ޑެންގީ ޖެހިގެން މިހާތަނަށް 4100 ކޭސް ރިޕޯޓްކުރި: އެޗްޕީއޭ

އެޗްޕީއޭއިން މިނިވަން މުއައްސަސާތަކާ ގުޅިގެން ޑެންގީ ހުން ނައްތާލުމުގެ ގައުމީ ކެމްޕޭން ފެށުން: ޓީމުތަކަށް ބަހާލައިގެން ހުޅުމާލޭގެ 12 ސަރަހައްދަކުން މަދިރި ނައްތާލުމުގެ މަސައްކަތް ވަނީ ފަށާފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑެންގީ ހުން ޖެހިގެން މިއަހަރު މިހާތަނަށް 4141 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ އެހެން އަހަރުތަކާ ބަލާއިރު މިއަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް އޮކްޓޯބަރުމަހު މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު 369 ޑެންގީ ކޭސް ރިޕޯޓްކުރިއިރު ނޮވެމްބަރުމަހު 366 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ޑެންގީއާއި ޗިކަން ގުންޏާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވެ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގީ ޖެހުން އިތުރުވިޔަސް މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އޮކްޓޯބަރު މަހާ އަޅާބަލާއިރު ނޮވެމްބަރުމަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަންވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 19910 ކޭސް ރިޕޯޓްކުރިއިރު ނޮވެމްބަރު މަހު 25701 ކޭސް ރިޕޯޓްކުރިކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 229302 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް