ވެކްސިން ޖެހުމާ ދުރުވުމުން 27 އަހަރު ފަހުން މެލޭޝިއާއިން ޕޯލިއޯ ފެނިއްޖެ

މެލޭޝިއާއިން ވަނީ 27 އަހަރު ފަހުން ޕޯލިއޯ ފެނިފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ޑިސެމްބަރު 10): މެލޭޝިއާގެ ތިން މަހުގެ ކުއްޖަކަށް ވާބަލި ނުވަތަ ޕޯލިއޯ ޖެހިއްޖެ ކަމަށް އެގައުމުގެ ޑޮކްޓަރުން ބުނެފި އެވެ.

މެލޭޝިއާގެ ބޯނިއޯ އައިލެންޑުގައި އޮންނަ ސަބާ ސްޓޭޓުގެ ކުއްޖަކަށް ޕޯލިއޯ ޖެހިފައިވާ ކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އެކުއްޖާ ހުން އައިސް، ހަށިގަނޑުގެ މަސްތަކުގައި ވަރެއް ނެތުމުން ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. އެއީ ފާއިތުވި 27 އަހަރު ތެރޭ މެލޭޝިއާއިން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.

"އެކުއްޖާއަށް ދަނީ އައިސޮލޭޝަން ވޯޑުގައި ފަރުވާ ދެމުން. ކުއްޖާގެ ހާލު ރަނގަޅު. ނަމަވެސް ނޭވާލަން އަދިވެސް އެހީ ބޭނުންވޭ،" މެލޭޝިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ނޫރު ހިޝާމް އަބްދުﷲ ވިދާޅުވި އެވެ.

މެލޭޝިއާއިން 1992 ވަނަ އަހަރުގެ ފަހުން ޕޯލިއޯ ފެނިފައި ނުވާތީ، އެގައުމުން ޕޯލިއޯ ނައްތާލެވިއްޖެ ކަމަށް 2000 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެގައުމުން އަނެއްކާވެސް ޕޯލިއޯ ފެނިފައި ވަނީ، އަވަށްޓެރި ފިލިޕީންސްއިންވެސް ފާއިތުވި ތިން މަސް ތެރޭ ޕޯލިއޯގެ ހަތަރު ކޭސްއެއް ރިޕޯޓު ކުރި ފަހުންނެވެ. އޭގެ ކުރިން އެގައުމުގެ މީހަކަށް ޕޯލިއޯ އެންމެ ފަހުން ޖެހުނީ 1993ގަ އެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން އާއި ޔުނިސެފުން ވަނީ މެލޭޝިއާއިން ފެނިފައި ވަނީ ފިލިޕީންސްއިން ފެނުނު ޕޯލިއޯ ވައިރަސް ކަމަށް ބުނެފަ އެވެ. އަދި އެ ވައިރަސް ފެތުރެނީ އާބާދީގައި ވެކްސިން ޖަހާ މިންވަރު މަދުވުމުން ކަމަށް ބުނެފަ އެވެ.

ޕޯލިއޯއަށް ދެވޭ ފަރުވާއެއް ނޯވެ އެވެ. އެހެންކަމުން އެބަލިން ރައްކާތެރިވެވޭނީ ވެކްސިން ޖަހައިގެންނެވެ. ކުޑަކުދިންނަށް ޕޯލިއޯ ވެކްސިންގެ ހަތަރު ޑޯޒް ދެ އެވެ.

ޕޯލިއޯ އާއްމުކޮށް ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށްވީ ނަމަވެސް ވެކްސިން ނުޖަހާނަމަ ބޮޑެތި މީހުންނަށްވެސް އެބަލި ޖެހެ އެވެ. އެބަލި އާއްމުކޮށް ފެތުރެނީ ވައިރަސް ހުރި މީހެއްގެ ބޮޑުކަމުދާ ނަޖިހުގެ ޒަރިއްޔާއިންނެވެ. އެބަލި ޖެހި ބައެއް ހާލަތްތަކުގައި ވާގިނެތޭ ގޮތްވެ، މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މެލޭޝިއާ އާއި ފިލިޕީންސްއިން ޕޯލިއޯ ފެނިފައި ވަނީ ދެގައުމުގައި ވެސް ވެކްސިން އާ ދެކޮޅު ކެމްޕެއިންތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް