މަސްތުގައި ޖެހި ޒުވާނުން ހަވާސާވަމުން ދަނީ މުޅި ދައުލަތުގެ އިހުމާލުން: ރައީސް

މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމައުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން ދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމައަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަސްތުގެ ހާލަތުގައި ތިބޭ ޒުވާނުން މަގުމަތިން ފެނުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ޒުވާނުން ސަލާމަތް ކުރުމަކީ ދައުލަތުގެ ވަރަށް އިސް ވާޖިބެއް ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން އެދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމައަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި މަޗްތުވާތަކެތީގެ ޝިކާރައަކަށް ޒުވާނުން ވެގެންދާން ސަރުކާރުން ދޫކޮށްނުލާނެ ކަމަށެވެ.

ޒުވާނުންނަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ވަރަށް ގިނަ ހައްގުތަކެއް އެބަހުރި ކަމަށާއި މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރުވެސް، ޒުވާނުންނަށް އަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ގަބޫލުކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކަކީ ގާނޫނެއްގައި ލިޔެގެން، ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން، ރައްކާތެރިކޮށް ދެމެހެއްޓޭނެ ހައްގުތަކެއް ނޫން ކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

އަދި އިންސާނީ ހައްގުތަކަކީ ހަމައެކަނި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުން ރައްކާތެރި ކުރެވޭނެ ހައްގުތަކެއް ނޫން ކަމަށެވެ.

"މިކަމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާ. ވަކިން ހާއްސަ ގޮތެއްގައި، ގައުމުގެ ކުރިމަގު އެބަޔަކަށް ވާރުތަވާން ތިބި މިއަދުގެ ޒުވާނުން، މިކަމުގައި އަދާކުރަންޖެހޭ ދައުރު ވަކިން ބޮޑުކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައިވެސް، މިއަދު އެންމެ ބޮޑު އިސްކަމެއްދެނީ، ތިމާވެށި ރައްކާތެރި ކުރުމަށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާ ދިރިއުޅޭ މާހައުލަކީ، ދިރިހުރުމުގެ ހައްގު ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ މާހައުލަކަށް ހެދިގެން ނޫނީ، އިންސާނީ ހައްގުތަކުގެ އެންމެ ފުރަތަމަ ހައްގު ކަމުގައިވާ ދިރިހުރުމުގެ ހައްގު ވެސް ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތިމާވެށްޓަށް ހުރި އެންމެ ބޮޑު ގެއްލުމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ކަމަށާއި ރާއްޖެއަކީ އެބާވަތުގެ ޕްލާސްޓިކް އެއްގޮތަކަށް ވެސް ނުގެންގުޅޭ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ރާއްޖެ ތަރައްގީ ކުރުމުގައި އަޅުގަނޑުމެން މި ގެންގުޅެނީ، ތިމާވެށްޓާ އެއްކީލި ސިޔާސަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގަށް އެންމެ ބޮޑަށް ހުރަސްއެޅެނީ، އިގްތިސޯދީ ބައެއް ހަރަކާތްތަކުގެ ސަބަބުން ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކާއި، ގޭބިސީތައް ކައިރީގައި ހިންގާ ވޯޝޮޕްތަކާއި، ގަރާޖްތަކުގެ ސަބަބުން، ފުރާނައަށް ގެއްލުންވާ އެތައް މައްސަލަތަކެއް ކުރިމަތިވާކަން ރައީށް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް