ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓެއް އުފައްދަން ބިލެއް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ -- ފޮޓޯ/ މަޖިލިސް

"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓެއް އުފައްދަން ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ އެކައުންޓެންޓެއް ކަމަށްވާ، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ އެކައުންޓެންސީ ފަންނާގުޅޭ ކަންކަން، ބައިނަލްއަގުވާމީ އުސޫލުތަކާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަންޒީމުކޮށް، ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށެވެ.

އެގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނަށް ފާސްވެ، ތަސްދީގު ކުރުމަށްފަހު ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އުފެދިގެން ދާނެއެވެ. އެ އިންސްޓިޓިއުޓް ވެގެންދާނީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސަކަށެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

އަދި މި ދާއިރާގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި އިންސްޓިޓިއުޓްގައި ރަޖިސްޓްރީވާ މީހުން އަމަލުކުރަންޖެހޭ ޕްރޮފެޝަނަލް ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، އެ ފަރާތްތަކުން އެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުން މަތިން އަމަލު ކުރާކަން ކަށަވަރުކުރަން ޖެހެއެވެ.

ޕްރައިވެޓް ސެކްޓާ އާއި ޕަބްލިކް ސެކްޓާގައި އަމަލުކުރެވޭ ފައިނޭންޝަލް އެކައުންޓިން ސްޓެންޑާޑްތަކާއި، އޮޑިޓިން ސްޓެންޑާޑްތަކާއި އެކައުންޓިންގ އާގުޅޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު، މި ގާނޫނުން އެ އިންސްޓިޓިއުޓަށް ލިބިދީފައިވެއެވެ.

އިންސްޓިޓިއުޓުގެ ކަންކަން ރާވައި ހިންގާނީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލަކުންނެވެ. އެ ކައުންސިލްގައި ތިބޭނީ އިންތިހާބުކުރާ ހަތް މެމްބަރުންގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ އެވެ. ކައުންސިލްގެ ދައުރަކީ ކައުންސިލަށް މެމްބަރުން އިންތިހާބުކުރާ ތާރީހުން ފެށިގެން ހަތަރު އަހަރު ދުވަހެވެ.

comment ކޮމެންޓް