ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމުން ސަރުކާރުން ބިރެއް ނުގަނޭ: ރައީސް

ނޮވެމްބަރ 28، 2019: ރަައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ހުކުމް ކުރި ދުވަހު ކުރިމިނަލް ކޯޓް ބޭރުގައި މުޒާހަރާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ ބިރުގަންނަ ކަމެއް ނޫން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާންމު އިޖުތިމާއީ ހަމަތަކުން ބަލާއިރު ކޮންމެ މީހަކަށް ވެސް ބޭނުންވާ އެންމެ އަސާސީ އެއް ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ރައްޔިތުންނަށް ކޮންހެން ބޭނުންވާ ހައްގެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި ވެރިކަމާ ރާއްޖެ ކުރިމަތިލީ އިރު، ރާއްޖޭގައި އަށަގަންނަމުން ދިޔައީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށްފަހު، އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި އެކަންކަމުން ބޯދަމައިގަތުމުގެ ސަގާފަތެއް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ސަގާފަތް ބަދަލުކުރުމަށް ކަމަށެވެ.

މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ގާނޫނެއް ފާސްކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަސްތޮޅު އެޅުވިކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރަން އެއްވެސް ސަރުކާރެއް ޖެހިލުން ވާން ޖެހޭ ކަމެއް ނޫން. ހަމަގައިމުގެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ތަސްދީގުކުރެއްވި ބިލަކީ އަބުރުގެ ގާނޫނު އުވާލުމުގެ ބިލްކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ ގާނޫނުއަސާސީގެ އިމުގެ ތެރޭގައި ހިޔާލުފާޅުކުރުމާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން އެއްވެސް މީހަކު ގާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ދޫކޮށްލާފައި އޮތް ކަމަށެވެ.

"ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ވެސް އަންނަނީ ފާޑުކިޔައި ހިޔާލު ފާޅުކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް ވެސް އަދި ސަރުކާރަށް ވެސް ލިބޭ ހިތްވަރެއް ކަމަށާއި ދައުލަތުގެ ޒިންމާތަކާ ހަވާލުވެގެން ތިބޭ މީހުން ޒިންމާދާރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ހިޔާލުފާޅުކުރުމާ ނޫސްވެރިކަން ހިފަހައްޓާފައި އޮތް އިރު އަބަދު އަޑުއިވެނީ ސަރުކާރުން ނުހައްގުން އަނިޔާކުރާ ވާހަކަ އާއި މީހުންގެ ހައްގުތައް ނިގުޅައިގަންނަ ވާހަކަ ކަމަށެވެ. ނަމަވެސް މިހާރު ހިޔާލު ފާޅުކުރަމުން ދަނީ ގައުމުގެ ކަންކަން ބިނާކުރުމަށާއި މިހާރު ދައްކަނީ ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ޒިންމާކަމާއި ދައުލަތެއް ހިނގަނީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކަމަށްވާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނުއަސާސީއާ ހިލާފުވެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާމެދު އިހުމާލުވާނަމަ، އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް، ރައްޔިތުންނަކަށް ނޯންނާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް، އެއްވެސް ތަފާތުކުރުމެއް، އިސްތިސްނާއެއް ނެތި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، ދިވެހިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިހްސާސްކުރެވޭ ފަދަ އަމާން ވެށްޓެއް ގާއިމުކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް