ނަޝީދު އިންޑިއާއަށް ދެއްވި ޔަގީންކަމަކީ "ޗައިނާގެ ދަންތުރައިން" ސަލާމަތްވާނެކަން

ރައީސް ނަޝީދު އިންޑިއާގެ ނާއިބު ރައީސް ވެންކައިއާ ނައިޑޫއާއެކު--- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ޗައިނާގެ ލޯންގެ ދަންތުރައިން ސަލާމަތްވާން ރާއްޖެ އޮތީ ތައްޔާރަށްކަމަށް ވިދާޅުވެ، މިހާރު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ޗައިނާއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.

ރައީސް ނަޝީދާއި މަޖިލީހުގެ މެމްބަރުން މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނީ، އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖެއިން ޗައިނާގެ ލޯންގެ ދަންތުރައިން ސަލާމަތްވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއިން ދިން ލޯންއިން ހިންގި ތަރައްގީގެ މަޝްރޫއުތަކުން ރާއްޖެއަށް އިތުރުވި ދަރަނީގެ އެސެސްމަންޓްއެއް މިހާރު ހަދަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނާއިބު ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ގުޅުން ގޯސްވިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް އެހީވެ، ހަގީގީ ޑިމޮކްރަސީ އިއާދަކުރުމަށް އެހީވެވިދާނެ ކަމަށެވެ.

"ރާއްޖެ އާއި އިންޑިއާގެ ރައްޔިތުން ކަނީ އެކައްޗެއް، ކިޔަނީ އެއްފޮތްތަކެއް، ބަލަނީ އެއް ފޮތްތަކެއް. އެ ކަންތައްތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ. މޫސަމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ދެ ގައުމުން ދެކޭގޮތް އެއްގޮތްވުމަކީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ، ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީއަށް ތައުރީފްކުރައްވައި އޭގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމުގެ ދޮރު އޮތްކަމަށް ވިދާޅުވެފަ އެވެ.

އާންމުކޮށް ޗައިނާއަށް ބަހުގެ ހަމަލާ ދެމުންގެންދަވާ ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާއިން އެކިގައުމުތަކަށް ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ލޯނުދީ ގައުމުތައް ދަރުވާލުމުގެ ފިލޯސަފީއެއް ގެންގުޅޭ ކަމަށެވެ. އެ މައްސަލައިގައި ޗައިނާގެ ސަފީރާ ރައީސް ނަޝީދާ ދެމެދު ޓުވިޓާގައި ބަހުގެ ހަމަލާތަކެއްވެސް އެތަކެއް ފަހަރަކު ބަދަލުކޮށްފައިވެ އެވެ.

ނަޝީދު ވަނީ ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ވަނީ އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްވެސް ރާއްޖެއަށް ހޯދައިފަ އެވެ.

comment ކޮމެންޓް