ދީނުގެ ނަމުގައި ކުދިންގެ ހައްގުތަކަށް އަރައިގަތުން ތަހައްމަލެއް ނުކުރާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮކްޓޫބަރު މަހު ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

ދީނުގެ ނަމުގައި ފަތުރާ ހަރުކަށިފިކުރުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިސަރުކާރުން ތަހައްމަލު ކުރާނެ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހަރުކަށި ވިސްނުމުގެ ފިރިހެނަކު އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި އެމީހާގެ ދަރިއަކަށް ބަލިވެ އިނދެ އެކުއްޖާ މިހާރު ވަނީ ވިހައިފަ އެވެ.

މައްސަލައިގައި ހިމެނޭ ފިރިހެން މީހާ މިހާރު ވަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރުވެސް ކޮށްފައެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ އެއްވެސް އަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.

"ދީނުގެ ނަމުގައި ފަތުރާ ހަރުކަށިފިކުރުގެ ތެރެއިން ވިޔަސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިސަރުކާރުން ތަހައްމަލު ކުރާނެ ކަންތައްތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނު، މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ތަސްދީގުކުރައްވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 18 އަހަރު ނުފުރޭ ކުޑަކުދިންގެ ކައިވެނި ކޮށްދިނުން ވަނީ ކުށަކަށް ވެފަ އެވެ. އަދި އުމުރުން 15 އަހަރު ނުފުރޭ ކުދިންނަކީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކުދިން ކަމުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް ވިދާޅުވީ އިންސާނާގެ ހައްގުތައް ފެށޭ އިމަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަންނަ ވަގުތު ކަމަށާއި އެ ދަރިފުޅު އުފަންވުމާއެކު، އާންމު އިންސާނުންނާ ހިލާފަށް، ކުޑަކުއްޖެއްގެ ހައިސިއްޔަތުން، އެދަރިފުޅަށް ލިބެންޖެހޭ އެތައް ބައިވަރު ހައްގުތަކަކާއި އިނާޔަތްތަކެއް ހުންނާނެ ކަމަށެވެ.

"އޭގެ ތެރެއިން އެންމެ މުހިންމު ހައްގަކީ، ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމުގެ ހައްގު. ޅަފަތުގަޔާއި އެކި އުމުރުފުރާތަކުގައި ޖަހަންޖެހޭ ވެކްސިންތައް ކުދިންނަށް ދިނުމަކީ، މި ދެންނެވި ހައްގު ކަށަވަރުކޮށްދިނުމުގެ އެންމެ މުހިންމު ބަހާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އުމުރާ ގުޅޭގޮތުން، ސިއްހަތަށް ފައިދާހުރި ކާނާ ދިނުމަކީވެސް ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމަކީވެސް، ކުޑަކުދިންގެ ހެދިބޮޑުވުމުގެ ހައްގުގެ ހިމާޔަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު މިންތީގެ ހަމަހަމަކަމުގެ ވާހަކަ އަޑުހަރުކޮށް ދައްކަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، މުޖުތަމައުގައި އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައިދިނުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައިވާނީ އެކަމަށް އިސްކަންދީގެން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކުރީ މި ސަރުކާރުން ކަމަށާއި ލޯކަލް ކައުންސިލްތަކުގެ، ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމާއި މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންގެ 35 އިންސައްތައަކީ، އަންހެނުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިކަންކަމުން ދޭހަވަނީ ދައުލަތުގެ މަތީ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ސަމާލުކަންދޭ މިންވަރު ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 16 އަހަރުކުރިން ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކޮމިޝަނެއް އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުތަކުގައި، ތަފާތު އެތައް ސަބަބުތަކަކާހުރެ، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރެވިފައިނުވާ ކަމަށާއި، އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެހެންނަމަވެސް، މިއަދު ކޮމިޝަނުގެ ހުރިހާ މެންބަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، އެހީތެރިވެ، މުސްތަގިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ޒިންމާކަމަށެވެ. އަދި ދައުލަތެއް ހިނގަނީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކަމަށްވާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނުއަސާސީއާ ހިލާފުވެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާމެދު އިހުމާލުވާނަމަ، އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް، ރައްޔިތުންނަކަށް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް، އެއްވެސް ތަފާތުކުރުމެއް، އިސްތިސްނާއެއް ނެތި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

comment ކޮމެންޓް