާޗްއާ ގުޅޭ ދާއިރާގެ ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމާއި ރިސާޗްތައް ހެދުމަށް އެހީތެރިވުމަށް ފަންނީ އަދި ފަންޑިން މެކޭނިޒަމްއެއް ގާއިމްކޮށް ތަންފީޒުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ދައުލަތުގެ ރިސާޗް އިންސްޓްޓިިއުޓްގެ ރިސާޗް މަސައްކަތްތަކުގެ އެކްސްޓާނަލް އިވެލުއޭޝަންގެ މަސައްކަތް ރާވާ ހިންގުންވެސް އެ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ރިސާޗް ކައުންސިލްއިން ރާއްޖޭގެ ކިޔަވާ ކުދިންނާއި ކިޔަވައިދޭ މީހުންނާއި ސައިންޓިސްޓުންނާއި ރިސާޗްކުރާމީހުންގެ މުވައްސަސާތަކުގެ މަސައްކަތްތަކަށް އެހީތެރިވެ ނެޝަނަލް ރިސާޗް ޑޭޓާ ބޭސްއެއް ގާއިމްކުރުން ޖެހޭނެކަންވެސް ބިލްގައި ބުނެފައިވެ އެވެ.

ކައުންސިލް ދާއިރާގެ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މެމްބަރަކަށްވުމާއި، ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުގެ ބައިނަލްއަގުވާމީ އިންސްޓްޓިއުޝަންތަކާއެކު އެއްބަސްވުންތައް އެކުލަވާލަން ޖެހޭނެކަމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.

comment ކޮމެންޓް