ރައީސް ޔާމީން ޖަލުގައި އޮންނެވުމުން އިންޑިއާ ދަތުރުގައި އިދިކޮޅުން ބައިވެރިއެއް ނުވި

އިދިކޮޅުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވަލާ މަޖިލީހުގައި މުޒާހަރާ ކުރުން: އިދިކޮޅުން ވަނީ އިންޑިއާ ދަތުރު ބޮއިކޮޓް ކުރައްވާފައި ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ވަފުދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މި ދަތުރުގައި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ގޮތުން 10 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އަދި ޕީއެންސީގެ އެއްވެސް މެމްބަރެއް އެ ދަތުރުގައި ބައިވެރިވަޑައި ނުގަންނަވައެވެ.

މަޖިލިސް އިދާރާގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެ ދަތުރަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ދައުވަތު ދެއްވި ކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީތަކުން އެ ދަތުރުގައި ބައިވެރި ނުވި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ އިތުރުން، ޖޭޕީގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ އެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ އަށް މެންބަރުން އެ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިންޑިއާ ދަތުރުގައި ބައިވެރިވި 10 ބޭފުޅުން: މި ދަތުރުގައި އިދިކޮޅުން ބައިވެރި ނުވޭ -- ފޮޓޯ މަޖިލިސް

މިކަމާ ގުޅޭ ގޮތުން ޕީޕީއެމް-ޕީއެންސީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، އިދިކޮޅުން އެއްވެސް މެންބަރަކު އެ ދަތުރަށް ވަޑައިނުގެންނެވީ، އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލުގައި އޮންނެވުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އެވެ.

އެ ކޯލިޝަނުން ގަބޫލު ކުރާ ގޮޮތުގައި ސިޔާސީ ހުކުމެއް ކުރައްވައި، އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވީ އިންސާފުން ބޭރުން އެވވެ. އެހެން އެކަން އޮއްވާ ވާދަވެރި ޕާޓީތަކާއެކު ދަތުރު ކުރުމަކީ، ފަސޭހަކަމަކަށް އިދިކޮޅަށް ނުފެނުނީ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކީ، މި ސަރުކާރުން ކޯޓަށް ނޫފޫޒު ފޯރުވައިގެން އިއްވި ހުކުމެއް ކަމަށް އެ ކޯލިޝަނުން މީގެ ކުރިން ވަނީ ނިންމާފަ އެވެ. އަދި އެ ހުުކުމް ގަބޫލު ނުކުުރުމަށް ވެސް އެ ކޯލިޝަނުން ވަނީ ނިންމާފަ އެވެ.

އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގައި ތަޅުމުގައި އެކަމާ ދެކޮޅަށް އިހުތިޖާޖުވެސް ކުރަމުން އެވެ. އަދި ގިނަ ވޯޓްތަކުގައި ވެސް އެބޭފުޅުން ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

މި ދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ އެވެ.

އެ ދަތުރުގައި އިންޑީއާގެ ބައެއް ހާއްސަ ތަންތަނަށްވެސް މަޖިލީހުގެ ރައީސް އާއި ވަފުދުން ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް